އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން 2:30 ގައި ފެށިއްޖެ އެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ.
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ.

މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.













