މޯލްޑިވްސް އެކުއަޓިކްސް (ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ އެތުލީޓުން ތަމްސީލްކުރާ ދެ މަގާމަށް ދެ އޮލިމްޕިއަނުން ކަމަށްވާ އައިޝަތު ސާޖިނާ އާއި ނިޝްވާން އިބްރާހިމް އަދި ކްލަބްތައް ތަމްސީލްކުރާ މެމްބަރަކަށް ޝާދިޔާ ހަސަން އިންތިހާބުކޮށްފި އެވެ.
ރޭ ބޭއްވި މޯލްޑިވްސް އެކުއަޓިކްސްގެ އަހަރީ އާންމު ޖަލްސާގައި، އެތުލީޓުން ތަމްސީލްކުރާ މެމްބަރުންގެ ތެރެއިން، އަންހެން މެމްބަރަކަށް ސާޖިނާ އިންތިހާބުވީ، ޖަލްސާގައި ބައިވެރިވި، 10 މެމްބަރުންގެ ތެރެއިން އަށް ވޯޓު ހޯދައިގެންނެވެ. ވޯޓުގައި އެއް ފަރާތުން ބައިވެރިނުވާއިރު، އިދިކޮޅަށް ވަނީ އެއް ވޯޓު ދީފަ އެވެ. އަދި، އެތުލީޓުން ތަމްސީލްްކުރާ ފިރިހެން މެމްބަރަކަށް ނިޝްވާން ހޮވުމަށް، ނުވަ ވޯޓު ލިބުނުއިރު، އެއް ފަރާތުން ވޯޓުގައި ބައިވެރިނުވެ އެވެ.
ކްލަބްތައް ތަމްސީލްކުރާ އަންހެން މެމްބަރަކަށް ނިއު ލެގޫންސް ސްވިމިން ކްލަބްގެ ޝާދިޔާ އިންތިހާބުވީ، ވޯޓު ލެވޭ ހަތް މެންބަރުންގެ ވެސް ތާއީދާ އެކުގަ އެވެ.
ރޭގެ ޖަލްސާގައި މޯލްޑިވްސް އެކުއަޓިކްސް އިން މި އަހަރަށް ވަނީ، 97،249،198 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ، 96،603،468 ރުފިޔާ އެވެ. ބަޖެޓްގެ ބާކީ އަކީ، 645،730 ރުފިޔާ އެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކުއަޓިކްސްގެ އިންތިހާބު ކާމިޔާބު ކުރައްވައި، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވީ މުހައްމަދު އަބްދުއްސައްތާރު އެވެ. ސައްތާރު މިދިޔަ އަހަރު ރައީސަކަށް އިންތިހާބުވީ، 66 މެމްބަރުންގެ ތެރެއިން 64 ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދިނެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފަހުން ސްވިމިން ރައީސަކަށް ހޮވިވަޑައިގެންނެވީ، ކުރިން ފަހަރަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެ ގޮތުން، އިންތިހާބުގައި ވޯޓުލި 96.97 ޕަސެންޓް ވޯޓު ސައްތާރަށް ލިބިވަޑައިގެންނެވި އެވެ.
މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީގައި މިހާރު ތިބި މެމްބަރުންނަށް ބަލާއިރު، ގައުމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށް ކާމިޔާބު ހޯދާފައިވާ އެތުލީޓުންގެ ނިސްބަތް އިތުރެވެ.












