ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތް ކުރެވެނީ ބޮލަކަށް 5 ލާރި: އަހުމަދު މުހައްމަދު

ކުރީގެ މިނިސްޓަރު އަދި ސަފީރު އަހުމަދު މުހައްމަދު

ކުރީގެ މިނިސްޓަރު އަދި ސަފީރު އަހުމަދު މުހައްމަދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް ބުނެ ސަރުކަރުން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް "ބުހުތާނު ދޮގެއް" ކަމަށް ކުރިން މިނިސްޓަރު ކަމާއި ސަފީރުކަން ކުރައްވާފައި ހުންނެވި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ދެ ބަންޑާރަ ނައިބުން ކަމުގައިވާ މަޝްހޫރު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރު އާއި އާއި ދިޔާނާ ސައީދު އުފައްދަވާފައިވާ ތިންކުޓޭންކު، މޯލްޑިވްސް ސެންޓަ ފޯ ޕޮލިސީ ސްޓަޑީޒް (ޕޮލިސީ އެމްވީ) އިން ރޭ ބޭއްވި ޕެނަލަ ޑިސްކަޝަންގައި އަހުމަދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަކަށް ޖެހޭ ހަރަދުން އަހަރަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި ކަމަށެވެ.

އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް 85 މިލިއަން ރުފިޔާ ހަރަދުވިއިރު، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއެކު އެ ދެ އިންތިހާބުގެ ޖުމްލަ ހަރަދަކީ 147 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ގައުމީ ބަޖެޓުގެ ނިސްބަތުން ބަލާއިރު ޕަސެންޓެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެ އިންތިހާބު ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ. ކޮންމެ ދުވާލަކަށް ބަހާލައިފިއްޔާ މި ޖެހެނީ ދުވާލަކަށް 20 ލާރި. 20 ލާރި ހަރަދު ނުކުރެވިގެންތޯ މިއުޅެނީ ނޭވާ ނުލެވިގެން؟" އޭނާ ސުވާލު އުފެއްދެވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންތިހާބުތަކުގެ ހަރަދުގެ 89 ޕަސެންޓަކީ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުންގެ އުޖޫރައެވެ. ދެ އިންތިހާބު އެއްކޮށްލި ނަމަވެސް މުވައްޒަފުންނާއި އިދާރީ ތަކެތި މަދު ނުވާނެތީ، ސަލާމަތް ކުރެވޭނީ ހަރަދުގެ އެންމެ ހަތަރުބައިކުޅަ އެއްބަޔެވެ. އެއީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއެވެ. މިއީ އަހަރަކަށް ބަލާނަމަ 8 މިލިއަން ރުފިޔާ ކަމަށާއި މި ހިސާބުން ބަލާއިރު، ރައްޔިތެއްގެ ބޮލަކަށް ދުވާލަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި ކަމަށް އޭނާ ވިދާޅުވި އެވެ

"ފަސް ލާރިއާ ހެދިތޯ އަޅުގަނޑުމެން މިއުޅެނީ. ފަސް ލާރީގެ ސަބަބުން އަޅުގަނޑުމެންނަށް ދެން އަޅުގަނޑުމެންނަށް އޮޅުން ބޮޅުން އަރައިގެން ދަނީ ކޮން ކަންތައްތަކަކަށްތޯ. އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އިގުތިސޯދީ ގޮތުން ސަލާމަތް ކުރެވޭ ބޮޑު ހަރަދެއް އޮތް ކަމަށް ވިދާޅުވާ ވާހަކައަކީ ބުހުތާނު ދޮގެއް، ހިސާބުތަކުން ފެންނަން އޮތީ އެގޮތަށް. އެހެންވީމަ ވޯޓު ދިނުމުގައި އަޅުގަނޑުމެން އަސްލު ވިސްނަންޖެހެނީ މީގެން އަޅުގަނޑުމެންނަށް ކުރަނީ ކޮން މަންފާއެއްތޯ. ދެ އިންތިހާބު އެއްކޮށްލީމަ މަންފާ ކުރަނީއަކީ ދިވެހިރައްޔިތުންނަކަށް ނޫނޭ. މަންފާ ކުރަނީ ސިޔާސީންނަށް. ސިޔާސީންނަށް މަންފާކުރަނީ."

ސިޔާސީންނަށް ލިބޭ މަންފާގެ ގޮތުގައި ދެ ފަހަރު ރައްޔިތުންގެ ގާތަށް ގޮސް ކުރަންޖެހޭ ހަރަދާއި، ވޯޓު ގަތުމަށް ކުރާ ހަރަދުތައް އެއް ފަހަރަށް ކުޑަވެގެންދިޔުން އޭނާ ފާހަގަ ކުރެއްވި އެވެ. ރާއްޖޭގައި މިހާރު އޮތް އެންމެ ދެ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން މިކަމަށް ތާއީދު ކުރަނީ އެ މީހުންގެ އަމިއްލަ ހަރަދުތައް ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު، ދައުލަތުގެ މުއައްސަސާތަކަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މީހުންނަށް ނުކެރުމާއި، ފިނޭންސް މިނިސްޓްރީން ހުށަހަޅަންޖެހޭ ފިސްކަލް ރިޕޯޓުތައް ގަވާއިދުން ނުފެނުން ފަދަ ކަންކަމަކީ ޖަވާބުދާރީވުމުގެ ނިޒާމު ފުނޑިފައިވާ ކަމުގެ ހެކިތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިގުތިސޯދީ ގޮތުން މީގައި މަންފާއެއް ނެތް، ހަމަޖެހުމަކަށް މަންފާއެއް ނެތް. ހަމަހަމަ ކަމުގެ ވާހަކައާއި މި ދައްކާ ވާހަކަތަކަކީ މީގައި ފޮރުވިފައި އޮތް، ނޫނީ ކުރިއަށް ނެރޭ ސިފަތަކެއް،" އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިންގެ ވާހަކަ

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ސަބަބެއްގެ ގޮތުގައި ކަރުދާހުގައި ވެސް ހިމަނާފައި އޮތީ ހަރަދުގެ ވާހަކަކަން ފާހަގަ ކުރެއްވުމަށް ފަހު ރޭގެ ޕެނަލް ޑިސްކަޝަންގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މިއީ "މޫދަށް އެރިއޮވެ ތިމަންނަ މިއުޅެނި ހިކޭނެ ގޮތެއް ނެތިގެންނޭ" ނުފުންފަދަ ވާހަކަ އެކެވެ.

ރައްޔިތުންގެ ބާރުތައް ކަނޑުވާލުމަށް އިންތިހާބުތައް މަދުކުރުމުގެ ބަދަލުގައި ބިލިއަނުން ހަރަދު ސަލާމަތް ކުރެވޭނެ ބައެއް ގޮތްތައް އަލީ ހުސައިން ވިދާޅުވި އެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލައިފި ނަމަ ފަސް އަހަރު ދުވަހުގެ ތެރެގައި އެއް ބިލިއަން ރުފިޔާ ސަލާމާތް ވާނޭ ކަމަށާއި އެގްރިކަލްޗާ މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މުވައްޒަފުން މަދުކޮށްފި ނަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތް ހިންގުމަށްޓަކައި ހިފާފައި ހުރި އޮފީސްތަކަށް އަހަރެއްގެ ތެރޭގައި 200 މިލިއަން ރުފިޔާ ހަރަދު ކުރާއިރު، އެތަންތަން ދޫކޮށްލައިފި ނަަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިއަން ސަލާމަތް ކުރެވޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

"ހަރަދު ކުޑަކުރަންޏާ ކުރާނެ ބައިވަރު ކަންތައްތަކެއް އެބަހުރި. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއުޅެނީ ހަރަދު ކުޑަކުރާންހެނެއް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި އިސްލާހު ގެނައުމުގެ ހަމަ އެކަނި ބޭނުމަކީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ފެނިވަޑައިގަންނަވަނީ އެ ބޭފުޅާއަށް ދެ ވަނަ ފަހަރަށް އިލެކްޓު ވެވޭނެ ހަމައެކަނި ޕޮސިބިލިޓީއަކީ މިއީ ކަމަށް،" އަލީ ހުސައިން ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު އިސްލާހުތަކެއް ގެންނާނެ ކަމަށާއި އޭގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވުމާއި ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ނުޖެހޭ ގޮތް ހެދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާހުތަކުގެ ތަކުގެ ތެރެގައި ދެ ވަނަ ދައުރަކަށް ހޮވޭނެ ގޮތަކީ އެއީ ކަމަށް ވާތީ މިކަން މިކުރަނީ،" އަލީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox