ޚަލީފާ އަބޫ ޖަޢުފަރުލްމަންޞޫރަށް ޚަލީފާކަމަށް ބައިޢަތުހިފެވި މުސްލިމުންގެ ޚަލީފާއަކުކަމުގައި އިސްކުރެވިއްޖެ އެވެ. އޭނާއަށް ތަހުނިޔާކިޔާ މުބާރަކުބާދުކުރުމަށްޓަކައި ހިންގުނު ފުރަތަމަ ދަރުބާރު ހިނގަމުންދަނީ އެވެ. އެއީ އިސްލާމީ ދައުލަތުގެ އެންމެ ވަރުގަދަ ވެރިކަމެއް ހިންގި އައްބާސީ ދަރިކޮޅުން ކުރި ވެރިކަމުގައި އިސްލާމީ އުންމަތުގެ ޚަލީފާގެ ގޮތުގައި ހުންނެވި ދެވަނަ ޚަލީފާ އެވެ. އިސްލާމީ ތާރީޚްގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ދަރިކޮޅުގެ ހަގީގީ ބާނީއަކީ ވެސް އަބޫޖަޢުފަރުލްމަންޞޫރުކަމުގައި ބުނެވިދާނެ އެވެ.
އައްބާސީ ދަރިކޮޅުން ކުރި ވެރިކަމަކީ އިންތިހާއަށް ވަރުގަދަ އަދި އިސްލާމީ ޙަޟާރަތު ދުނިޔެއަށް ފުޅާވެ މުސްލިމުންނަށް ދުނިޔޭގައި ގަދަކަން ލިބިގެންދިޔަ މުސްލިމުންގެ ރަންޒަމާނަށްވުމުގައި އަބޫޖަޢުފަރުލްމަންޞޫރު އެ ދައުލަތުގެ ބިންގާ އެޅުއްވުމުގައި ކަނޑައެޅުއްވި ހަރުދަނާ ސިޔާސަތުތައް އެއީ މައިގަނޑު ސަބަބެއްގެ ގޮތުގައި ތާރީޚް ޢިލްމުވެރިން ބައްލަވާފައިވެ އެވެ.
ކޮންމެއަކަސް އަބޫޖަޢުފަރުލް މަންޞޫރަށް އެކި މީހުން އެކި އިބާރާތުން އެކި ރާގަށް ސަނާ ތަހުނިޔާ ކިޔައި، އެމަނިކުފާނު ގެންނަވާނެ ސިޔާސީ ބޮޑެތި ބަދަލުތަކަށް ފިކުރު ހިންގައި މަޝްވަރާކުރާން ތިއްބައި މި ދަރުބާރުގެ ތެރެއަށް ބޭރުން ވަޑައިގެންނެވީ މުޤާތިލް ބިން ސުލައިމާނެވެ.
މުޤާތިލް ބިން ސުލައިމާނަކީ ޢިލްމުގެ އަހުލުވެރިންގެ ތެރޭގައި ހިމެނުނު ނަމަވެސް އޭނާ ވައުޒު ބުނުމާއި ދަރުސް ދިނުމުގައި ވަކި މުނާސަބަތެއް އެކަށީގެންވާ ވަގުތެއް ބެލުމެއް ނޯންނަކަމަށްޓަކައި ކޮންމެވެސް ވަރަކަށް އޭނާއާމެދު ފާޑުކިޔުން އަމާޒުވާ ބޭކަލެކެވެ.
ނަރަކައިގެ ވާހަކައާއި މަރުގެ ވާހަކައާއި އާޚިރަތް ދުވަހުގެ ވާހަކަ ހަމަ ކޮންމެ ކޮންމެ ވަގުތެއްގައި ފަށައިގަންނާތީ، އޭނާ ފެނުނަސް ބައެއް ފަހަރަށް މީހުންނަށް ކުއްލި ނުތަނަވަސްކަމެއް ގެންނަ ކަހަލަ ބޭކަލެކެވެ. ދީނީ ވާހަކަދެއްކުމުގައި އެކަށީގެންވާ މުނާސަބު ވަގުތާއި ދަނޑިވަޅަށް ބަލައިގެން ވާހަކަދެއްކުމަކީ ދީނީ ދަޢުވަތު ދިނުމުގެ މައިގަނޑު އުސޫލެއްގެ ގޮތުގައި އިސްލާމީ އިލްމުވެރިން އެއްބަސްވެފައިވެ އެވެ.
