ޕްލޭޓޯގެ 'ތިއަރީ އޮފް ފޯމްސް' އާއި، 'ތިއަރީ އޮފް ރިކަލެކްޝަން' ދެނެގަތުމަށް މަސައްކަތްކުރުން

ގަދީމީ ފަލްސަފީ ލިޔުންތަކާއި ޖިއޮމެޓްރީގެ ޑައިގްރާމްތަކެއް

ގަދީމީ ފަލްސަފީ ލިޔުންތަކާއި ޖިއޮމެޓްރީގެ ޑައިގްރާމްތަކެއް

ޕްލޭޓޯ މަރުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި ޕްލޭޓޯއަކީ ދޫންޏެކެވެ. ފެންނަނީ އެ ދޫނި ހިފަން އުޅޭ އެއްވެސް މީހަކަށް އަތުނުވެ، އެސޮރު ލުއިލުއިކޮށް އުދުހިލާފައި އެއްގަހުން އަނެއް ގަހަށް ޖައްސަމުންދާ މަންޒަރެވެ. ޕްލޭޓޯގެ އެކުވެރި ސިމިއަސްއަށް (ސިމިއަސް ދަ ސޮކްރެޓީސް) އަށް އެ ހުވަފެން ކިޔައިދިނުމުން އޭނާ އެ ހުވަފެން ތައުބީރުކޮށްދިނެވެ. އޭނާ ބުންޏެވެ. އެކުވެރިޔާ އެވެ. ތިޔަ ހުވަފެނުގެ މާނައަކީ ކަލޭގެ ބުނުންތަކުގެ މާނަ ދެނެގަތުމަށް މުޅި އިންސާނީ އުއްމަތުގެ އެތައް ބަޔަކު މަސައްކަތް ކުރާނެކަމެވެ. އެހެނަސް އެއިން އެއްވެސް ބަޔަކަށް އެކަމުގައި ކާމިޔާބެއް ނުލިބޭނެ އެވެ. ކޮންމެ މީހަކު ވެސް ކަލޭގެ ވާހަކައިން ނެރޭނީ އެމީހަކު ތަޖުރިބާކުރި ދުނިޔެއިން ވިސްނީމާ ނުކުންނަ، އެމީހަކަށް އެންމެ ފުރިހަމަ މާނަ އެވެ.

މަތީގައިވާ ބަޔާނަކީ ވިހިވަނަ ގަރުނުގެ ޑަޗް ފަލްސަފާވެރިޔާ އެލް.ޖީ.ވެސްޓަރލިންކް، އެނޮނިމަސް ޕްރޮލެގޮމެނާ ޓު ޕްލެޓޮނިކް ފިލޯސަފީ (Anonymous Prolegomena to Platonic Philosophy) ގެ ނަމުގައި ތަރުޖަމާކުރި ފޮތުގައި އޮތް ބަޔާނެކެވެ. ފޮތް ތަރުޖަމާކޮށްފައި އޮތީ 1962 ގަ އެވެ. ފޮތުގެ އަސްލު ލިޔުނީ ކާކުކަން އެނގޭކަށް ނެތެވެ.

ޕްލޭޓޯގެ ތިއަރީތައް ދެނެގަންނަން މަސައްކަތް ކުރާ މީހުންނަށް ވެސް އޮތީ ހަމަ އެދަތުރެވެ. ޕްލޭޓޯ އެ ބުނި ބަހެއްގެ މާނައެއް ބުނެދެވޭނީ ޕްލޭޓޯ އަށެވެ. އެކަން ކޮށްދޭކަށް އޭނާއެއް މި ދުނިޔެއަކު ނެތެވެ. 

ތިއަރީތަކާ ބެހޭ ގޮތުން މީނޯއިން އެނގެން ހުރިކަންކަން 

'ތިއަރީ އޮފް ފޯމްސް' އުފެދެނީ ޕްލޭޓޯގެ މީނޯ އާއި، ރިޕަބްލިކްއާއި ސިމްޕޯޒިއަމްގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. މީގެ ތެރެއިން މީނޯއަކީ ސޮކްރެޓީސް، މީނޯ އަދި އެނީޓަސްއާ ތިން މީހުން ދައްކާ ވާހަކަތަކެކެވެ. އެ ވާހަކަތައް ބިނާވެފައި އޮތީ 'ވަރޗޫ' ނުވަތަ އަހުލާގުގެ އެންމެ މަތީ ގިންތީގެ ތަބީއަތަކީ ކޮބައިތޯ ހޯދުމާއި އެއީ ދަސްކޮށްދެވިދާނެ އިލްމެއްތޯ ހޯދުމުގެ މައްޗަށެވެ. ޕްލޭޓޯގެ ގިނަ ފޮތްތަކުގައި ގެނެސްދީފައި ހުރި ޑައިލޮގްތަކެކޭ އެއްގޮތަށް މި ފޮތުގައި ގެނެސްދީފައިވާ ޑައިލޮގުތަކަކީ ވެސް ކިޔުންތެރިންނަށް ހިޔާލެއް ހުށަހަޅައި އެކަމާމެދު ފުންކޮށް ވިސްނަން ދަސްކޮށްދިނުމަށް ގެނެސްދީފައި ޑައިލޮގުތަކެކެވެ. މިއީ ހަގީގަތުގައި މީނޯ ނުވަތަ މެނަން އަދި އެނީޓަސްއާ ދެމެދު ދެކެވުނު ވާހަކަތަކެއް ނޫނެވެ. ފަލްސަފާވެރިޔާ ސޮކްރެޓީސްއަކީ މި އެންމެންގެ އެދުރެވެ. އެކަމަކު މީނޯގައި ވާހަކަ ދައްކާ ސޮކްރެޓީސްއަކީ އާދައިގެ މަތިން ޕްލޭޓޯގެ މައުތުޕީސް އެވެ.

