ލަންޑަން (އޭޕްރީލް 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 4-0 އިން ވުލްވްސް އަތުން ހޯދި މޮޅާ އެކު، ޓޮޓެންހަމް ހޮޓްސްޕާސް ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ އެވެ.
ރޭ ހޯދި މޮޅާ އެކު، ވެސްޓް ހޭމް އިން ވަނީ ލީގުގެ 17 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 32 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް، 18 ވަނައިގައި އޮތީ 31 މެޗުން 30 ޕޮއިންްޓް ހޯދައިގެންނެވެ. ޓޮޓެންހަމް އިން މާދަމާ ސަންޑަލެންޑް ދަނޑުގައި ކުޅެން ނުކުންނައިރު، އާ ކޯޗު، ރޮބާޓޯ ޑި ޒާބީ، ފުރަތަމަ މެޗާ ކުރިމަތިލާނީ ވެސް ރެލިގޭޝަން ޒޯނުގައި އޮވެ އެވެ.
ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ވުލްވްސް އިން ރަނގަޅު އެޓޭކްތަކެއް ކޮށް ގޯލެއް ޖެހުމާ ގާތަށް ވެސް ދިޔަ އެވެ. އެކަމަކު، ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ވެސްޓް ހޭމް އިން ލީޑުނެގީ ޖެރަޑް ބޮވެން ނެގި ހުރަހަކުން ކޮންސްޓަންޓީނޯސް މަވްރަޕާނޯސް ބޮލުން ޖެހި ގޯލުންނެވެ.
ފުރަތަމަ ހާފުގައި ލިބުނު ލީޑާ އެކު، އިތުބާރު ހޯދައިގެން ދެ ވަނަ ހާފަށް ނުކުތް ވެސްޓް ހޭމް އިން މި ހާފުގައި އިތުރު ތިން ގޯލު ޖެހި އެވެ. އޭގެ ތެރެއިން ދެ ގޯލު ޖެހީ، ޖެނުއަރީ ޓްރާންސްފާގައި އިޓަލީގެ ލާޒިއޯ އިން ވެސްޓް ހޭމް އަށް ބަދަލުވި ޓަޓީ ކަސްޓެޔާނޯސް އެވެ. އޭނާ އަންނަނީ ވެސްޓް ހޭމް އަށް މުހިންމު ގޯލުތަކެއް ކާމިޔާބުކޮށްދެމުންނެވެ. ކަސްޓެޔާނޯސް މި މެޗުގައި ދެ ގޯލު ޖެހީ، ތިން މިނިޓް ތެރޭގަ އެވެ.
މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ވެސްޓް ހޭމްގެ ފަހު ގޯލު ޖެހީ ފުރަތަމަ ލަނޑު ޖަހައިދިން މަވްރަޕާނޯސް އެވެ. މިއީ، އެންމެ ފަހުން ވެސްޓް ހޭމް އިން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން އޭނާ ޖެހި ތިން ވަނަ ގޯލެވެެ.












