ލަންކާގެ ރެޕް އާޓިސްޓް ސަންގީ މިނިވަންކުރުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެ

Jun 8, 2026, 7:00 AM
ފޮޓޯ: ޓެމިލް ގާޑިއަން

ފޮޓޯ: ޓެމިލް ގާޑިއަން

ސްރީލަންކާގެ ޓެރަރިޒަމް މަނާކުރާ ގާނޫނު (ޕީޓީއޭ) ގެ ދަށުން ހައްޔަރުކޮށްފައިވާ ތަމަޅަ ރެޕް އާޓިސްޓް "ހިޕްހޮޕް ސަންގީ" މިނިވަންކުރުމަށް ގޮވާލާ އަޑުތައް ގަދަވާން ފަށައިފި އެވެ.

ތަމަޅަ މަދަނީ ޖަމިއްޔާތަކުން މުޒާހަރާ ކުރަމުންދާ އިރު، ތަމަޅަ އަދި ސިންހަޅަ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ސަންގީތުސަން ގަނޭޝްކުމާރު ނަމަކަށް ކިޔާ މި ފަންނާނު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ، އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކެއްގައި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އަށް ތާއީދުކުރާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ. 

އުމުރުން 24 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ޖަފްނާ ޑިވިޝަނަލް ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯއިން ހިންގި ތަހުގީގަކަށް ފަހުގަ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ  މިއުޒިކް ޝޯއެއްގެ ވީޑިއޯތައް އެޑިޓްކޮށް، އެލްޓީޓީއީއަށް ތާއީދު ލިބޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާއަށް އަޕްލޯޑްކޮށްފަ އެވެ.

މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން، 1978 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އޭނާ ބަންދުކޮށްފައި ބެހެއްޓުމާ ދެކޮޅަށް އިއްޔެ އާއި މިއަދު ވެސް މުޒާހަރާކޮށްފައިވާ އިރު، ތަމަޅަ އެކްޓިވިސްޓުންނާއި، ފަންނާނުން އަދި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި ސަގާފީ އަދި ފަންނީ ކަންކަމާ ދެކޮޅަށް ޓެރަރިޒަމް މަނާކުރާ ގާނޫނު ބޭނުންކުރުމަކީ ތަމަޅަ ސަރަހައްދުތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.

މިދިޔަ ހަފުތާގައި ބޭއްވި މިއުޒިކް ޝޯއަކަށް ފަހު، ކުރީގެ މަޝްހޫރު ތަމަޅަ މިއުޒީޝަން އެސް. ޖީ. ސަންތަންގެ ދަރިފުޅު ގޯކުލަން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ކަމަށް ބައެއް ނޫސްތަކުގައިވެ އެވެ. 

ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ މެންބަރު ނަމާލް ރާޖަޕަކްސަ ވެސް ވަނީ ސަރުކާރުން ގާނޫނު ތަންފީޒުކުރަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. 

ގިނަ ފަރާތްތަކުން ބުނާ ގޮތުގައި ފަންނާނުންނާއި ސިޔާސީ ހިޔާލު ފާޅުކުރާ ފަރާތްތަކާ ދެކޮޅަށް ޓެރަރިޒަމް ގާނޫނު ބޭނުންކުރުމަކީ ތަމަޅަ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތެކެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުން އަބަދުވެސް އަމާޒުވާ ޓެރަރިޒަމް މަނާކުރާ ގާނޫނަކީ، މީހުން ހައްޔަރުކުރުމާއި ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގާނޫނެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިންގަޕޫރު ކައިރިން ކާގޯ ބޯޓަކާއި މަސްބޯޓެއް ޖެހިއްޖެ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ނުވަތަ މީހަކު މަރުވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ކަމާބެހޭ އިދާރާތަކުން މި ހާދިސާއާ ގުޅޭ ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވާއިރު، ދެ އުޅަނދު ޖެހެން މެދުވެރިވި ސަބަބެއް ކަށަވަރެއް ނުވެ އެވެ.

ސްކޫލުގައި މޫނުބުރުގާ މަނާކޮށް، ބޭރު ދަރިވަރުން މަދުކުރަނީ

އިޓަލީގެ ސްކޫލްތަކުގައި މޫނުބުރުގާ އެޅުން މަނާކުރުމަށާއި، ކޮންމެ ކްލާހެއްގައި ތިބެވޭނެ ބޭރު ދަރިވަރުންގެ އަދަދު ވަކި މިންވަރަކަށް ކަނޑައެޅުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިޢުލާންކުރެއްވި މި ސިޔާސަތުގެ ދަށުން، ބޭރު ދަރިވަރުންގެ ބެލެނިވެރިން އިޓަލީ ބަސް ދަސްކުރުން ލާޒިމުކުރުމާއި، ހިޖުރަވެރިން މުޖުތަމައަށް ލާމެހުމަށް ބާރުއެޅުން ހިމެނެއެވެ.

އެމެރިކާއިން ހާލަތު ގޯސްކޮށްފި ނަމަ ބަދަލުހިފާނަން: އީރާން

އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި ނުތަނަވަސްކަމާ ގުޅިގެން އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އަންގައި ސަލާމަތީ އިންޒާރު ނެރެފައެވެ. ސަރަހައްދީ މަސްރަހު ގޯސްވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވެސް ދަނީ ކުރަމުންނެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ހޫތީންގެ ހަމަލާތަކުން ސައުދީ ދިފާއުކުރަން ތުރުކީ އޮތީ ތައްޔާރަށް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ތުރުކީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ތުރުކީ، ސައުދީ އަދި ޕާކިސްތާނުގެ މެދުގައި ސޮއިކޮށްފައިވާ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ދަށުންނެވެ. ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށާއި ވިޔަފާރިއަށް ނުރައްކާވަމުންދާއިރު، އެމެރިކާއިން ވަނީ ސައުދީއަށް އަސްކަރީ އެހީ ދިނުމަށް އިންކާރުކޮށްފައެވެ.

ރިޔާދަށް ބެލިސްޓިކް މިސައިލް ފޮނުވި ކަމަށް ހޫތީން ބުނެފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށާއި ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކުގެ ތެރެއިން ބައެއް މިސައިލްތައް ސައުދީން ވައިގެ ތެރޭގައި ގޮއްވާލާފައިވާއިރު، މި ހާދިސާއާ ގުޅިގެން ރިޔާދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox