ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަކަށް އެ މަގާމު ކުރިންވެސް ފުރުއްވި މ. ރަންދޫވިލާ އަމްޖަދު މުސްތަފާ މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މުހައްމަދު މުއިއްޒު އެވެ. މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
މި ސަރުކާރުގައި މިދިޔަ އަހަރު ފެބްރުއަރީ ޑިޕާޓުމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް އެޑްމިނިސްޓަރުގެ މަގާމު ފުރުއްވި އަމްޖަދު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
އަމްޖަދު މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ ވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
މީގެއިތުރުން އަމްޖަދު ވަނީ ޝަރީއާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފަ އެވެ. މިއާއެކު، އަމްޖަދުއަކީ ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.














