ރާއްޖޭގައި މިހާރު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ބާސްކެޓްބޯޅައިގެ އިވެންޓް، ތުރީއޮންތުރީ އަށް ހާއްސަކޮށްގެން، ބާސްކެޓްބޯޅައިގެ އެ ޑިސިޕްލިންގެ މުސްތަގުބަލު ރަނގަޅު ގޮތުގައި ބިނާކުރުމަށްޓަކައި، ބޯލާސް އެކަޑަމީން ކޭމްޕެއް ކުރިއަށްގެންގޮސްފި އެވެ.
މިދިޔަ މަހުގެ 25 އިން މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަަލަށް ކުޅިވަރު އެކުވެނި ބާސްކެޓްބޯޅަ ކޯޓުގައި ވަނީ ޓްރެއިނިން ކޭމްޕްގެ އިތުރުން މުބާރާތެއް ވެސް ކުރިއަށްގެންގޮސްފަ އެވެ. މި ކޭމްޕް ކުރިއަށްގެންދިއުމުގެ އިސްނެގުން ގުޅިފައި އޮތީ ތުރީއޮންތުރީއާ ބެހޭ މުހިންމު މައުލޫމާތު އުނގަނައިދިނުމުގެ އިތުރުން ގޭމްޕްލޭ އެކްސްޕީރިއަންސް (ކުުޅުމުން ވެސް ތަޖުރިބާ ހޯދަން) ދިނުމުގެ ގޮތުންނެވެ.
ތުރީއޮންތުރީ ބާސްކެޓްބޯޅަ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އެއް ކުޅިވަރު ޑިސިޕްލިން އެވެ. ރާއްޖޭގައި ގައުމީ ލެވަލްގައި ގިނަ މުބާރާތްތަކެއް މި ފޯމެޓަށް ބާއްވާއިރު، ބައިނަލްއަގުވާމީ ލެވަލްގައި، ތުރީއޮންތުރީ މުބާރާތްތަކުގަައި ރާއްޖޭން ވާދަކުރާ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.
އެހެން ނަމަވެސް، ތުރީއޮންތުރީ ބާސްކެޓްބޯޅައިގެ ހައިބަތު ބޮޑުވަމުން އަންނަ މިންވަރާ އަޅާބަލާއިރު، މުބާރާތްތަކުގައި ކުޅުންތެރިން ވާދަކުރަމުން އަންނަނީ މި ކަމުގައި އެކަށޭނެ މިންވަރަށް މައުލޫމާތާއި ތަމްރީނު ނުލިބި ކަމަށް ފެންނާތީވެ، ބޯލާސް އެކަޑަމީން އިސްނެގީ އެކަން ރަނގަޅު އޮނިގަނޑެއްގެ ތެރެއިން ރޭވުންތެެރިކަމާ އެކު ކުރިއަށްގެންދިއުމަށް ކޭމްޕެއް ބޭއްވުމަށެވެ.
އެ ގޮތުން، ކޭމްޕްގެ ތެރެއިން، ތުރީއޮންތުރީ އަށް ހާއްސަ ޓްރެއިިނިން ދިނުމާއި ގަވާއިދުތަކާ ބެހޭގޮތުން ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި ގޭމް ޑިސިޕްލިންގެ ކަންކަން ވަނީ ކިޔައިދީފަ އެވެ.
ދެ އުމުރުފުރާ އަކުން (14 އަހަރުން ދަށާއި 16 އަހަރުން ދަށަށް) ކުރިއަށްގެންދިޔަ މި ކޭމްޕްގައި 90 އަށް ވުރެން ގިނަ ކުދިން (އަންހެން އަދި ފިރިހެން ހިމެނޭހެން) ބައިވެރިވިއިރު، ކޭމްޕަަށް ފަހު ބޭއްވި މުބާރާތުގައި 23 ޓީމުން ވާދަކުރި އެވެ. މި މުބާރާތް ޑިޒައިން ކުރެވިގެން ދިޔައީ، ތިއަރީ ބައިގައި ކިޔައިދިން ބައިތަކަށް ކުދިން އަހުލުވެރިވާ މިންވަރު ދެނެގަނެވޭނެ ސިސްޓަމެޓިކް ވިސްނުމެއްގެ ތެރެއިންނެވެ.
ކޯޗިންގައި މި ކޭމްޕް ތެރޭގައި ކިޔަވައިދިނީ، ބާސްކެޓްބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، ފީބާގެ ކޮމިޝަނަރެއް ކަމަށްވާ މުހައްމަދު ސާކީ އެވެ. އޭނާ އަކީ ގައުމީ ބާސްކެޓްބޯޅަ ރެފްރީއެއްގެ އިތުރުން ފީބާ ލެވަލްގެ ތުރީއޮންތުރީ ރެފްރީ އެކެވެ. ކޯޓުގައި ޓްރެއިނިން ދިނުމުގައި ހަރަކާތްތެރިވެފައިވަނީ، ބޯލާސް އެކަޑަމީގެ ހެޑް ޓްރެއިނަރު، އަލީ އިޝާމް މުހައްމަދު އެވެ. އޭނާ އަކީ ގައުމީ ތުރީއޮންތުރީ ބާސްކެޓްބޯޅަ ޓީމުތަކުގެ ކޯޗުކަން ކުރުމުގެ އިތުރުން ގައުމީ ލެވަލްގެ ގިނަ ތުރީއޮންތުރީ ބާސްކެޓްބޯޅަ ކުޅުންތެރިންނާ އެކު، މަސައްކަތް ކޮށްފައިވާ ކޯޗެކެވެ.
ޓްރެއިނިން ކޭމްޕްގައި އުނގަނައިދީފައިވާ ކަންކަމަށް ބަލާއިރު، ތުރީއޮންތުރީ ބާސްކެޓްބޯޅަ އާއި ފައިވްއޮންފައިވް ބާސްކެޓްބޯޅައިގެ ތަފާތުތައް، ގަވާއިދުތަކާއި ގޭމްސް ސްޓްރަކްޗާ، އޮފެންސިވް އެންޑް ޑިފެންސިވް ޓްރާސިޝަން، ސްޕޭސިން އެންޑް ވަންވީވަން ޕްލޭ، ސްކްރީނިން، ހޭންޑްސްއޮފް، އޮފެންސިވް އެންޑް ޑިފެންސިވް ކޮންސެޕްޓް، ޗެކް ބޯލް އެންޑް ލައިވް ބޯލް ޕްލޭސް އަދި ސެޓް ޕްލޭސް އާއި ގޭމް ބްރޭކްޑައުން އެވެ.
ބޯލާސް އެކަޑަމީގެ ހެޑް ކޯޗު، ގުރައިޝް އަފްރާހު (ގުރޭ) ބުނީ، މި ޓްރެއިނިން ކޭމްޕްގެ އެންމެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރާ ތުރީއޮންތުރީ ކުޅުންތެރިންނަކީ ހަމައެކަނި ނަމެއްގައި ވާދަކުރާ ކުޅުންތެރިންގެ ބަދަލުގައި، ތުރީއޮންތުރީގެ ބާސްކެޓުން ކުރިއަށްދިއުމުގެ ކަންކަން އެނގިގެން ވާދަކުރާ ކުޅުންްތެރިންތަކަކަށް ހެދުމުގެ ވިސްނުމުގައި ކުރިއަށްދިއުމަށެވެ.
މީގެ އިތުރުން، ޒުވާން އުމުރުގައި ބާސްކެޓްބޯޅައިން ރަނގަޅު ޓްރެއިނިން ލިބިގެން އުފެދޭ ކުޅުންތެރިން އިތުރުކުރުމާ އެކު، ރާއްޖޭގެ ބާސްކެޓްބޯޅައިގެ ލެވަލް ރަނގަޅު ކުރުމަކީ ވެސް މި ކޭމްޕްގެ އަމާޒެއް ކަމަށް ގުރޭ ވަނީ ފާހަގަކޮށްފަ އެވެ.
ބޯލާސް އެކަޑަމީގެ ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގެ ދަށުން، ބޯލާސް އެކަޑަމީގެ އެލީޓް ޕްރޮގްރާމްގެ ތެރެއިން، 15 އަހަރުން ދަށުގެ އަންހެން ދެ ޓީމެއް މި މަހު ފަހުކޮޅު ސްރީ ލަންކާގައި ބާއްވާ މުބާރާތެއްގައި ވާދަކުރާނެ އެވެ. މި މުބާރާތުގެ ތެރެއިން އެ ކުޅުންތެރިންނަށް، މުހިންމު ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށް ބޯލާސް އެކަޑަމީން ގަބޫލުކުރެ އެވެ.








