ކުރިން ވަޒީރު ކަމުގައި ނެތް ހަތަރު ބޭފުޅަކު ހިމަނައިގެން، ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓު އަލުން އެކުލަވާލުމާ ގުޅިގެން ބައެއް މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލުތަކެއް ގެނެސްފި އެވެ.
ކެބިނެޓު އަލުން އެކުލަވާލީ އިއްޔެ މުއިއްޒު އަންގަވައިގެން 10 މިނިސްޓަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުއިއްޒުގެ ކެބިނެޓު އަލުން އެކުލަވާލިއިރު، މިނިސްޓްރީތަކުގެ އަދަދު ވަނީ، އެޓާނީ ޖެނެރަލް އޮފީސް ހިމަނައިގެން، 15 އަށް މަދުކޮށްފަ އެވެ. ކުރިން އޮންނަނީ 20 މިނިސްޓްރީ އެވެ.
އެއާއެކު ބައެއް އިދާރާތަކުގެ ބެލެނިވެރި މިނިސްޓްރީ ވަނީ ބަދަލުވެފަ އެވެ.
އެގޮތުން، މީގެ ކުރިން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި، "އާއިލާތަކާއި ކުޑަކުދީންނަށް ހިދުމަތްދޭ މަރުކަޒުތަކާއި، އަމާންހިޔާތަކާއި، ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒާއި، އިސްރަށްވެހިންގެ ނާދީތަކާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާއި، އެ ސާވިސްގެ ދަށުން ހިނގަމުންދިޔަ ފިޔަވައްޗާއި އަމާންވެށިތައް ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ވަނީ އެންވާރަމަންޓު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ވެސް ބައެއް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން، ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމުގެ ބާރުތައް ފިނޭންސް މިނިސްޓަރަށް ދީފައިވާއިރު ޕަބްލިކް ވޯކްސް ބަދަލުކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށެވެ.
ކެބިނެޓު އަލުން އެކުލަވާލިއިރު ޑިފެންސް މިނިސްޓަރަކު އައްޔަންނުކުރެ އެވެ. އަދި އެ މިނިސްޓްރީގެ ޒިންމާތައް އެހެން މިނިސްޓްރީއަކާ އެކެއް ނުކުރެ އެވެ.













