ފިޔާޒް އާއި ހަސަންގެ މައްޗަށް ޝަރީއަތް ހިންގާނީ ސިއްރު މަޖިލީހެއްގައި

May 10, 2026, 8:20 PM
ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުން

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުން

އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒް މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދާ ދެކޮޅަށް އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދާނީ ސިއްރުކޮށްގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ. 

"މި ބާވަތުގެ މައްސަލަތަކަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ...،" ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ނެރުނު އަމުރުގައި ބުނެފައިވެ އެވެ. 

Advertisement

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ގެގް އޯޑަރެއް ވެސް ނެރަފަ އެވެ. އެ އަމުރުގައި އަންގާފައި ވަނީ އެ މައްސަލަ ނިމެންދެން ޑޮކިއުމެންޓަރީ މުޖްތަމައުގައި ނުފެތުރުމަށެވެ. އަދި އެ ޑޮކިއުމެންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުރުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ސީދާ ރައީސް މުއިއްޒެވެ. 

ހަމަ އެރޭ ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ. 

ޖެހިގެން އައި ދުވަހު ފިޔާޒް އާއި ހަސަން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ތަހުގީގުގެ ބޭނުމަށް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. މި މައްސަލައިގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ނުފުރޭ ގޮތް ހެދި އެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި، މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައި ވަނިކޮށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox