މިއީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްތަ؟ ނުވަތަ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއެއްތަ؟

މި އިންތިހާބުގައި އެމްޑީޕީ އަދި ޕީއެންސީގެ ދިދަތަކެއް ދަމާފައި: ގިނަ

މި އިންތިހާބުގައި އެމްޑީޕީ އަދި ޕީއެންސީގެ ދިދަތަކެއް ދަމާފައި: ގިނަ

ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސާފުކޮށް ފެންނަ ކަމެއް އެބަ އޮތެވެ. އެއީ ސަރުކާރަށް ކުރިމަތިލާންޖެހުނު ބޮޑު ނާކާމިޔާބީ އެވެ.

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އުއްމީދުކޮށްގެން ތިބީ ކައުންސިލުގެ 80 ޕަސެންޓު ގޮނޑި އެ ޕާޓީއަށް ނެގޭނެ ކަމަށެވެ. އެކަމަކު ނަތީޖާ އައި އިރު، ޕާޓީއަށް ލިބުނީ އެންމެ 40 ޕަސެންޓެއްހާ ވޯޓެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ސަރުކާރަށް ލިބުނީ އަދި މާބޮޑު ނާކާމިޔާބީއެކެވެ. ވޯޓު ލީ މީހުން ތެރެއިން 146،112 މީހުން ބުނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. އެއީ 68 ޕަސެންޓު މީހުންނެވެ. 

Advertisement

ސަރުކާރަށް ކިރިޔާ ވެސް ގޮނޑިކޮޅެއް ލިބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގަ އެވެ. އެ އިންތިހާބުގެ ގިނަ ގޮނޑިތައް ނެގީ ޕީއެންސީ އެވެ. 

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ބަލާއިރު، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި އެ ސިޓީތަކުގެ ކައުންސިލް މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. ކައުންސިލްތަކުގެ ރައީސްގެ މަގާމަށް ވެސް ގިނައިން އައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މުޅި ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވައި، ދެން ހުރި އަތޮޅުތަކުގެ ކައުންސިލުގެ މެޖޯރިޓީ ނެގީ އެމްޑީޕީ އިންނެވެ. މުޅި ރާއްޖޭގެ ކައުންސިލްތަކުގެ 46 ޕަސެންޓު ގޮނޑި ނެގީ އެމްޑީޕީ އިން ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.

ނަމަވެސް މިއީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްތޯ އެވެ؟ ނުވަތަ މިއީ ސަރުކާރަށް ނޫނެކޭ ބުނުމުގެ ގޮތުން ރައްޔިތުން ނުކުމެ ދިން މެސެޖެއްތޯ އެވެ؟ މިކަމުގެ ބަހުސް މިހާރު ވެސް އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެބަ ހިނގަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރި ކެމްޕެއިނު 

މި އިންތިހާބާ ކުރިމަތިލިއިރު ވެސް އެމްޑީޕީ އޮތީ ލީޑަރެއް ނެތް ޕާޓީއެއްގެ ގޮތުގަ އެވެ. ޕާޓީގައި "ލީޑަރުން" ގިނަ ނަމަވެސް ލަގަނުގައި ހިފާނެ ބޭފުޅަކުު ނެތެވެ. ޕާޓީ އޮތީ ހަތަރު ފެކްޝަނަކަށް ބައިވެފަ އެވެ. 

އެމްޑީޕީގެ ފެކްޝަންތަކުގެ ގޮތުގައި ފެންނަން އޮތީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފެކްޝަން އާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފެކްޝަނެވެ. 

ޕާޓީގެ އެތެރޭގެ މަސައްކަތް ވެސް އޮތީ ފެކްޝަންތަކަކަށް ބެހި މަސްހުނިވެފަ އެވެ. އެއް ފެކްޝަނުން ކުރާ މަސައްކަތަށް އަނެއް ފެކްޝަނުން އިޖާބައެއް ނުދެ އެވެ. އޭގެ ސަބަބުން ފެނުނީ މާބޮޑު އަމާޒެއް ނެތި ކެމްޕެއިނުގެ ހަރަކާތްތައް ހިންގި ތަނެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގެ ސްލޯގަނަކަށް އެމްޑީޕީ އިން އިހުތިޔާރު ކުރީ "ހޭވައްލާ ތައްޔާރު" އެވެ. ކެމްޕެއިނު ޖަލްސާތަކާއި އިވެންޓުތައް ވެސް ބޭއްވީ އެ ސްލޯގަނުގެ ދަށުންނެވެ.

ނަމަވެސް ހޭވައްލާ ތައްޔާރުވާންވީ ކޮން ކަމަކަށް ކަމެއް ރައްޔިތުންނަކަށް ނޭނގެ އެވެ. އެމްޑީޕީގެ ސާފު ސިޔާސަތެއް ކެމްޕެއިނަކުން ނުފެނުނެވެ. ލޯކަލް ކައުންސިލުގެ ގޮނޑިތައް އެމްޑީޕީއަށް ދޭންވީ ހަރުދަނާ ސަބަބެއް އެ ޕާޓީއަކަށް ނުބުނެދެ އެވެ.

އިންތިހާބު ތެރޭގައި އެމްޑީޕީގެ ފަރާތުން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ޕާޓީއެއްގެ ގޮތުގައި ހަރުދަނާ ކެމްޕެއިނެއް ނުކުރެވޭ -- ފޮޓޯ: އެމްޑީޕީ
އިންތިހާބު ތެރޭގައި އެމްޑީޕީގެ ފަރާތުން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ޕާޓީއެއްގެ ގޮތުގައި ހަރުދަނާ ކެމްޕެއިނެއް ނުކުރެވޭ -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުން އާންމުންނަށް ދިން ހަމައެކަނި އަދި ހުރިހާ ވެސް މެސެޖަކީ މިހާރު ވެރިކަމުގައި ހުންނެވި މުހައްމަދު މުއިއްޒަށް ވުރެ އެމްޑީޕީ ރަނގަޅު ކަމަށެވެ. މުއިއްޒާއި ސަރުކާރަށް ނޫނެކޭ ބުނަންވީ ކަމަށް އެމްޑީޕީގެ ކެމްޕެއިނުން އެނގުނެވެ. ނޫނެކޭ ބުނަން ޖެހުނީ މުއިއްޒު ގޯސްވެގެންނެވެ. 

އެމްޑީޕީގެ ސިޔާސަތެއް، ޕާޓީގެ މިސްރާބެއް، ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެއް ކެމްޕެއިނަކުން ހާމައެއް ނުވި އެވެ. 

މި ކެމްޕެއިނާ ހަމައަށް އައިއިރު، ވަރަށް ސީރިއަސް މައްސަލަތަކެއް ގައުމަށް ވަނީ ކުރިމަތިވެފަ އެވެ. އެތައް ޒަމާނަކުން ތަރައްގީ ކުރަމުން އައި ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ވަނީ ބޮޑު ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކުޑަކޮށްފަ އެވެ. 

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ކާރިސާތަކުގެ ވާހަކަ އާއި ސަރުކާރުން އިގްތިސާދު މެނޭޖް ކުރާ ގޮތުގެ ވާހަކަ އެމްޑީޕީއަކުން މާބޮޑަކަށް ނުދައްކަ އެވެ. އިންސާނީ ހައްގުތަކުގެ ވާހަކަ އައި ހެޔޮ ވެރިކަމުގެ ވާހަކައެއް އެ ޕާޓީއަކުން ނުދައްކަ އެވެ. 

އެއީ މި އިންތިހާބަށްޓަކައި ދެއްކުން މުހިންމު އަދި އެމްޑީޕީގެ ފައިދާވާނެ ވާހަކަތަކެކެވެ.  ވަކިވަކި މެންބަރުންގެ ފަރާތުން މި ވާހަކަތައް ނުދެކެވެއެކޭ ނުބުނަމެވެ. އެކަމަކު އަހަރެން ގަބޫލު ކުރަނީ އެއަށްވުރެ ބާރަށް އެ ވާހަކަތައް ދެއްކުމުގެ ފުރުސަތު އިދިކޮޅު ޕާޓީއަށް އޮތް ކަމަށެވެ. 

ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިނު 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދަން ނިންމުމުން އެމްޑީޕީ އިން ކުރިއަށްވުރެ ބޮޑަށް ހަރަކާތްތެރިވި އެވެ. އެކަމަކު، ފެކްޝަންތަކުގެ ކޯޅުންތަކާހުރެ އެމްޑީޕީގެ ކެމްޕެއިން މާބޮޑަކަށް ނުހިނގި އެވެ. 

ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް ކެމްޕެއިނު ކުރަން އެމްޑީޕީ އިން ކޮމިޓީއެއް ހެދި އެވެ. އެ ކޮމިޓީ އެކުލަވައިލި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ނަމަވެސް އެ ކޮމިޓީގެ ވަރުގަދަ ހަރަކާތްތަކެއް ފަހުން ނުފެނުނެވެ. 

އެމްޑީޕީގެ ކެމްޕެއިނުން ދިން މައިގަނޑު މެސެޖަކީ އާންމުންގެ ގާތަށް ދެ ފަހަރަށް ދާންޖެހުމުގެ ބަދަލުގައި، އެއްފަހަރު ދާންޖެހޭ ގޮތަށް ހެދުމުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށެވެ. 

ރާއްޖޭގެ ސިޔާސީ ހަގީގަތަށް ބަލައި ވާހަކަ ދައްކާ ނަމަ އެއީ ހަގީގަތެވެ. ހައްގު ގޮތުގައި އަދި ހައްގު ނޫން ގޮތެއްގައި ނަމަވެސް އާންމު ރައްޔިތަކަށް އެއްޗެއް ރާއްޖޭގައި މި ލިބެނީ އިންތިހާބާ ދިމާކޮށެވެ. ހޮސްޕިޓަލުގެ ބިންގާ ވެސް އެޅެނީ އިންތިހާބާ ދިމާކޮށެވެ. 

ނަމަވެސް އެއަށްވުރެ ފުންކޮށް މައުލޫއަށް ވަދެގަތުމުގެ ފުރުސަތު އެމްޑީޕީއަށް އޮތެވެ. ނަސީބަކުން، މިފަހަރުގެ ކެމްޕެއިނުގައި އެހެން ބަޔަކު އެ ބައި ފޫބައްދައިފި އެވެ. އެއީ ގާނޫނުއަސާސީ އާއި ޑިމޮކްރަސީގެ ދިފާއުގައި، ނުކުތް ވަކީލުންނާއި ކުރީގެ ފަނޑިޔާރުންނާއި އިގްތިސާދީ މާހިރުންނާއި އެކްޓިވިސްޓުންނާއި އެހެނިގެން ހިދުމަތްތެރިންނެވެ. 

ފެންނަ ނުފެންނަ ވޯޓަށް އެމްޑީޕީ އިން ކުރި ކެމްޕެއިނަށް ވުރެ އެ ބޭފުޅުން ނުކުމެ ހިންގި "ނުފެނޭ" ކެމްޕެއިނަށް މާ ބޮޑު ތަރުހީބެއް ލިބުނެވެ. އެ މައުލޫއަށް ވާހަކަ ދައްކަން ތިން ބަހުސެއް އެބޭފުޅުން ބޭއްވި އެވެ. އަދި އެ ބަހުސްތަކުގެ ސަބަބުން، "ނޫނެކޭ" ބުނަން ފެށި މީހުންގެ އަދަދު ގިނަވާން ފެށި އެވެ. 

އަމިއްލަ އިތުބާރު ނެތުން 

ނޫހުގައި ނަން ނުޖެހުމަށް އަދި ވާހަކަ ދެއްކި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ބުނީ، އެ ޕާޓީ އިން އުއްމީދުކޮށްގެން ތިބީ އަދި މަސައްކަތް ކުރީ ވެސް ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބު ކުރަން އެކަނި ކަމަށެވެ. 

"ލޯކަލް ކައުންސިލް ގެއްލޭނެ ކަމަށް ނިންމައިގެން އެމްޑީޕީއިން ތިބީ. ސިޓީ ކައުންސިލްތަކުގެ ވެސް މޭޔަރުން ފިޔަވައި އެހެން ގޮނޑިތައް ލިބޭނެ ކަމަށް އުއްމީދެއް ވެސް ނުކުރޭ،" އޭނާ ބުންޏެވެ. 

އެއިން ދޭހަކޮށްދެނީ، ޕާޓީގެ ބަލިކަށިކަން، ރައްޔިތުންގެ އިތުބާރު ޕާޓީއަށް ނެތް މިންވަރު އަމިއްލައަށް ވެސް ގަބޫލު ކުރެވުމެވެ. ބޮޑު އިންތިހާބީ ދުވަހަކާ ހަމައަށް އައިއިރު ވެސް ޕާޓީގެ ހުރި މައްސަލަތައް ހައްލުނުވާކަމުގެ އިހުސާސް އަމިއްލައަށް ކުރެވުމެވެ.

އެފަދަ ހާލަތެއްގައި ވޯޓަށް ނުކުތުމުން، އުއްމީދު ކުރެވޭނީ ވެސް މަދު ގޮނޑިތަކަކަށެވެ. މަސައްކަތް ކުރެވޭނީ ވެސް ވަނދު ގޮތަކަށެވެ. އޭގެ ސަބަބުން އާންމު މީހާއަށް ޕާޓީގެ ފަރާތުން ފެންނަ ބުންވަރުން ވެސް ކަންކަން ބަދަލުވުމަށް ފުރުސަތު ފަހިވާނެ އެވެ. 

ނަޝީދު އާއި ސޯލިހު އަދި ފައްޔާޒް އާއި ޝާހިދުގެ ކެމްޕެއިން

އެމްޑީޕީ އިން ޕާޓީއެއްގެ ގޮތުގައި ވަރުގަދަ ކެމްޕެއިނެއް ނުކުރެވުނު ނަމަވެސް ޕާޓީގެ ވަކިވަކި ލީޑަރުންގެ ފަރާތުން ރަނގަޅު މަސައްކަތެއް ކުރިތަން ފެނުނެވެ. އޭގެ ތެރޭގައި ފައްޔާޒް އާއި ޝާހިދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. 

އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ކުރެއްވި ކެމްޕެއިނެވެ. އަދި ކެމްޕެއިނުގެ އެންމެ ފަހު ވަގުތު އެ ދެ ބޭފުޅުން އެކުގައި، އެއް ސަފެއްގައި ފެނުމަކީ ވެސް ޕޮޒިޓިވް ކަމެކެވެ. 

އެ ދެ ބޭފުޅުންގެ ކެމްޕެއިނުން ވެސް ޕާޓީގެ ސަޕޯޓަރުންނަށް "ދިރުމެއް" ލިބުނެވެ. ސޯލިހުގެ ސީދާ މެސެޖުތަކުންނާއި އާންމުންނާއެކު  ނަޝީދު ކެމްޕެއިނުގައި ހޭލަމޭލަވެ އުޅުއްވި ގޮތުން ސަޕޯޓަރުންނަށް ހިތްވަރެއް ލިބުނެވެ.

އެމްޑީޕީގެ ލީޑަރުން މިފަހަރުގެ ކެމްޕެއިނުގެ ތެރެއިން: މި ހަތަރު ބޭފުޅުން އެއް ރަށަކުން މިފަހަރު ނުފެނޭ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ލީޑަރުން މިފަހަރުގެ ކެމްޕެއިނުގެ ތެރެއިން: މި ހަތަރު ބޭފުޅުން އެއް ރަށަކުން މިފަހަރު ނުފެނޭ -- ފޮޓޯ: އެމްޑީޕީ

ސޯލިހާއި ނަޝީދު ކެމްޕެއިނުގެ ފަހު ދުވަސްކޮޅު ގަދަޔަށް ހަރަކާތްތެރިވުމުން ސަރުކާރު ޕާޓީ އިން ކުރިން ކެމްޕެއިނު ކޮންމެވެސް ވަރަކަށް ފަނޑުވި ކަމަށް އަހަންނަށް ގަބޫލު ކުރެވެ އެވެ. ކެމްޕެއިނުގައި މުއިއްޒުގެ ފަރާތުން އެ ބުންވަރު ނުފެނުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ނަމަވެސް ސޯލިހާއި ނަޝީދުގެ އިތުރުން ފައްޔާޒް އާއި ޝާހިދުއާ ހަތަރު ބޭފުޅުން އެއްކޮށް ކެމްޕެއިނުތަކުގައި ފެނުނު ނަމަ ރައްޔިތުންނަށް ލިބޭ މެސެޖު ވަރުގަދަވީހެވެ.

އަހަންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަތަރު ބޭފުޅުން އެކުގައި ދަތުރުކުރަން ޕާޓީއިން އިންތިޒާމްތަކެއް ވެސް ހަމަޖެއްސި އެވެ. އެކަމަކު، އެގޮތަށް ދަތުރު ކުރަން އޭގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް އެއްބަސްވެވަޑައިނުގަނެވުނީ އެވެ. 

~~

އަހަންނަށް ހީވާ ގޮތުގައި، މިފަދަ ބޮޑު އިންތިހާބީ ދުވަހަށް ކުރިމަތިވާއިރު، އެމްޑީޕީ އަށް ކެމްޕެއިނު ކުރެވިފައި ހުންނަންޖެހޭނީ، ޕާޓީގެ ހުރިހާ ގުނަވަނެއް އެކުގައި އަދި ވަކިވަކިން އެއް އަމާޒަކަށް، މަސް އައިނެއް ހަރަކާތްތެރިވާ ކަހަލަ ގޮތަކަށެވެ.

އެފަދަ ވަރުގަދަ ބަދަހިކަމެއް އިދިކޮޅު ޕާޓީއަށް ނުދެއްކުނުކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ. އެކަމަކު، މި އިންތިހާބުގައި ޕާޓީއަށް ލިބުނު ކާމިޔާބީ ޑިސްކްރެޑިޓެއް ނުކުރެވޭނެ އެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވާން، މި އިންތިހާބުން ފިލާވަޅުތަކެއް ލިބެންޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox