އޮންލައިން ނޫސް އަދަދު ހިންގާ އޮފީހަށް ފުލުހުން ވަދެ އެ ތަން ބަލާ ފާސްކުރަން ފެށުމާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ސޯލިހު މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ.
ސޯލިހު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރާ ތަނަކަށް ވާންޖެހޭނެ ކަމަށާއި އެހެން ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރުތަކުން އެކަން އެގޮތަށް ކުރިއަށްދާ ކަމަކަށް ނުބެލެވޭ ކަމަށެވެ.
އަދަދު ނޫހުގެ އޮފީސް ބަލާ ފާސްކުރަން ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ބަލާ ފާސްކުރުމަކީ 'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ހެކި ހޯދުމަށް ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ.
މި ހާދިސާއާ ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްތަކަށް ބިރުދެއްކުމަށް ހިންގާ އަމަލެކެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ފަހަކަށް އައިސް ދަށަށް ގޮސްފައިވާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ހާދިސާއެއް ހިނގުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ އުނިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އަދަދު ނޫހަކީ ސަރުކާރުގެ އެކި ނިންމުންތަކާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން ގިނަ ރިޕޯޓުތަކެއް ޝާއިއުކުރަމުންދާ ނޫހެކެވެ.