މީނޯ ބުނެ އެވެ. ސޮކްރެޓީސް އެވެ. ތިޔަހެންނާ ބުނެބަލާށެވެ. 'ވަރޗޫ' ނުވަތަ އަހުލާގާއި ސުލޫކުގެ އެންމެ މަތީ ދަރަޖަ ނުވަތަ 'ފަޟީލާ' އެއީ ދަސްކޮށްދެވިދާނެ އިލްމެއް ހެއްޔެވެ؟ ސޮކްރެޓީސް ބުނެ އެވެ. އަހަރެންގެ އެންމެ އެކުވެރި މެނަން އެވެ. 'ފަޟީލާ' އަކީ އުނގަންނައިދެވިދާނޭ ކަމެއްތޯ ދެނެގަތުމުގެ ކުރިން އެއީ ކޮން އެއްޗެއްތޯ ދެނެގަތުން މުހިންމެއް ނޫން ހެއްޔެވެ؟ މެނަން އަކީ ކާކު ކަން ނޭނގޭ މީހަކަށް މެނަން އަކީ ރީތި މީހެއްތޯ ނުވަތަ މުއްސަނދި މީހެއްތޯ ނުވަތަ ފިރިހެންވަންތަ މީހެއްތޯ ބުނަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އިލްމުގެ ފަގީރުކަމާ އެވެ. 'ފަޟީލާ' އެއީ އުނގަންނައިދެވިދާނޭ އިލްމެއްތޯ ކުރާ ސުވާލު އެއްފަރާތުގައި ބާއްވާށެވެ. އެއީ ކޮން އެއްޗެއް ކަމެއް ވެސް އަހަރެންނަކަށް ނޭނގެ އެވެ.

މެނަން ބުނެ އެވެ. ސަހަރޯ އެވެ. 'ފަޟީލާ' އަކީ ކޮން އެއްޗެއްކަން ސޮކްރެޓީސްއަށް ނޭނގެނީ ހެއްޔެވެ؟ އަހަރުމެން އެނބުރި 'ލަރިއްސާ'  (ގަދީމީ ގުރީކުގެ ސަހަރެއް) އަށް ގޮސް ސޮކްރެޓީސްއާ ބެހޭ ގޮތުން ދޭންވީ ތިޔަ ބަޔާން ހެއްޔެވެ؟

މިއީ ވާހަކަ ފެށުނު ގޮތެވެ. ދެން އެ ދެމެދަށް ތަރުތީބުވި މިކަހަލަ ވަރަށް ދިގު ވާހަކަތަކަށް ފަހު ސޮކްރެޓީސް ބުނެ އެވެ. އަހަރެން މި ބުނާ ވާހަކައަކީ 'ފަޟީލާ' އެއީ ވަކި މިވެނި އެއްޗެއްކަން އެނގިގެން މެނުވީ އެއީ ދަސްކޮށްދެވޭނޭ އެއްޗެއްކަން ދެނެނުގަނެވޭނެ ވާހަކަ އެވެ. ތިޔަހެންނާ ފަޟީލާއަކީ ކޮން އެއްޗެއްކަން ބުނެދޭށެވެ. މީނޯ ބުންޏެވެ. ތިޔައީ ފަސޭހަ ކަމެކެވެ. ފަޟީލާއަކީ އިންސާނީ ކޮންމެ ގިންތިއަކަށް ތަފާތު އެއްޗެކެވެ. ފިރިހެނެއްގެ ފަޟީލާއަކީ އޭނާގެ ޒިންމާގެ ދަށުގައިވާ މީހުންނާއި މުޖުތަމައު ބަލަހައްޓައި ހިންގުމެވެ. އަންހެނެއްގެ ފަޟީލާއަކީ ގޭގެ ކަންކަން ބެލެހެއްޓުމާއި ފިރިމީހާގެ މުދަލަށް ރައްކާތެރިވުމާއި އޭނާގެ އަމުރަށް ކިޔަމަންވުމެވެ. ކުޑަކުއްޖެއްގެ ފަޟީލާއަކީ ކިޔަމަންތެރިވުމާއި އުނގެނުމެވެ. މުސްކުޅިއެއްގެ ފަޟީލާއާއި އަޅެއްގެ ފަޟީލާ ވެސް ތަފާތެވެ.

މި ބަސް އަޑުއަހައި ސޮކްރެޓީސް ބުނެ އެވެ. އަހަރެން މި ދައްކާ ވާހަކައަކީ ތިޔެވެ. 'ފަޟީލާ' އަކީ ވަކި މިވެނި އެއްޗެއްކަން ބުނެދެވޭނަމަ އެއީ އިންސާނުންނާއި ހައިވާނުންގެ ކޮންމެ ގިންތިއަކަށް ވަކި ތައާރަފެއް އޮތް އެއްޗެއްކަމަށް ތިޔަ ބުނަނީ ކީއްވެގެންހެއްޔެވެ؟ ފިރިހެނެއްގެ ފަޟީލާއާއި އަންހެނެއްގެ ފަޟީލާ، އަދި ކުޑަކުއްޖަކާއި އަޅެއްގެ ފަޟީލާ ތަފާތުވަނީ ކީއްވެގެން ހެއްޔެވެ؟ ފުރިހަމަ ސިއްހަތަކީ ކޮބައިތޯ އަހަރެން ސުވާލުކޮށްފިނަމަ، އެއީ ކޮބައިކަން ބުނެދިނުމުގައި އިންސާނުންނާއި ހައިވާނުންގެ ކޮންމެ ގިންތިއަކަށް ވަކި ތައާރަފެއް ގެންނާނަން ހެއްޔެވެ؟ ވީއިރު ފަޟީލާ އަކީ ކޮބައިކަން ބުނެދިނުމުގައި ތިޔަ ތަފާތެއް ތިޔަ އަންނަނީ ކީއްވެގެން ހެއްޔެވެ؟

އެންމެ ރަނގަޅެވެ. މުޖުތަމައު ބެލެހެއްޓުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމަކީ އަދުލުވެރިކަމާ ނުލައި ކުރެވިދާނެ ކަމެއް ހެއްޔެވެ؟ މީނޯ ބުންޏެވެ. ނޫނެކެވެ. އެކަންކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ އަދުލުވެރިކަން ހުރެގެންނެވެ. އެހެންވީމާ ފަޟީލާއަކީ އަދުލުވެރިކަމެވެ. ނުވަތަ އެހެން ހެއްޔެވެ؟ ސޮކްރެޓީސް ބުނެ އެވެ. ފަޟީލާއަކީ އަދުލުވެރިކަމެއް ނޫނެވެ. އެހެނަސް އަދުލުވެރިވުމަކީ ފަޟީލާ އެކެވެ. (ފަޟީލާގެ ތެރޭގައި ހިމެނޭ ކަމެކެވެ.)

މިހައި ހިސާބަށް ދިޔައިރު، މީނޯ އަދި ސޮކްރެޓީސްއަށް އެއްބަސްވެވުނު އެއްޗަކީ، ފަޟީލާއަކީ އެންމެންނަށް އެއްބަސްވެވޭނޭ ކުރު ތައާރަފެއް އޮތް ކަމެއް ނޫންކަމެވެ. އެ ނިންމުމަކީ ތިންވަނަ މީހަކު އައިސް ބުނެދިން މައުލޫމާތެއް ނޫނެވެ. އެ ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުން، އެމީހުންގެ އެތެރެއިން ނުކުތް ޖަވާބެކެވެ. އަސްލު މައުލޫ ފެށެނީ މިހިސާބުންނެވެ.

ސޮކްރެޓީސް ބުންޏެވެ. 'ފަޟީލާ' އެއީ ކޮން އެއްޗެއްތޯ އެ ޖަވާބަކީ މީނޯއަށް މާކުރިއްސުރެ އެނގޭ ޖަވާބެކެވެ. ނޭނގި ތިއޮތީ އެ ޖަވާބު އެނގޭކަމެވެ. މިއީ އަހަރުމެންގެ ކިބައިގައިވާ އަޖައިބު ސިފައެކެވެ. އަހަރުމެންގެ ހަމަ ކޮންމެ މީހަކަށް ވެސް އެނގޭ، އެކަމަކު އެނގޭކަން ނޭނގޭ ހައުދަހައި ގިނަ ކަންކަމެއް ވެ އެވެ. ހިތުގައި ތިޔަ އުފެދޭ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބުތައް އަހަރުމެންގެ އެތެރޭގައި ވެ އެވެ. އަހަރުމެންނަށް އެ ޖަވާބުތައް ކުރިއްސުރެ އެނގޭކަން އެއީ އަޖައިބެކެވެ.

އަހަރެންނާ ބައްދަލުވި އިލްމުގެ އަހުލުވެރިން ކުރެން އަހަރެންނަށް ދަސްވެފައި އޮތް އެއް ހަގީގަތަކީ ފުރާނައަކީ ނެތިދާ އެއްޗެއް ނޫން ކަމެވެ. ބައެއް ފަހަރު ފުރާނަ ހަށިގަނޑާ ވަކިވެ އެވެ. އެއަށް އަހަރުމެން ކިޔަނީ މަރުވުމެވެ. ހަގީގަތުގައި އެ މަރުވަނީ ހަށިގަނޑެވެ. ފުރާނައެއް ނޫނެވެ. ފުރާނައަކީ ނެތިގެން ދާނޭ އެއްޗެއް ނޫނެވެ. އަހަރުމެންގެ އަމަލުތަކުގެ ނަތީޖާއާއެކު އެ ފުރާނަ ފަނާވުމެއް ނެތި ތާ އަބަދަށް ދެމިގެންވެ އެވެ. ބައެއް ފަހަރަށް އެ ފުރާނައަކީ (އެހެން ހަށިގަނޑެއްގައި) ދެވަނަ ފަހަރަށް އުފަން ވެދާނެ އެއްޗެކެވެ. ހަށިގަނޑެއް ނެތި އުޅޭ ފުރާނައަކީ ދުނިޔޭގައި ވާ ހުރިހާ ކަމެއްގެ މައުލޫމާތު އެނގޭ އެއްޗެކެވެ. އެ ފުރާނައަށް ދަސްވެފައި ނެތް އެއްވެސް ކަމެއް ނެތެވެ. އިންސާނީ ހަށިގަނޑެއްގައި އެ ފުރާނަ މި ދުނިޔެއަށް އަންނައިރު އެއަށް ހުރިހައި އެއްޗެއް ވެސް އެނގެ އެވެ. އިންސާނީ ހަށިގަނޑެއްގައި ދުނިޔެއަށް އަންނަ ހިސާބުން 'އެ ދުނިޔޭގައި' އުނގެނުނު އިލްމުތައް ހަނދާން ނެތެނީ އެވެ. ވީމާ، ދުނިޔޭގެ ދިރިއުޅުމުގައި އިންސާނުން އުނގެނުމުގެ ނަމުގައި ހަގީގަތުގައި އެ ކުރާ ކަމަކީ 'ހަނދާން ކުރުމެވެ.' އެ ހަނދާން ކުރަނީ އެ ފުރާނައަށް މާ ކުރިއްސުރެ އެނގި ދަސްވެފައި ހުރި ކަންކަމެވެ.

މީނޯ ބުންޏެވެ. ތިޔައީ އަޖައިބު ވާހަކައެކެވެ. ދުނިޔޭގައި އިންސާނުން ދަސްކުރަނީ ނޫންކަމާއި ހަނދާން ކުރަނީ ކަމަށް ތިޔަ ބުނި ބުނުން ތިޔަށްވުރެ ތިލަކޮށްދީ ތިމަންނާއަށް ދަސްކޮށްދީފާނަން ހެއްޔެވެ؟ ސޮކްރެޓީސް ބުނެ އެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ؟ 'ދަސްކުރުމަކީ' އިންސާނުން ކުރާ ކަމެއް ނޫނޭ ބުނެ މި ނިންމާލީ ދެންމެ އެވެ. އިންސާނުން ކުރާނޭ ކަމަކީ ހަނދާން ކުރުމެވެ. އެހެންވީމާ، އަހަރެން މި ދެއްކި ވާހަކައިގެ މާނައަކީ ކޮބައިކަން 'ހަނދާން ކުރާށެވެ.' އެކަމުގައި އަހަރެންނަށް ކޮށްދެވޭނޭ ކަމަކީ އެހީތެރިވުމެވެ.

އަހަރެންގެ ދައުވާއަކީ މިއީ އެވެ. އިންސާނާގެ ފުރާނައިގައި ކުރިއްސުރެ ހުރިހައި އިލްމެއް ވެ އެވެ. އިންސާނުން ކުރާ ކަމަކީ ބުއްދީގެ ބޭނުންކޮށްގެން އެ އިލްމުތައް ހަނދާންކުރުމެވެ. މިއީ ކިހިނެއް ހިނގާކަން ދެއްކުމަށް ކަލޭގެ އަޅުންގެ ތެރެއިން އަޅަކު ގެންނާށެވެ.

