ރާއްޖޭގައި ފުޅާ ދާއިރާގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު ރިޓަޔާ ކުރައްވައިފި އެވެ.
އިސްމާއިލް ރިޓަޔާ ކުރެއްވީ ރާއްޖެއަށް އެކި ދާއިރާތަކުން 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ. އޭނާ ރިޓަޔާ ކުރައްވާތީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި ވަލްޑެމާ ފެރަޑާޒް ހަމަޖައްސާފައިވާ ކަމަށް ދިރާގުން ވަނީ ހާމަކޮށްފަ އެވެ.
ވާލްޑޭއަކީ ސައުތު އެފްރިކާގެ ރައްޔިތެކެވެ. އޭނާ ދިރާގާ ގުޅުނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާއެކު އެވެ.
ސަރުކާރުން 1988 ވަނަ އަހަރު ދިރާގު އުފެއްދިއިރު އެ ކުންފުނީގައި އޮތް ޓީމުގައި އިސްމާއިލް ހިމެނިވަޑައިގަތެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް އިސްމާއިލް ވަނީ ކުރައްވާފަ އެވެ.
"ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި، މިއަދުގެ ޑިޖިޓަލް އިގްތިސާދުގެ ބިންގާ އެޅުއްވުމަށް އިސްމާޢީލް މުހިންމު ދައުރެއް އަދާކުރެއްވި،" ދިރާގުން ބުންޏެވެ.

އިންތިގާލީ މަރުހަލާގައި އިސްމާއިލް އާއެކު ވާލްޑޭ ގާތުން މަސައްކަތް ކުރެއްވި އެވެ. އެގޮތުން ދިރާގުން އިސްކަންދޭ ކަންތައްތަކާއި، ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ކުންފުނިން ބުންޏެވެ.