މުޤާތިލް ބިން ސުލައިމާން ދަރުބާރަށް ވަދެގެން އަންނަތަން ފެނިފައި ޚަލީފާ އަބޫ ޖަޢުފަރުލްމަންޞޫރު ވިދާޅުވި އެވެ. އެހެރަ އަންނަނީ މުޤާތިލް ބިން ސުލައިމާނެވެ. އޭނާ މި މުނާސަބަތާ ނުގުޅޭ ވާހަކައެއް ދައްކައިގެން އަހަރެމެންގެ މޫޑު ޚަރާބުކޮށްލުމުގެ ކުރިއަށް އެކަމުގައި އިސްނަގާނީ ތިމަންނާ އެވެ. އޭރަށް އޭނާގެ ވާހަކަ މާ ދިގުވެއްޖިއްޔާ ދެން ފުދިއްޖެޔޭ ބުނުމުގެ ބާރު އޮންނާނީ ތިމަންނާއަށްތާ އެވެ.
މިހެން ވިދާޅުވެފައި، މާ ދުރުގައި އޭނާ ހުއްޓައި ގޮވާލައްވާފައި ވިދާޅުވެއްޖެ އެވެ. އޭ މުޤާތިލް ބިން ސުލައިމާނެވެ! އަހަރެމެންނަށް އިބުރަތްތެރި ނަސޭހަތެއް ދެއްވާށެވެ! ދެން މުޤާތިލް ބިން ސުލައިމާން ދެންނެވި އެވެ. އޭ މަތިވެރި ޚަލީފާ އެވެ! ނިކަމެތި އަޅާ އަޑުއެހި ތަނުން ހެއްޔެވެ؟ ނުވަތަ ދެ ލޮލުން ދުށް މަންޒަރެއްގެ ވާހަކަ ހެއްޔެވެ؟
އަޑުއެހި ތަކެއްޗަށްވުރެ މަދުވާނީ ގައިމު ފެނުނު ތަކެތިތާއޭ އަބޫޖަޢުފަރުލް މަންޞޫރުގެ ހިތްޕުޅަށް އަރާފައި ބަސްފުޅު ވިދާޅުވިއެވެ. ފެނުނު މަންޒަރުތަކުން ވައުޒެއް ދެއްވާށެވެ! ދެން މުޤާތިލް ބިން ސުލައިމާން އޭނާގެ ވާހަކަ ފެށި އެވެ.
އައްސަވާށެވެ! އަދުލުވެރިކަމުގައި އެފަދަ ދެވަނައެއް ނެތް މަތިވެރި ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒް ދުނިޔެ ދޫކުރެއްވިއިރު، އެކަލޭގެފާނުގެ ތަރިކައިގެ ގޮތުގައި އޮތީ އެންމެ ބާރަ ދީނާރެވެ. ވާރިސުންގެ ގޮތުގައި އެގާރަ ދަރިކަލުންނާއި އަދިވެސް އިތުރު މީހުން ތިއްބެވެ. އެކަލޭގެފާނު ހިނަވައި ކަފުންކުރުމުގެ ކަންތަކަށް އަދި ފަސްދާނުލުމުގެ ކަންތަކަށް ޖުމުލަ ނުވަ ދީނާރު ހޭދަވި އެވެ. ބާކީ އޮތީ އެންމެ ތިން ދީނާރެވެ. އެކަލޭގެފާނުގެ އެގާރަ ދަރިކަލުންނާއި ބާކީ ތިބި ވާރިސުންނަށް ބަހާލެވުނީ މި ތިން ދީނާރެވެ.
އަޑުއައްސަވާށެވެ! ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކްގެ ވެރިކަން ވެސް އަހަރެމެން ދަންނަމު ނޫންތޯ އެވެ؟ އެމަނިކުފާނު އަވަހާރަވީއިރު ވާރުތަވެރިންގެ ތެރޭގައި ހަތަރު އަނބީންވެސް ތިއްބެވި އެވެ. އެއިން އެންމެ އަތްނބަކަށްވެސް އަށްޑިހަހާސް ދީނާރު ލިބުނެވެ. އެއީ އަދި އެމަނިކުފާނުގެ ތަރިކައިގެ ތެރޭގައި ހުރި ގަނޑުވަރުތަކާއި ބަގީޗާތަކާއި ދަނޑުފަނގުތަކާއި އެނޫންވެސް ބިންތަކުގެ އިތުރުންނެވެ.
ޚަލީފާ އަބޫ ޖަޢުފަރުލް މަންޞޫރު ވިދާޅިވި އެވެ. ތިކަމުގައި އޮތް އިބުރަތަކީ ދެން ކޮބާހެއްޔެވެ؟ މުޤާތިލް ބިން ސުލައިމާން ދެންނެވި އެވެ. އަޑުއައްސަވާށެވެ! އޭ އަމީރުލްމުއުމިނީނެވެ! އަހަރެންގެ މިހިރަ ދެ ލޮލުން ހަމަ އެއް ދުވަހެއްގައި ފެނުނު ދެ މަންޒަރެއްގެ ވާހަކަ އަޑު އައްސަވާށެވެ!
ޢުމަރު ބިން ޢަބްދުލްޢަޒީޒް އަވަހާރަވިތާ އެތައް ޒަމާނެއް ފަހުން އެކަލޭގެގާނުގެ ކާފަ ދަރިކަލަކު ސަތޭކަ އަސް ސަދަގާތް ކުރާތީ ތިމަންނާގެ މި ދެ ލޮލުން ދުށީމެވެ. އޭނާގެ ހުރި މުއްސަނދިކަމާއެކު އޭނާގެ ހުރި ދީލަތިކަމުގެ ވެސް ބޮޑުކަމުންތާއެވެ!
އޭ އަމީރުލްމުއުމިނީނެވެ. ހަމަ އެ ދުވަހުގައި އަހަރެންގެ މި ދެލޮލުން ދުށް އެހެން މަންޒަރެއްގެ ވާހަކަވެސް އަޑުއައްސަވާށެވެ! ހަމަ އެދުވަހުގައި ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކުގެ ކާފަ ދަރިކަލަކު ނިކަމެތި ހާލުގައި ބާޒާރުމަތީގައި ސަލާން ޖަހަން އުޅެނިކޮށް ވެސް އަހަރެން ދުށީމެވެ. އޭ އަމީރުލްމުއުމިނީނެވެ! އިބުރަތަކީ މިއީއެވެ.
މުޤާތިލް ބިން ސުލައިމާން މި ވާހަކައިގައި އިޝާރާތްކުރައްވާފައިވާ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ އަދުލުވެރިކަމުން މިސާލުޖެހޭ ދައުލަތުގެ މުދަލެއްގައި ނުޖެހި އަމާނާތްތެރިކަމާއެކު ވެރިކަން ކުރެއްވި ބޭކަލެއްގެ ގޮތުގައި އެންމެންނަށް އެނގިފައިވާ މަޝްހޫރު ބޭކަލަކެވެ. މިވާހަކައިން އިޝާރާތްކުރަނީ، ތިމާގެ ދަރިފަސްކޮޅުގައި ބަރަކާތްލެވި އެބައިމީހުންގެ މުދާވެރިކަމާއި މުއްސަނދިކަން އިތުރުވެ ވެރިންގެ ދަރިންގެ މުސްތަގުބަލު އުޖާލާކުރެއްވުން ގުޅިފައި އޮތީ، އަދުލުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވެގެން ވެރިކަން ކުރެވުނު މިންވަރެއްގެ މައްޗަށްކަމެވެ.
މިވާހަކަގައި މުޤާތިލް ބިން ސުލައިމާން ފާހަގަކުރެއްވި ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކަކީ އޭނާގެ އަދުލުވެރި ނޫން ފިޔަވަޅުތަކުގެ ވާހަކަ އިސްލާމީ ތާރީޚް އިލްމުވެރިން އެމީހަކާމެދު ނަގުލުކުރެއްވުން ގިނަ ޚަލީފާއެކެވެ. މިދިޔަ ހުކުރު ދުވަހު އަޅުގަނޑު ލިޔުނު ވާހަކައަކުން ކިޔާ މީ ޢީދު ތަހުނިޔާ މި ލިޔުމުގައި ވެސް އެވަނީ ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކްގެ ވެރިކަންކުރެއްވި ގޮތާމެދު އާންމުން ދެކޭގޮތް ދައްކުވައިދޭ ހާދިސާއެކެވެ.