މީނޯ ވަށައިގެން ބަލައިލައިފައި އޭނާގެ ހިދުމަތުގައި ތިބި ކުދިންގެ ތެރެއިން ޅަ ކުޑަކުއްޖަކު ގެނެ އެވެ. އެއީ އެއްވެސް މަދަރުސާއަކުން ނުވަތަ އެއްވެސް އެދުރެއްގެ ކައިރިން ދަރިވަރުވީ ކުއްޖެއް ނޫނެވެ. އިލްމުގެ މަގުގައި ރޮލާހުރި ޖާހިލު މުރައްކަބު ކުއްޖެކެވެ.

އެ ކުއްޖާ އައުމުން ސޮކްރެޓީސް ވެލިގަނޑުގައި އަކައެއް ކުރަހައި ބުންޏެވެ. އޭ މީނޯގެ ކުއްޖާ އެވެ. މި އަކައިގެ ބޮޑުމިނަށްވުރެ ސީދާ ދެގުނަ ބޮޑު އަކައެއް ހަދާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ އެ ކުއްޖާ ހީކުރީ އަކައިގެ އަރިމަތިތަކުގެ ދިގުމިން ދެގުނަ ކުރުމުން ބޭނުންވާ ނަތީޖާ ލިބޭނެ ކަމަށެވެ. ނަމަވެސް، ސޮކްރެޓީސް ކުރި ފުން ސުވާލުތަކުގެ އެހީގައި، އެގޮތަށް ހެދުމުން އަކަ ބޮޑުވަނީ ދެގުނައަށް ނޫން ކަމާއި، ހަތަރު ގުނައަށްކަން އެ ކުއްޖާއަށް ވިސްނުނެވެ. އެ ހިސާބުން އެ ކުއްޖާ އޮޅުންބޮޅުންވެ، އޭނާއަށް އެ ސުވާލުގެ ޖަވާބު ނޭނގޭކަމަށް ބުންޏެވެ.

އިތުރަށް ކުރި ވަރަށް ގިނަ ސުވާލުތަކަކަށްފަހު، ކުރިން ކުރެހި އަކައިގެ ކަނުން ކަނަށް ދަމާލެވޭ ރޮނގަކީ(diagonal)، އޭގެ ދެގުނަ ބޮޑު އަކައެއް ކުރެހުމަށް ބޭނުންކުރެވިދާނެ އަރިމައްޗެއްކަން ދެނެގަތުމަށް ސޮކްރެޓީސް އޭނާއަށް މަގުދެއްކި އެވެ. އެންމެ ފަހުން އެކުއްޖާ ސޮކްރެޓީސް ކުރެހި އަކައިގެ ސީދާ ދެގުނަ ބޮޑު އަކައެއް ކުރެހި އެވެ. ސޮކްރެޓީސް އެއްވެސް އިރެއްގައި އެ ކުއްޖާއަށް ސީދާ ޖަވާބެއް ބުނެއެއް ނުދެ އެވެ. އޭގެ ބަދަލުގައި، އެ ކުއްޖާ ޖަވާބާ ހަމައަށް ވާސިލުވީ ސޮކްރެޓީސް އުފެއްދި ސުވާލުތަކުގެ އަލީގައި އަމިއްލަ ބުއްދިން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ވިސްނައިގެންނެވެ.

އެ ކުއްޖާ ސޮކްރެޓީސް ކުރި ސުވާލުތަކާމެދު ވިސްނައިގެން ރަނގަޅު ޖަވާބު ހޯދުމުން ސޮކްރެޓީސް މީނޯއަށް ބުނެ އެވެ. އަހުރެން ކުރި ސުވާލުތަކަށް އެ ކުއްޖާފުޅު އެ ދިން ރައުޔުތަކަކީ އޭނާގެ އަމިއްލަ ރައުޔުތަކެއް ނޫންހެއްޔެވެ؟ އަހަރެން އޭނާއާ ސުވާލުކުރުމުގެ އިތުރަށް އެއްވެސް އެއްޗެއް ބުނެދިނިން ހެއްޔެވެ؟ އަހަރެން ހަމައެކަނި ކުރި ކަމަކީ މައްސަލައިގެ ހައްލު ހޯދުމަށްޓަކައި ރަނގަޅު ސުވާލު އުފެއްދުމެވެ. އޭނާ ކުރި ކަމަކީ އެ ސުވާލު ވިސްނައިގަތުމެވެ. ދެން އޭގެ ފަހުން އެ ޖަވާބު އައީ އޭނާގެ ފުރާނައިގައި ފޮރުވިފައިވާ އިލްމުން ވީ ހަނދާނަކުންނެވެ. މިކަން ހިނގީ މިހެނެއް ނޫން ހެއްޔެވެ؟ މީނޯ ބުނެ އެވެ. އަހަރެންނަށް ފެނުނު ގޮތުގައި ތިޔަކަން ހިނގީ ތިޔަހެންނެވެ.

ސޮކްރެޓީސް ބުންޏެވެ. އެހެންވީމާ، އެ އިލްމަކީ އޭނާގެ އެތެރޭގައި އަބަދު ވެސް ހުރި އިލްމެއް ނޫން ހެއްޔެވެ؟ އެހެންވިޔަސް އޭނާއަށް އެ އިލްމު ލިބުނީ މި ދުނިޔޭގެ ހަޔާތުގައި ކަމަށް ނުވާނެ ނޫންހެއްޔެވެ؟ އޭނާއަށް އެއްވެސް މީހަކު ޖިއޮމެޓްރީ ކިޔަވައިދީފައި ނެތްކަން މީނޯއަށް އެނގޭނެ އެވެ. އެއީ މީނޯގެ ގޭގައި އުފަންވެ ބޮޑުވި އަޅުކުއްޖެކެވެ. އޭނާއަށް އެ ހުރިހައި އެއްޗެއް އެނގި، އެކަމުގެ ރައުޔު ހުރި ނަމަ އޭނާއަށް އެ އިލްމެއް ދަސްވެފައި އެވަނީ އޭނާގެ އެ އިންސާނީ  ހަށިގަނޑުގައި ވަނިކޮށް ނޫންކަން ގައިމެއް ނޫންހެއްޔެވެ؟ އެހެންވީމާ އުނގެނުމަކީ އިންސާނާގެ ނަފްސުގައި ކުރީއްސުރެ ފޮރުވިފައިވާ ހަގީގަތްތައް އަލުން ހަނދާނަށް ގެނައުމުގެ މަރުހަލާއެއް ނޫން ހެއްޔެވެ؟ މީނޯ ބުނެ އެވެ. އަހަރެންނަށް މި ފެނުނީ ތިޔަ މަންޒަރެވެ.

އެހެންވީމާ މިހާރު އަހަރުމެންނަށް މި އެއްބަސްވެވުނީ 'ވަރޗޫ' ނުވަތަ 'ފަޟީލާ' އަކީ ވެސް މާ ކުރިއްސުރެ އަހަރުމެންގެ އެތެރޭގައި ވާނެ އިލްމެއް ކަމެވެ. މީނޯ އާއި ސޮކްރެޓީސްގެ މަޝްވަރާގައި 'ފަޟީލާ' ގެ ސީދާ ތައުރީފަކާ ހަމައަށް ނުދެވުނު ނަމަވެސް، އެއީ ހަމައެކަނި އުނގެނޭ އިލްމުން އަންނަ ކަމެއް ނޫން ކަމާއި، އެއީ އިލްހާމަކުން ނުވަތަ ރަނގަޅު ވިސްނުމެއްގެ ސަބަބުން ލިބޭ ކަމެއް ކަމަށް އެމީހުން އެއްބަސްވި އެވެ. ހެޔޮލަފާކަން ނުވަތަ 'ފަޟީލާ' ގެ އަސްލު މައުލޫމާތު ސާފުކޮށް ނޭނގޭތީ، އެއީ އުނގަންނައިދެވޭނެ އެއްޗެއް ކަމަކަށް އެމީހުން ނުނިންމަ އެވެ. މި މަޝްވަރާ ނިމިގެންދިޔައީ ހެޔޮލަފާކަމުގެ ހަގީގަތް ހޯދުމަށް އިތުރަށް ވިސްނައި ދިރާސާކުރުމަށް މަގުފަހިކޮށްދެމުންނެވެ.

މި މަޝްވަރާގެ ތެރޭގައި ބަހުސްކުރެވުނު 'މަރުނުވާ ފުރާނަ'އިގެ ނަޒަރިއްޔާއަކީ ޕްލޭޓޯގެ ރިޕަބްލިކްގެ ހަވަނަ ފޮތުގައި ވެސް ކުރެވިފައިވާ ބަހުސެކެވެ.

ރިޕަބްލިކްގެ ހަވަނަ ފޮތުގައިވާ ބަޔާން

ޕްލޭޓޯގެ 'ދަ ރިޕަބްލިކް' ގެ ހަވަނަ ފޮތުގައި، ސޮކްރެޓީސް އޭނާގެ ބައިވެރިންނާއެކު އިންސާފާއި ފުރިހަމަ ދައުލަތަކާ ބެހޭގޮތުން ކުރަމުންދިޔަ ބަހުސް ކުރިއަށް ގެންދެ އެވެ. މި މަރުހަލާގައި އުފެދޭ މައިގަނޑު ސުވާލަކީ، ފުރިހަމަ ސިޓީއެއް ނުވަތަ ދައުލަތެއް ހިންގުމުގެ ޒިންމާ ފަލްސަފާވެރިންނާ ހަވާލުކުރަންވީ ކީއްވެގެންތޯ އެވެ. (މިއި ފަސްވަނަ ފޮތުގައި ކުރެވުނު މަޝްވަރާ އެވެ. މިފޮތުގެ މަޝްވަރާތައް 'އަފުލަތޫންގެ ޖުމްހޫރިއްޔާ' ގެ ނަމުގައި އަޅުގަނޑު ކުރިން ލިޔެފައިވާ އާޓިކަލްއެއްގައި ހިމަނާފައިވާނެ އެވެ.) މީގެ ކުރިން ސޮކްރެޓީސް ވަނީ ދައުލަތް ހިންގުމަށް އެންމެ އެކަށީގެންވަނީ 'ފަލްސަފާވެރި ރަސްކަލުން' ކަމަށް ވަކާލާތުކޮށްފަ އެވެ. ނަމަވެސް، ގްލޯކަން އަދި އެޑިމަންޓަސްއަށް މިކަން ގަބޫލެއް ނުކުރެވުނެވެ. ސަބަބަކީ އާންމު މުޖުތަމައުގައި ފަލްސަފާވެރިން ފެންނަނީ އެއްވެސް ބޭނުމެއް ނެތް، އަމަލީ ކަންކަމާ ދުރު، ނުވަތަ ފަސާދަވެފައިވާ ބައެއްގެ ގޮތުގައި ކަމަށްވާތީ އެވެ. މި ގޮންޖެހުމާ ގުޅިގެން، ހަގީގީ ފަލްސަފާވެރިއަކީ ކޮބައިކަމާއި، ހަމައެކަނި ފަލްސަފާވެރިންނަށް ހަގީގަތް ދެނެގަނެވޭ ސަބަބު ސޮކްރެޓީސް ތަފުސީލުކޮށްދެ އެވެ.

މި ބަހުސް މަޑުމަޑުން ގޮސް 'ތިއަރީ އޮފް ފޯމްސް' (Theory of Forms) އާ ހަމައަށް ވާސިލުވަނީ، 'އިލްމު' (knowledge) އަދި 'ހިޔާލު ނުވަތަ ހީ' (opinion) ގެ ދެމެދުގައިވާ ތަފާތުތަކުގެ މައްޗަށް ވާހަކަ ދެކެވޭ ހިސާބުންނެވެ. ސޮކްރެޓީސް ބަޔާންކުރާ ގޮތުގައި ގިނަ މީހުން ދިރިއުޅެނީ އަބަދު ބަދަލުވަމުންދާ މަންޒަރުތަކެއްގެ ތެރޭގަ އެވެ. އަދި އެމީހުންނަށް އާންމު ހީތަކާއި ހަގީގީ އިލްމާ ދެމެދު އޮންނަ ތަފާތު އޮޅެ އެވެ. ނަމަވެސް، ފަލްސަފާވެރިއަކު އަބަދުވެސް ހޯދައި ބަލަނީ ދާއިމީ، ބަދަލުނުވާ، އަދި ހަގީގީ އަސްލަށެވެ. މިކަން ސާފުކޮށްދިނުމަށްޓަކައި، 'ފެންނަން ހުންނަ ދުނިޔެ' އެއްގެ ބޭރުގައި 'ފޯމްސް' ނުވަތަ 'އައިޑިއާސް' (Ideas) އިން އެކުލެވިގެންވާ މަތީ ހަގީގަތެއް ވާކަމުގެ ތަސައްވުރު ސޮކްރެޓީސް ތައާރަފުކުރަނީ މިފޮތުގަ އެވެ.

މި ނަޒަރިއްޔާގައި ބުނާ ގޮތުން ފެންނަން ހުންނަ މާއްދީ ތަކެއްޗަކީ މި ދެންނެވި 'ފޯމްސް' ތަކުގެ ފުރިހަމަނޫން ކޮޕީތަކެކެވެ. ދުނިޔެއިން ފެންނާން މިހުރި ރީތި ހުރިހައި ތަކެއްޗަކީ ވަގުތީ އަދި ފުރިހަމަނޫން ތަކެއްޗެވެ. އެއާހިލާފަށް، 'ރީތިކަމުގެ އަސްލު' (Form of Beauty) އަކީ ދާއިމީ އަދި ފުރިހަމަ އެއްޗެކެވެ. ފަލްސަފާވެރިން އެހެން މީހުންނާ ތަފާތުވަނީ، އެމީހުން ބޭރުފުށުން ފެންނަ ފެނުމުގެ ތެރޭގައި ތާށިވުމުގެ ބަދަލުގައި، މިފަދަ މަތީ ހަގީގަތްތަކުގެ އިލްމު ހޯދުމަށް މަސައްކަތްކުރާތީ އެވެ.

ހަވަނަ ފޮތުގައި ތައާރަފުކޮށްފައިވާ އެންމެ މުހިންމު ފޯމަކީ 'މަންފާ ނުވަތަ ހެޔޮކަމުގެ އަސްލު' (Form of the Good) އެވެ. ސޮކްރެޓީސް ބަޔާންކުރާ ގޮތުގައި މިއީ އިލްމުގެ އެންމެ މަތީ ދަރަޖަ އެވެ. އަދި މިއީ ހަގީގަތާއި ވިސްނުމުގެ އަސްލެވެ. އޭނާ 'ހެޔޮކަން' އިރާ އެއްފަދަ ކުރެ އެވެ. އޭނާ ދައުވާކުރި ގޮތުގައި އިރުގެ އަލީގެ ސަބަބުން ލޮލަށް ތަކެތި ފެންނަ ފަދައިން، 'ހެޔޮކަމުގެ' ސަބަބުން އިންސާނާގެ ބުއްދިއަށް ހަގީގަތް ދެނެގަނެވެ އެވެ. މިއީ އަފުލާތޫން ނުވަތަ ޕްލޭޓޯގެ ފަލްސަފާގައި ހިމެނޭ އެންމެ މައިގަނޑު އެއް ތަސައްވުރެވެ. ފެންނަން އޮތް ދުނިޔެ ހަމަގޮތުގައި ދެނެގަނެވޭނީ 'ހެޔޮކަމުގެ' އިލްމު (ފަޟީލާ) ލިބިގެންނެވެ. އެއީ އެހެން ހުރިހާ ފޯމްތަކެއް އޮޅުންފިލުވައިދީ، އެއަށް މާނަ ގެނެސްދޭ ނޫރަކީ އެއީ ކަމަށްވާތީ އެވެ.

ހަވަނަ ފޮތުގެ ނިމުމާ ގާތްވާއިރު، ސޮކްރެޓީސް 'ޑިވައިޑެޑް ލައިން' (Divided Line) ނުވަތަ ބަހާލެވިފައިވާ ރޮނގުގެ މިސާލު ކުރަހައިދެ އެވެ. އޭނާ ބުނާ ގޮތުން ހަގީގަތާއި އިންސާނާގެ ވިސްނުން އެކި މަރުހަލާތަކަށް ބަހާލެވިދާނެ އެވެ. އެއީ ހިޔާލީ ތަސައްވުރު (imagination)، ގަބޫލުކުރުން (belief)، ހިސާބު އިލްމުގެ މައްޗަށް ބިނާވާ ބުއްދި (mathematical reasoning)، އަދި އެންމެ ފަހުން 'ފޯމްސް' ތަކުގެ މައްޗަށް އޮންނަ ފުރިހަމަ ފަލްސަފާވެރި ވިސްނުން (intellectual understanding) އެވެ. ހަވަނަ ފޮތުގައި 'ތިއަރީ އޮފް ފޯމްސް' އެއްކޮށް ނިންމާލަނީއެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ހަތްވަނަ ފޮތުގައި ސޮކްރެޓީސް ގެނެސްދޭ މަޝްހޫރު 'ހޮހަޅައިގެ މިސާލަށް' (Allegory of the Cave) ތައްޔާރުވުމަށް ބަލާލެވޭ ބަލާލުމެކެވެ. އެހެންކަމުން، ހަވަނަ ފޮތް ނިމިގެންދަނީ، ފަލްސަފާވެރިން ބޭރުފުށުން ފެންނަ ފެނުންތަކުން ދުރުވެ، ހަގީގީ އިލްމާ ދިމާއަށް ދަތުރުކުރަންޖެހޭނެ ކަމާއި، އިންސާފުވެރިކަމާއެކު ވެރިކަން ކުރެވޭނީ ހަމައެކަނި 'ފޯމްސް' ތަކާއި 'ހެޔޮކަން' ދަންނަ މީހުންނަށް ކަމަށް ބުނަމުންނެވެ.

ތިއަރީ އޮފް ފޯމްސް ކުރުކޮށް

ވަރަށް ކުރުކޮށް ބުނާނަމަ، ޕްލޭޓޯގެ 'ތިއަރީ އޮފް ފޯމްސް' ބުނާގޮތުން އަހަރެމެންގެ ވަށައިގެންވާ މާއްދީ ދުނިޔެއަކީ ބަދަލުވާ އަދި ފަނާވާ އެއްޗެކެވެ. އޭގެ ބަދަލުގައި، ހަގީގީ އަދި ދާއިމީ ހަގީގަތަކީ 'ފޯމްސް' ނުވަތަ ފުރިހަމަ ސިފަތަކެވެ. ދުނިޔޭގައިވާ ރީތި ތަކެއްޗަކީ ފަނާވާނެ އެއްޗެހި ނަމަވެސް، 'ރީތިކަމުގެ' އަސްލު ސިފައަކީ ދާއިމީ ކަމެކެވެ. އެހެންކަމުން މާއްދީ ތަކެއްޗަކީ އެ ފުރިހަމަ އަސްލުތަކުގެ ނަކަލެއް ނުވަތަ ހިޔަންޏެކެވެ. ފަލްސަފާވެރިން މަސައްކަތް ކުރަނީ މި ފަނާވާ ކަންކަމުގެ ބަދަލުގައި ދާއިމީ ފުރިހަމަ ސިފަތައް، ދެނެގަތުމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ 'ފަޟީލާ' އެވެ. 

ތިއަރީ އޮފް ރިކަލެކްޝަން

ތިއަރީ ފޯމްސް ބުނެދިނުމުގައި ޕްލޭޓޯ ދެކުނު ގޮތުގައި، އިންސާނާގެ ފުރާނައަކީ އުފަންވުމުގެ ކުރިންވެސް މަތިވެރި އާލަމެއްގައި ވުޖޫދުވެފައިވާ އެއްޗެކެވެ. އެ އާލަމަކީ "ދާއިމީ އަސްލުތައް" ނުވަތަ އަދުލުވެރިކަމާއި، ރީތިކަމާއި، ހެޔޮކަން ފަދަ ފުރިހަމަ ހަގީގަތްތަކާ ސީދާ ބައްދަލުވާ ތަނެކެވެ. މި ސަބަބަށްޓަކައި، އިންސާނާގެ ރޫހުގައި ކުރިންވެސް ހަގީގީ އިލްމު ހުންނަ ކަމަށާއި، ނަމަވެސް މާއްދީ ދުނިޔެއަށް އުފަންވުމާއެކު އެ އިލްމުތައް ހަނދާން ނެތެނީ ކަމަށް އޭނާ ވަކާލާތު ކުރި އެވެ.

އޭނާގެ ނަޒަރިއްޔާގައި ބުނާ ގޮތުން އުނގެނުމަކީ ހަމައެކަނި އައު މައުލޫމާތުތަކެއް ހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ފުރާނައަށް އެނގިހުރި އިލްމު އަލުން ހަނދާން ކުރަމެވެ. "މީނޯ" (Meno) އަދި "ފީޑޯ" (Phaedo) ފަދަ އޭނާގެ އިލްމީ މަޝްވަރާތަކުގައި ޕްލޭޓޯ ބާރުއަޅުއްވަނީ، ހަގީގަތަކީ އިންސާނާގެ ނަފްސުގެ ތެރޭގައި ކުރިންވެސް އޮތް އެއްޗެއް ކަމަށާއި، ފަލްސަފާގެ ބޭނުމަކީ ހަނދާން ނެތިފައިވާ އިލްމުތައް ހޭލައްވާލައި، އަލުން ހޯދައިގަތުމަށް އެހީތެރިވެދިނުން ކަމަށެވެ.

މި ވާހަކައާއި އިސްލާމީ އިލްމާ ހުރެދާނެ ގުޅުމަކީ ކޮބައިބާވަ އެވެ. ޕްލޭޓޯ ގެ "ރިކަލެކްޝަން" ނުވަތަ ހަނދާން އާކުރުމުގެ ފަލްސަފާއާއި، ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ބައެއް ކަންކަމާ ދެމެދު ޝައުގުވެރި އެއްގޮތްކަންތައްތަކެއް ހުރިކަން ފާހަގަ ނުވޭ ހެއްޔެވެ؟ މިއީ މުޅިން އެއް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ދެ ފިކުރެއް ކަމަށް ދަންނަވަނީކީ ނޫނެވެ. ހިތަށް އަރައިފޭބި އެއްޗެއް ލިޔެލަނީ އެވެ.

އަފުލާތޫނުގެ ފަލްސަފާގައިވާ ގޮތުން، އިންސާނާ މި ދުނިޔެއަށް އުފަންވުމުގެ ކުރިންވެސް އޭނާގެ ފުރާނަ ވުޖޫދުގައި ވި އެވެ. އަދި އެ ފުރާނައަށް ދުނިޔޭގެ ހަގީގަތްތަކާއި އިލްމުތައް ކުރިންވެސް އެނގިފައި ވެ އެވެ. އިންސާނާ މި މާއްދީ ދުނިޔެއަށް އައުމުން އެ އިލްމު "ހަނދާން ނެތެނީ" އެވެ. އެހެންކަމުން، އޭނާގެ ނަޒަރުގައި ކަންކަން ދަސްކުރުމަކީ ކުރިން ފުރާނައަށް އެނގިފައިވާ ކަންކަން އަލުން ހަނދާންކުރުމެވެ. 

ކީރިތި ގުރުއާނުގެ ސޫރަތުލް އަޢުރާފްގެ 172 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ އިންސާނުންގެ ފުރާނަތަކާއެކު މާތްﷲ ކުރެއްވި އަހުދާ، މި ފަލްސަފާއާ ކޮންމެވެސް ވަރަކަށް އެއްގޮތްކަމެއް ނެތް ހެއްޔެވެ؟ އެ އާޔަތުގައިވާ ގޮތުން މާތްﷲ އިންސާނުންގެ ފުރާނަތަކާ ސުވާލުކުރެއްވި އެވެ.

"ތިމަންރަސްކަލާނގެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ނޫން ހެއްޔެވެ؟ "އެ ފުރާނަތައް ދެންނެވިއެވެ. "ނޫނެކެވެ. (އިބަރަސްކަލާނގެއީ އަޅަމެންގެ ވެރިރަސްކަލާނގެ އެވެ.) އަޅަމެން އެކަމަށް ހެކިވެއްޖައީމެވެ."

އިސްލާމީ ފިކުރުގައި މީގެ މާނައަކީ، އިންސާނުން އުފެދުމުގައިވެސް ކަލަކު ވޮޑިގެންވާކަން ދެނެގަތުމުގެ ގާބިލިއްޔަތު ނުވަތަ ފިތުރަތު ލިބިފައިވުމެވެ. ކޮންމެ އިންސާނަކީ މުސްލިމެއްގެ ގޮތުގައި އުފަން ވާ ކަމަށް ގަބޫލުކުރެވޭ ސަބަބަކީ މިއީ އެވެ. އެހެންނަމަވެސް، މި އާޔަތުގައި އެ ދައްކަނީ ފުރާނަތައް އުފަންވުމުގެ ކުރިން އެހެން އާލަމެއްގައި ވުޖޫދުވެގެންވާ ވާހަކަ ނޫން ހެއްޔެވެ؟ ޕްލޭޓޯގެ ވެސް ދައުވާއަކީ މިއީ އެވެ.

އެހެން އާޔަތަކަށް ބަލަމާ ހިނގާށެވެ. "ތިޔަބައިމީހުން މަރުވެފައިވަނިކޮށް، ތިޔަބައިމީހުންނަށް ދިރުންދެއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، އެއަށްފަހު އަލުން ދިރުއްވައި، އެއަށްފަހު އެކަލާނގެ ހަޒުރަރަތަށް ތިޔަބައިމީހުން ރުޖޫއަކުރައްވާނެ ކަލާނގެއަށް ތިޔަބައިމީހުން ކާފިރުވަނީ ކިހިނެއް ހެއްޔެވެ؟" (ސޫރަތުލް ބަޤަރާ: 28)

މި އާޔަތުގައި ފުރަތަމަ މި އަންނަނީ ކޮން މަރެއްގެ ވާހަކަ ހެއްޔެވެ؟ މިއީ ފުރާނައާއި، ދިރިހުރުމާއި، މަރާއި އަދި މަތިވެރި ހަގީގަތްތަކަށް ރުޖޫއަވުމާ މެދު އަފްލާތޫނު ގެންގުޅުނު ފަލްސަފާވެރި ވިސްނުންތަކާ ގުޅުމެއް ހުރި އާޔަތެއް ނޫންހެއްޔެވެ؟ އަޅުގަނޑަކަށް ނޭނގެ އެވެ. ހަމަ ފިކުރެއް ހިންގާލަނީ އެވެ.

އިސްލާމީ އިލްމުވެރިން ކީރިތި ގުރުއާނުގެ މިބުނެވުނު އާޔަތްތައް މާނަކުރައްވަނީ އަފްލާތޫނުގެ ފަލްސަފާއާ ތަފާތު، އިސްލާމީ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި އައުރާފު ސޫރަތުގެ 172 ވަނަ އާޔަތުން ދޭހަވަނީ، މާތްﷲ އިންސާނުން ދުނިޔެއަށް ފޮނުއްވުމުގެ ކުރިން އެންމެހައި ފުރާނަތަކެއް އުފައްދަވައި، އެކަލާނގެއީ އެންމެހައި ތަކެތީގެ ވެރިރަސްކަލާނގެ ކަމަށް ހެކިކުރެއްވި ކަމެވެ. މިއީ އިންސާނުންނަށް ކަލަކު ވޮޑިގެންވާކަން ނޭނގޭ ކަމަށް ބުނެ އުޒުރުވެރިވުމުގެ ފުރުސަތު ނައްތާލުމަށްޓަކައި ކުރެއްވި ކަމެކެވެ. އެއީ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން މާތްﷲ އީ އެކަލާނގެކަމަށް އެންމެހައި ފުރާނަތަކުން ވެފައިވާ "މީޘާޤު" ނުވަތަ ފިތުރީ އިގުރާރެވެ.

މީގެ އިތުރުން، ބަޤަރާ ސޫރަތުގެ 28 ވަނަ އާޔަތުގައިވާ "މަރުވެފައިވުން" މާނަކުރަނީ އިންސާނާ އުފެއްދެވުމުގެ ކުރިން އޭނާ ނެތިދިޔުމުގެ ހާލަތަށެވެ. ނުވަތަ ނެތުމުގެ ހާލަތަށެވެ. އިސްލާމީ އިލްމުވެރިން ވިދާޅުވާ ގޮތުން މި އާޔަތްތަކުން ދޭހަވަނީ މާތްﷲގެ ކުޅަދުންވަންތަކަމާއި، އިންސާނާގެ ހަޔާތުގެ މަރުހަލާތަކާއި، އީމާންކަމުގެ ފިތުރީ އަސާސްތަކެވެ.

އެހެންކަމުން، ބައެއް ފަލްސަފާވެރިންނަށް އަފްލާތޫނުގެ ފިކުރާ އެއްގޮތް ކަންތައްތަކެއް މިކަމުން ފެނުނު ކަމުގައިވިޔަސް، އިސްލާމީ އަސްލު ތަފުސީރުތަކުގައި އިންސާނުންނަކީ ކުރީގެ ދުނިޔެއެއްގައި އުޅުމަށްފަހު ފަލްސަފީ މައުލޫމާތުތަކެއް ހަނދާން ނެތިފައިވާ ބައެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، އިސްލާމީ ތައުލީމުތައް ބިނާވެފައިވަނީ ކަލަކު ވޮޑިގެންވާކަން ފިތުރީގޮތުން ގަބޫލުކުރުމާއި، މާތްﷲގެ އުފެއްދެވުމާއި، އިންސާނާގެ މަސްއޫލިއްޔަތާއި، މަރުވުމަށްފަހު އަލުން ދިރުއްވުމުގެ މައްޗަށެވެ.

ދެން މިހެން މިކަންކަން ހުއްޓަސް މިކަމަކާމެދު ފިކުރެއް ކުރެވޭތީ އެކަމާމެދަށް ބެލުނު ފޮތްތަކުގައި ހުރި ވާހަކަތައް ހަނދާނުގައި ބެހެއްޓުމަށްޓަކައި ލިޔެލީ އެވެ. ދުނިޔެ ދެމި އޮންނަނީ އެއްގޮތަކަށް ނުވަތަ އެއް މާނަކުރުންތަކުގެ މައްޗަކަށް ނޫނެވެ. ޒަމާން ބަދަލުވެ، އިންސާނުންނަށް އައު ކަންކަން ތަޖުރިބާ ކުރެވެމުންދާ މިންވަރަކުން ކަންކަމާ މެދު ދެކޭގޮތާއި ވިސްނާ ވިސްނުން ތަފާތުވެ އެވެ. އެހެންވީމާ.... މިހިރަމިހިރަ ކަންކަމަކީ ވެސް ދުނިޔެ ނެތިދާންދެން އެއް މީޒާނަކުން އެއް ބުރަދަނެއްގައި ކިރޭނޭ މާނަކުރުންތަކެއް ނޫނެވެ. ދުނިޔޭގައި ދިރިއުޅެންޖެހިފައިވާތީ އަހަރުމެންނަށް އޮތީ ކަންކަމާ ވިސްނައި ފިކުރުކުރުމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox