އިރާނު މައްސަލައިން ދައްކައިދެނީ އިސްލާމީ އުއްމަތް އޮތް ހާލު

މިއީ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

މިއީ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

އަޅުގަނޑާއެކު އިސްލާމީ ތާރީޚުން ދުނިޔޭގެ ތާރީޚާއެކު ފަހަތަށް ދެތިން ސަފުހާ އެއްލަވާށެވެ! މުސްލިމުން ދުނިޔޭގެ ހަތަރު ބިތަށް ބާރު ފޯރުވައި، އެހެން ހުރިހާ ބާރުތަކެއް ޖެހިލުންވާ ވަރުގެ ބާރަކަށް ވެފައި އޮތް ޒަމާނެވެ. ތިމާއީ މުސްލިމެކޭ ބުނުން އެއީ ދުނިޔޭގައި ފަޚުރެއްކަމުގައިވެފައި އޮތް ޒަމާނެވެ. ހުރިހާ އިލްމުތަކެއްގެ ވެރި ރަށަކީ ވެސް އިސްލާމީ ޚިލާފަތުގެ މައި ދަރުބާރު އެތަނުގައި އޮތް އިރާގުގެ ބަގުދާދު ކަމުގައިވެފައި، އިލްމުވެރިކަން ދުނިޔެއަށް ފެތުރި ފުޅާވާ ނާރެހަކީ އެ ބަގުދާދުގައި ހުރި ހައުސް އޮފް ވިސްޑަމް ކަމުގައި ވެފައިވީ އުފާވެރި ޒަމާނެވެ.

ކޮންމެ ޙަޟާރަތަކާއި ރަށްވެހިކަމެއް އޭގެ ކުންނަށް އަރާހަމަވުމަށްފަހު ތިރިޔަށް ފައިބާ އުސޫލުން އެހެންނާ ބޮޑުންނާއި ރައްޔިތުންނަށް ހެދޭ ގޯސްތަކެއްގެ ސަބަބުން ވިޔަސް، މުސްލިމުންގެ އެ ރަންޒަމާން ވެސް ގެއްލި ދިޔައީ ހަމަ ކުއްލިއަކަށް ނޫނެވެ. މަޑުމަޑުންނެވެ. ފަނޑުފަނޑުވަމުން ގޮހެވެ. މީލާދީން ބާރަސަތޭކަ ފަންސާސް އަށްވަނަ އަހަރެވެ. މުގޯލުން ހުލޭގޫޚާންގެ އެމްޕަރަރ ކަމުގައި ތަތާރުންގެ ލަޝްކަރާއެކު ވަދެ ބަގުދާދު ތަޅާ ސުންނާފަތިކޮށްލިއެވެ.

ވަކި މީހެއް ދޮށްޓެއް ހަގެއް ޒުވާނެއް މުސްކުޅިއެއް އަންހެނެއް ފިރިހެނެއް ބެލުމެއް ނެތި އަނިޔާވެރި ގަތުލު އާންމުތަކެއް ސާޅީސް އެތައް ދުވަހެއް ވަންދެން ހުލޭގޫޚާންގެ ލަޝްކަރުން ބަގުދާދުގައި ހިންގިއެވެ. ރަސްކަމުގެ ދަރުބާރަށް ވަދެފައި މުސްލިމުންގެ ޚަލީފާ އަލްމުޢުތަޞިމް ހައްޔަރުކޮށް އޭނާއަށް ބިރުދައްކައިގެން، އޭރު ޚަޒާނާކޮށްފައި ހުރި ރަންރިހީގެ ޚަޒާނާތައް ޚަލީފާގެ އަނގައިން ހޯދިއެވެ. އެޔަށްފަހު ޚަލީފާ ގަތުލުކޮށްލެވުނެވެ.

މިއީ އިސްލާމީ ޚިލާފަތުގައި އެންމެ ދިގުކޮށް ވެރިކަން ކުރި އެއް ދަރިކޮޅުކަމަށްވާ އައްބާސީ ޚިލާފަތުގެ ވެރިކަން ނިމިގެންދިޔަ ގޮތެވެ. ޝައްކެތް ނެތެވެ. އަދާ ހަމައަށް އިސްލާމީ ތާރީހު ބެއްޔަސް މުސްލިމުން އެބައިމީހުންގެ ތާރީހާއި މާޒީއަށް ފަހުރުވެރިވާން ދައްކާންހުރި އެންމެ ރީތި ވާހަކަތަކާއި ހާދިސާތައް ނަގާ ދެއްކޭނީ އެ ދަރިކޮޅުގެ ވެރިކަމުގެ ކޮއިލަށް ނިސްބަތްކޮށްކަމަށް އަޅުގަނޑު ދެކެމެވެ. އެހެނަސް އެވެރިކަން ވެސް ފަސާދަވެ ނިމިގެންދިޔައީ އެހެންވެސް ވެރިކަންތައް ފަސާދަވެ ނިމިގެންދާ ގޮތާ ދާދި އެއްގޮތަކަށްކަމުން ނިމުން ހިތްގައިމެއް ނޫނެވެ.

އައްބާސީ ދަރިކޮޅުގެ ވެރިކަން ނިމެން ގާތްވިއިރު މުސްލިމުންގެ ބައިތުލްމާލު ވެފައިވަނީ، އެއީ އައްބާސީ ދަރިކޮޅުގައި އޭރު ތިބި ބަޔެއްގެ ނުވަތަ ޚިލާފަތުގެ ބާރުވެރިކަން ފޯރާ ހިސާބުގައި ތިބި މީސްކޮޅުގެ އަމިއްލަ މުދާގަނޑެއް ފަދަ އެއްޗަކަށެވެ. އެޔަކުން މުސްލިމް ރައްޔިތުންނަށް ކުރަންޖެހޭ ވަރާ ގާތަށް ވެސް ލާބަޔެއް މަންފާއެއް ކުރަމަކުން ނުދެއެވެ.

ހުލޭގޫޚާން އިސްލާމީ ޚިލާފަތުގެ ދަރުބާރަށް ވަދެ މުސްލިމުންގެ ޚަލީފާ ހައްޔަރުކޮށް، ހަޒާނާތައް ހުރި ތަން ހުލޭގޫޚާނަށް ދެއްކުމަށް ޚަލީފާއަށް މަޖުބޫރުކޮށް ބިރުދައްކައި ހެދުމުން ޚަލީފާ ރަންރިހީގެ ހަޒާނާތައް ހުރިތަން މުގޯލުންނަށް ދެއްކިއެވެ. ބުނެވޭ ގޮތުގައި މުގޯލުންނަށް އެބައިމީހުންގެ މުޅި ތާރީހުގައި ވެސް ލިބުނު އެންމެ ގިނަ ރަން ލިބުނީ މުސްލިމުންގެ އަތުންނެވެ. ބައެއް ތާރީހު އިލްމުވެރިން އެ ރަންރިހީގެ ހަޒާނާތައް ސިފަކޮށްފައި ހުރީ ރަނުގެ ފަރުބަދަތަކެއްގެ ގޮތުގައެވެ.

މިރަނުގެ ހަޒާނާ ފެނިފައި މުގޯލުންގެ އެމްޕަރަރ ހުލޭގޫޚާންވެސް ހައިރާންވެފައި މުސްލިމުންގެ ޚަލީފާ އަލްމުޢުތަޞިމަށް ބުނިކަމުގައި ރިވާވެގެންވެއެވެ. ކަލޭގެ ހުރި މޮޔަކަމާއެވެ! މިހިރަ ފެންނަނީ ކަލޭމެންގެ މުއްސަނދިކަން ހުރި ވަރެވެ. މި މުދާ ކަލޭގެ ލަޝްކަރަށް ހޭދަކުރާންޖެހޭގޮތުގައި ހޭދަކޮށް ކަލޭގެ ރައްޔިތުންނަށް މިއިން މަންފާކުރުވި ނަމަ، އަހަރެމެންނަކަށް ކަލޭމެންގެ މައްޗަށް ދެއްކޭނެ ހަމަ އެއްވެސް ބާރެއް ލިބިގެން ނުވީހެވެ.

އޭރުވެސް މުއްސަންޖެވެ. އެކަމަކު މުސްލިމުންގެ ބޮޑުން އެ މުއްސަނދިކަން ބޭނުންކުރި ގޮތެވެ. މިހާރުވެސް މުސްލިމުން މުއްސަންޖެވެ. އެންމެ ބޮޑު މުއްސަނދިކަން އޮތް ގަލްފު ގައުމުތައް އެޔޮތީ އެކަމަކު "ޓްރަމްޕްޚާން" ގެ މުށުތެރޭގައެވެ. ފައިސާ ހުއްޓަސް އަމިއްލަ ބާރެއް ނެތެވެ. ބުނާ ބަހުގައި ކިތަންމެ ވަރުގަދަ އިސްލާމީ ބަހުރުވައެއް ހުއްޓަސް އަމަލާއި ބާރުވެރިކަމުން އިސްލާމްދީނަށް ނަސްރު ހޯދައިދިނުމުގައި ނުކުޅެދުންތެރިކަމުގެ އިންތިހާގައެވެ.

އަހަރެމެންނަކީ ސުންނީ މުސްލިމުންނެވެ. ސުންނީ މުސްލިމުން ނިސްބަތްވާ އިސްލާމީ ހުރިހާ ބޮޑެތި ގައުމުތަކެއް ޚާރިޖީ ގޮތުން ގުޅުން ގާއިމުކޮށްގެން އެބަޔަކަށް ހަމަ ރަނގަޅަށް ބައިއަތު ހިފައިގެން އިގުތިސާދީ ގޮތުންނާއި އަސްކަރީގޮތުން އަތާއަތް ގުޅާ ލާމަހައިގެން މިތިބެނީ އެމެރިކާއާއެވެ. އިޒްރޭލުގެ މިތުރު އެމެރެކާގެ ވާހަކައެވެ.

އިޒްރޭލާއި އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ ދެއުޅިއެއް ނުވާ، އަދުލުއިންސާފުގެ ވަސްވެސް ނުދެކޭ އަނިޔާވެރި ލާއިންސާނީ ސިޔާސަތުތަކާ ދެކޮޅަށް އެންމެ ބާރަށް އަމަލާއި ބަހުން ވަކާލާތުކުރަމުން ދިޔައީ އަދި ދަނީ ޝީޢީ މުސްލިމުންގެ ބޮޑުއާބާދީ އޮތް އިރާނުންނެވެ.

ކަމަކާ ވާ ކަހަލަ ކަމެއް ނުހިނގާހާ ހިނދަކު ގަލްފު ގައުމުތަކުން ވެސް އިސްލާމީ އެހެން ހުރިހާ ގައުމަކުންވެސް ބަސް ބުނަމުންދަނީ އިޒްރޭލާ ދެކޮޅަށެވެ. ފަލަސްތީނަށް ނަސްރާއި ތާއީދުގެ ބަސްތަކެވެ. އަމަލުން ދޭ އެއްބާރުލުމެއް ނެތަސްވެހެވެ. ހަގީގީ މަންޒަރު އެންމެންނަށް މިފެނަންނަނީ ކަމަކަށް ވާ ކަހަލަ ކަމެއް ހިނގީމައެވެ.

އިރާނުގެ ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ އަނިޔާވެރިކޮށް ޝަހީދުކޮށްލީ ޓެރަރިޒަމްގެ ދެވަނަ މިސާލެއް ނެތް ފަދަ ހަމަލާއަކުންނެވެ. އެކަމާ ދެބަސްވާނެ އެއްވެސް ދިވެއްސަކު ނޫޅޭނެއެވެ. އޭގެ ރައްދުގައި އިރާނުން ދޭން ފެށި ހަމަލާތަކުގެ ތެރޭގައި ސަރަހައްދުގެ އިސްލާމީ ބައެއް ގައުމުތަކަށް އިރާނުން ހަމަލާދިނެވެ. އެއީ އެމެރިކާއާއެކު އަސްކަރީ ގުޅުންތައް ގާއިމުކޮށްގެން އަސްކަރީ މަރުކަޒުތައް ބިނާކޮށްގެން ތިބި އިސްލާމީ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށެވެ. އެމެރިކާއާ ކުރާ ހަނގުރާމައެއްގައި އެތަންތަނަށް ހަމަލާ ނުދީ ކާމިޔާބު ހޯދޭނެ ގޮތަކީ ނެތް ގޮތަކަށްވާތީއެވެ.

އެކަމަކު ހަމަ މިދަންނަވާ ގައުމުތަކުގައި އެތިބީ އަހަރެމެންނާ މަޒުހަބުގެ ގޮތުން މާ ގާތް ސުންނީ މުސްލިމުންނެވެ. އެބައިމީހުންނަށް ލިބޭ ކޮންމެ ގެއްލުމަކާއި އަނިޔާއެއް ކުށްވެރިކުރުމުގައި ވެސް އަހަރެމެން ފަހަތަށް ޖެހޭކަށް ވަކި ނުޖެހެއެވެ. އަރަބި ބޮޑެތި ގައުމުތަކުން އަސްކަރީ ގުޅުންތައް އެމެރިކާއާއެކު ގާއިމުކުރި ކުރުމަކީ ދިގު މާޒީއެއް އޮތް ބޮޑު ވާހަކައެކެވެ. އަދި އެގޮތުގައި ދެމިތިބޭ ތިބުމަކީ ވެސް އެހާ ބޮޑު ފަސްމަންޒަރެއް އޭގައި އެކުލެވިފައިވާ ކަމެކެވެ. އެކަމަކު އެގައުމުތަކުގައި ތިބި ހުރިހާ ރައްޔިތުންނަކީ އެކަމުގެ ގެއްލުމަށް ހުށަހެޅޭހިނދު އަހަރެމެންގެ ހަމްދަރުދީ ރައްދުވާންޖެހޭ ބަޔެކެވެ.

ދިވެހި ސަރުކާރަށް ވަކި މިކަމުގައި ކުރެވޭނީ އަދި ކޮށްދެވޭނީ އިތުރު ކޮން ކަމެއްހެއްޔެވެ؟ ޝައްކެތް ނެތެވެ. އިރާނުން އެމެރިކާއާ ދެކޮޅަށް ކުރަމުންދަނީ ޙައްޤު ޖިހާދެކެވެ. އަދި ހާލަތު މަޖުބޫރުކޮށްފައިވަނީ އެ ޖިހާދުގެ ކުރިމަގަށްޓަކައި، އެމެރިކާއިން މެދުއިރުމަތީގައި ގާއިމުކޮށްފައި ހުރި އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދިނުމަށެވެ. އަދި މެދުއިރުމަތީގައި އެމެރިކާގެ ބާރުވެރިކަން ގާއިމުކޮށްފައި އޮތް ކޮންމެ ދިމާއަކަށް ހަމަލާދިނުމަށެވެ. އެތަންތަން ހުރީ ސުންނީ މުސްލިމުންގެ އާބާދީތައް ހުރި އިސްލާމީ ގައުމުތަކުގައިކަމަށްވުމަކީ ހާލަތު މިއަދު ކުރިމަތިކޮށްފައި އޮތް އިންތިހާ ބަދުނަސީބެކެވެ. އެކަމަކު އެކަމުގައި ދިވެހި ސަރުކާރަށް ކޮށްދެވޭނީ ކޮން ކަމެއްހެޔެވެ؟

ސަރުކާރަކުން ބުނާ ބަހަކީ ދިވެހި ގައުމުގެ ޚާރިޖީ އެންމެހާ ގުޅުންތަކަކާ ގުޅިފައި ހުރި ހައްސާސީ ނަތީޖާތަކެއް އޭގެ މައްޗަށް އުފަންކުރުވާފާނެ ކަމެކެވެ. ވެރިކަމުން ދުރުގައި ތިބި ސިޔާސީ ބޭފުޅުން، ބޭރު މީހަކަށް ނޭނގޭނެހެން ދިވެހި ބަހުން ކުރާ ޓްވީޓްތަކާއި ދިވެހި ބަހުން ކުރައްވާ ތަގުރީރުތަކުގައި ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް މިބާވަތުގެ ކަންކަމަކީ ސިޔާސީ ކަންކަމަށް ހަދައިގެން ކަމުގެ ހައްސާސްކަން ނުރަނގަޅު ގޮތުގައި ބޭނުންކޮށްގެންވާނެ ކަންކަމެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox