އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމުން ރާއްޖެއަށް ލިބޭ ފިލާވަޅުތައް

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމުން ރާއްޖެއަށް ލިބޭ ފިލާވަޅުތައް

އެމެރިކާގެ ސުޕްރީމް ކޯޓުން 2026 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި ނިންމި ނިންމުމަކީ، ދައުލަތުގެ ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި "ޗެކްސް އެންޑް ބެލެންސަސް" ނުވަތަ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ މުހިންމުކަން ހާމަކޮށްދިން ތާރީހީ ނިންމުމެކެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި ދުސްތޫރީ މަސްރަޙަށް ބަލާއިރު، މި ނިންމުމަކީ ދިވެހި ޖުޑީޝަރީއަށާއި ވެރިކަން ހިންގާ ބާރަށް ލިބިގަނެވޭނެ ވަރުގަދަ ފިލާވަޅެކެވެ.

ދުނިޔޭގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލަށް ރައީސް ޑޮނަލްޑު ޓްރަމްޕު ހިތްޕުޅަށް އަރައިވަޑައިގެންނެވި ރޭޓުތަކެއް "އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް" ބޭނުންކޮށްގެން، ހަމަޖެއްސި އެވެ. ކުއްލި ހާލަތުގައި ކަންކަން ކުރުމަށް އޮންނަ މި ގާނޫނުގެ ދަށުން ކޮންގްރެސްގެ ހުއްދަނެތި ޓެރިފް ނެގުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށް ޓްރަމްޕް ގަބޫލު ކުރައްވަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ޓްރަމްޕް ބޭނުންވާ ގޮތާ އިދިކޮޅަށެވެ. އެމަޖެންސީ ގާނޫނުގެ ދަށުން ޓެރިފް ނެގުމުގެ ބާރު ޓްރަމްޕަށް ލިބިގެންނުވާ ކަމަށް ނިންމީ ޓްރަމްޕް ވެސް އައްޔަން ކުރެއްވި ފަނޑިޔާރުން ހިމެނޭ ގޮތަށެވެ.

ފަނޑިޔާރުން ބާރުއެޅުއްވީ އާންމު ހާލަތްތަކުގައި ޓެރިފް ކަނޑައެޅުމުގެ ބާރު އޮންނަނީ ހަމައެކަނި ކޮންގްރެސްއަށް ކަމަށެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން ރައީސް ޓްރަމްޕްގެ ޓެރިފް ސިޔާސަތު ބާތިލުކުރީ، ޓެކްސް ނެގުމަކީ ގާނޫނުއަސާސީން ހަމައެކަނި ކޮންގްރެސްއަށް ދީފައިވާ ބާރަކަށް ވާތީއެވެ. ރައީސަށް "އިމަޖެންސީ ބާރު" ލިބިވަޑައިގަތުމަކީ ގާނޫނު ހަދާ މަޖިލީހުގެ އިހުތިސާސްގެ ތެރެއަށް ވަދެގަތުމަށް އޮތް ހުއްދައެއް ނޫނެވެ.

ރާއްޖޭގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކަކީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ވަކި އިންތަކެއްގެ ތެރޭގައި އޮތް ބާރުތަކެކެވެ. ނަމަވެސް ރައީސް މުއިއްޒު ކަންކުރެއްވި ގޮތް ބައްލަވާށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ އޭސީސީ އާއި ޖޭއެސްސީ އަދި މަޖިލީސް ބޭނުންކޮށްގެން ބެލުމަށް ފަހު ފަނޑިޔާރުން ވަކި ކުރީ، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރަން ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ވެސް ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދެއްވައި، އޭސީސީ މެދުވެރިކޮށް އުފެއްދި ތުހުމަތެއްގައި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު ޒާހިރު ސަސްޕެންޑުކުރި އެވެ. އެ ފިޔަވަޅު ޖޭއެސްސީން އެޅީ މައްސަލައިގެ އަޑުއެހުން ފެށުމަށް ތައްޔާރިވެފައި ވަނިކޮށެވެ.

މި އަމަލު ދުނިޔެ އާއި ރާއްޖޭގެ ގިނަ ބަޔަކު ކުށްވެރިކުރި އެވެ.

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސުއޫދު ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތަކީ ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް އޮތުން ނެތިކޮށްލައި، ހުރިހާ ބާރެއް ރައީސްގެ މުށުތެރެއަށް ޖަމާކުރުމަށް ކުރެއްވި ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މަސައްކަތް ކުރެއްވި ކަމަށް ވެސް ސުއޫދު ތުހުމަތު ކުރެއްވި އެވެ.

ރާއްޖޭން މިގޮތަށް އަމަލުކުރިއިރު، އެމެރިކާގެ މިސާލުން ލިބޭ ފިލާވަޅަކީ ވެރިކަން ހިންގާ ބާރަކީ ވެސް ގާނޫނުގެ މަތީގައި އޮތް ބާރެއް ނޫން ކަމެވެ.

އެމެރިކާގެ ނިންމުމުގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ، ޓްރަމްޕް އަމިއްލައަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ރައީސާ ދެކޮޅަށް ވޯޓު ދެއްވުމެވެ. މިއީ ފަނޑިޔާރުން އެބޭފުޅުން އައްޔަންކުރި ސިޔާސީ ފަރާތަށްވުރެ ގައުމުގެ ގާނޫނުއަސާސީ އިސްކުރާނެކަމުގެ ދަލީލެކެވެ.

ނަމަވެސް ރާއްޖޭގައި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ފަނޑިޔާރުންނަށް ބިރުދެއްކުމާއި، ސަރުކާރުން ބޭނުންވާ ގޮތަށް މައްސަލަތައް ނުނިންމައިފިނަމަ ޖޭއެސްސީ މެދުވެރިކޮށް ސަސްޕެންޑުކޮށް ވަކިކުރާ މަންޒަރެވެ. ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ މިފަދަ ނުފޫޒުތަކަށް އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ. ސުޕްރީމް ކޯޓު ބަދަލުކުރުމަށް ފަހު މުއިއްޒު ފެއްޓެވީ ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަށެވެ.

ފަނޑިޔާރުންނަކީ ވަކި މީހަކު އައްޔަންކުރިޔަސް، ގާނޫނުއަސާސީއަށް ވަފާތެރިވާންޖެހޭ ބައެއް ކަމެވެ. އައްޔަން ކުރަންޖެހޭނީ ތިމާގެ ސިޔާސީ ފައިދާއަށް ހުކުމް ޖަހައިދޭނެ ކަމަށް ގަބޫލުކުރާ ފަނޑިޔާރުންނެއް ނޫނެވެ. ނުވަތަ ތިމާއަށް ސިޔާސީ ގޮތުން ގެއްލުމެއް ވެދާނެ ފަދަ މައްސަލަތައް ކުރިއަށް ގެންދިޔުމަށް ތާވަލުނުކޮށް ދައްމައިލަދޭ ފަނޑިޔާރުންނެއް ވެސް ނޫނެވެ.

އދ. އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ރާއްޖޭގެ ޖުޑީޝަރީއަށް ސަރުކާރުން އަތްބާނާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވައި، ރިޝްވަތު ދީގެން ކޯޓުތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކަކީ ގައުމުގެ ދުސްތޫރީ ނިޒާމު "ފުނޑާލުން" ކަމަށް ސުއޫދު ސިފަކުރައްވާފައިވެ އެވެ.

އެމެރިކާގައި ރައީސްގެ ބޮޑު ސިޔާސަތެއް ކޯޓުން ބާތިލުކުރުމުން ވެސް، އެ ނިންމުމަށް ތަބާވާންޖެހުނެވެ. ރާއްޖޭގައި ސުޕްރީމް ކޯޓުން މައްސަލައެއް ބަލަން ނިންމުމުން ރައީސް ބަދަލުކޮށްލީ ސުޕްރީމް ކޯޓުގެ ބެންޗެވެ. މުއިއްޒުގެ ސަރުކާރުން ސުޕްރީމް ކޯޓު ބަދަލުކޮށްލި ކޮށްލުމަކީ ދުސްތޫރީ ދޯކާއެއް ކަމަށް އެ މައްސަލަ ދިރާސާކޮށް ފޮތް ލިޔުއްވި ގާނޫނީ ވަކީލް ސަމްސުލް ފަލާހު ވިދާޅުވެފައިވެ އެވެ.

"ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތި، އެންމެ ދެތިން ގަޑިއިރުން ގާނޫނުއަސާސީއަށް މިވަރުގެ އަސަރު ބޮޑު ބަދަލެއް ގެނައުމަކީ ބަލައިގަންނަން ދަތި، ގާނޫނުއަސާސީގެ ބާރުތަކުގެ މަސްދަރު ކަމުގައިވާ ރައްޔިތުންނަށް ދެވުނު ދޯކާއެކެވެ،" ފޮތުގައިވެ އެވެ.

އެމެރިކާގެ މިސާލުން ފެންނަނީ "ބާރުގަދަ މުއައްސަސާތަކެއް" އޮތުމުގެ ފައިދާއެވެ. ރާއްޖެއަށް އޮތް ފިލާވަޅަކީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވުމަކީ ހިތުހުރި ގޮތަކަށް ކަންކަން ކުރަން ލިބޭ "ލައިސަންސެއް" ނޫންކަމެވެ. ގާނޫނުއަސާސީ ނެގެހެއްޓުމަށްޓަކައި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ޖުޑީޝަރީއެއް ރާއްޖެއަށް ކޮންމެހެން ބޭނުންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox