ރޯދަމަހަށް ގައުމު ހުއްޓުވާލުމަކީ ދީނުގައި އޮތް ކަމެއް ނޫން

ރޯދަމަހަށް ގައުމު ހުއްޓުވާލުމަކީ ދީނުގައި އޮތް ކަމެއް ނޫން

ރޯދަ މަހުގެ އަޅުކަމަކީ އެހެން ހުރިހާ ދީނީ އަދި ދުނިޔަވީ މަސްއޫލިއްޔަތުތަކުން ރެކިގެން ތިބެގެން ކުރާން އޮތް އަޅުކަމެއް ނޫނެވެ. އިސްލާމްދީން ގޮވަނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް އަދާކުރުން މަތީ ތިބެގެން އަޅުކަންތައް އިތުރުކޮށްގެން އަޅުކަމުގެ މައްސަރަކަށް ރޯދަ މަސް ހެދުމަށެވެ.

މުސްލިމުން އެންމެ ފުރަތަމައަށް ކުރި ހަނގުރާމައަކީ ބަދުރު ހަނގުރާމައެވެ. އެ ހަނގުރާމައިގައި މުސްލިމުން ކާމިޔާބު ހޯދިއެވެ. އެއީ ރޯދަ މަހެއްގެ ސަތާރަ ވަނަ ދުވަހު ޗުއްޓީއެއް ނެގުމެއް ނެތި މުސްލިމުން ކުރި ފުރިހަމަ ހަނގުރާމައެކެވެ. ރޯދަ މަހާ ދިމާވެގެން އެ ހަނގުރާމަ ފަސްކުރައްވާފައެއް ނުވެއެވެ.

މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއަކީ މައްކާ ފަތަހަކުރެއްވުމުގެ ހާދިސާއެވެ. މަދީނާގައި ތިބި މުސްލިމުންގެ އެތައް ހާސް ބަޔަކު މައްކާ ފަތަހަކުރުމަށް ހިޖުރައިން އަށްވަނަ އަހަރު ނަބިއްޔާގެ އަރިހުގައި ވަޑައިގަތީ، ރޯދަމަހެއްގެ ވިހިވަނަ ދުވަހުއެވެ. ކުރިޔަށް އޮންނާނީ ފަހު ދިހައެކެވެ. އެވަޑައިގެން މައްކާ ފަތަހަކުރެއްވީއެވެ.

Advertisement

އެފަހަށް ހިނގާދިޔައީ ކައުބާގެ ވަށައިގެން ހުރި ބުދުތައް ސުންނާފަތިކުރުމުގެ މަސައްކަތެވެ. އޭގެ އިތުރުން ކައިރި ހުރި ހިސާބުތަކުގައި ހުރި ބުދުތައް ތަޅާ ސުންނާފަތިކުރުމަށް ސަހާބީންގެ އެކި ޖަމާއަތްތައް އެކި ހިސާބުތަކަށް މާތް ނަބިއްޔާ ފޮނުއްވެވިއެވެ. ރޯދަ މަހުގެ ފަހު ދިހައެއް ނިމެންދެން މަޑެއް ނުކުރައްވައެވެ. މިކަންކަމުން އެނގެނީ، ރޯދަމަހުގައި އަޅުކަމަކަށްވާނީ، ހަމައެކަނި ރޭގަނޑު ދަމު ނަމާދުކޮށް ދުވާލު ޤުރުއާން ކިޔެވީމާ ނޫންކަމެވެ. އަޅުކަމަކީ އިސްލާމްދީނުގައި މާފުޅާ މާ ޝާމިލް މާނައެއް އޮތް ކަމެއްކަމެވެ.

ހިޖުރައިން ފަސްވަނަ އަހަރުގެ ޝައްވާލު މަހު މުސްލިމުން ކުރި މަޝްހޫރު ޚަންދަޤު ހަނގުރާމައަށް ތައްޔާރުވުމުގެ މަސައްކަތް އެބަހީ ހަތިޔާރު ތައްޔާރުކުރުމާއި ރޭވުންތައް ރޭވުމުގެ އެންމެހާ ކަމެއް ހިންގީ، އެ އަހަރުގެ ރަމްޟާން މަހުގައެވެ. ރަމްޟާން މަހަކީ ނަމާދާއި ޤުރުއާނާއި ތަރާވީހު ނަމާދަށް އެކަނި އޮތް މައްސަރަކަށް ސަހާބީން ހެއްދެވި ނަމަ ޚަންދަޤު ހަނގުރާމައިގެ ތާރީޚު ފެންނާން އޮންނާނީ މިހާރު ފެންނާން އޮތް ގޮތަކަށް ނޫނެވެ.

ހިޖުރައިން ދިހަ ވަނަ އަހަރު ޔަމަން ކަރައަށް ޖަމާއަތެއްގެ މައްޗަށް ވެރިކުރުވާފައި ޢަލީގެފާނު ފޮނުއްވީ ވެސް ރަމްޟާން މަހެއްގައެވެ. އޭގެ ތެރޭގައި އެތަނުގެ ބައެއް ގަބީލާތަކަށް ދީނަށް ގޮވާލެއްވުމާއި، އަލަށް އިސްލާމްވީ މީހުންނަށް އުގަންނައިދިނުމާއި، ޒަކާތު މުދާ ބަލައިގަތުމާއި މިބާވަތުގެ ކިތަންމެ މަސައްކަތްތަކެއް ހިމެނިފައި އޮތް މި މަޝްރޫއު ރޯދަ މަހުގެ ނަމުގައި މާތް ނަބިއްޔާ މަޑުޖައްސަވާފައި ނުވެއެވެ. ކުރިޔަށް ގެންދެވީއެވެ. އަދި ރޯދަ މަހުގެ ނަމުގައި އަލީގެފާނު ވެސް ޗުއްޓީއެއް އެކަންކަމުން ނަންގަވާފައި ނުވެއެވެ. ނުވަތަ މިކަންކަމުގެ ބަދަލުގައި އުމުރާއަކަށް ދިއުމަށް ނުވަތަ މިސްކިތުގައި ތަވާފަށް އިނުމުގެ ހުއްދައަކަށް ނަބިއްޔާގެ އަރިހުގައި އެދިވަޑައިގެންފައި ނުވެއެވެ.

މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމަށްފަހު، އޭގެ ފަހަށް އައި މުސްލިމުންގެ ޖީލުތަކުންވެސް އަމަލުކުރީ ހަމަ މި އާދަކާދައިގެ މައްޗަށެވެ. މިހާރުގެ ޕޯޗްގީޒް މުސްލިމުން ފަތަހަކުރި ހަނގުރާމަތައް ހިޖުރައިން ހަތަރުސަތޭކަ ހަތްދިހަ ނުވަވަނަ އަހަރު ހިނގީވެސް ހަމަ ރަމްޟާން މަހުގައެވެ. އަށްޑިހަހާސް ހަނގުރާމަ ވެރިން ބައިވެރިވި މުސްލިމުންގެ ލަޝްކަރުތަކުން ރޯދަ މަހާ ދިމާކޮށް އެކަންކަން މަޑުޖައްސާފައިނުވެއެވެ. މިހެން ގޮސް މިކަހަލަ ބައިވަރު މިސާލުން އިސްލާމީ ތާރީޚު އޮތީ ފުރިފައެވެ.

ބުނާ މީހަކު ބުނެފާނެއެވެ. ޖިހާދަކީ މާ ޚާއްސަ އެހެން ކަމެކެވެ. ޖިހާދުގެ މައިދާނުގައި ރޯދަ ދޫކޮށްލުންވެސް ހުއްދައެވެ. އެކަމަކު މަސައްކަތަށްޓަކައި ރޯދަ ދޫކޮށްލުން ހުއްދައެއް ނުވާނެއެވެ. ތެދެކެވެ. އެކަމަކު މިއިން ކޮންމެ ޖިހާދެއްގެ ފަހަތުގައި، އަދި މިއިން ކޮންމެ ނަސްރެއް ފަތަހައެއްގެ ފަހަތުގައި ދެން ހުންނާނީ ކޮން ކަންތައްތަކެއްތޯއެވެ؟ ގައުމެއް ފަތަހަކުރުމަށްފަހު އެ ގައުމެއް މުސްލިމުންގެ ބެލުމުގެ ދަށަށް އައީއެވެ. އެގައުމެއްގެ އޮނިގަނޑާއި މުޖުތަމައު ރަމަތަކުރުމާއި މިއެންމެހާ ކަމެއްގެ ތެރޭގައި ހުންނާނެހާ ގިނަގުނަ މަސައްކަތަކާއި ވަޒީފާތައް އޮތީ ހަމަ ހިތަށް އަރުވާލުމެވެ.

ރޯދަމަހުގައި ދެންނެވުނު ހުރިހާ ހަނގުރާމަތަކެއް ހިނގުމުގެ ނަތީޖާއަކަށްވަނީ، މިއެންމެހާ މަސައްކަތްތަކެއް ވެސް ރޯދަމަހާ ދިމާވުމެވެ. ޖިހާދުކުރާ ވަގުތު ރޯދަ ދޫކޮށްލުން ހުއްދަޔަސް، އޭގެ ފަހަށް އަންނަ ނަސްރާއެކު ދެން އުފެދޭ އެތައް ޒިންމާތަކެއް ހަމަ ގައިމު އަދާކުރަމުން ގެންދާނީ ރޯދައަށް ތިބެގެންނެވެ. އެކަންކަން ރޯދަ މަހުގައި ސަހާބީންނާއި އޭގެ ފަހަށް އައި ޖީލުތަކުގެ މުސްލިމުން އެވަނީ އަދާކޮށްފައެވެ. ލަސްކުރުމެއް ފަސްކުރުމެއް ނެތިއެވެ.

ރޯދަ މަހާ ޖެހުމުން އެއީ އެމީހަކު އާދަވެގެން ކުރަމުން އައި އެންމެހާ ކަމެއް ހުއްޓާފައި ޗުއްޓީ ނަގައިގެން ނޫނީ ނުކުރެވޭވަރުގެ ބުރަ ކަމަކަށް ހަދައިގެން އުޅެނީ މިހާރުއެވެ. އަދި އަހަރެމެން ދިވެހިންގެ ތެރޭގައި އެކަން މިއޮންނަ ވަރަށް އެހެން އިސްލާމީ ގައުމަކުންވެސް އަޅުގަނޑެއް ހަމަގައިމު މިކަމެއް ނުދެކެމެވެ.

ސަރުކާރު އޮފީސްތައް ހިންގަމުންދަނީ ދުވަހުން ދުވަހަށް ރައްޔިތުންނަށް ބޭނުންވާނެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. އޮފީސްތަކުގެ މަސައްކަތުގެ ގަޑި ކުޑަކުރުމާއި އެންމެން އެކީ ޗުއްޓީއަށް ދިޔަސް މި ހިދުމަތްތަކަކީ އެކީއެކަށް ހުއްޓާލެވެން އޮންނަ ކަންކަމެއް ނޫނެވެ. މީގެ ނަތީޖާއަކަށްވަނީ، އެތައް ބަޔެއްގެ ހައްގުތައް ރޯދަ މަހާ ގުޅިގެން ގެއްލިގެންދިއުމެވެ. އަދި އެތައް ސަތޭކަ މުވައްޒަފުންގެ މަސައްކަތް ދެތިން މީހަކު ހޭލައިތިބެގެން ކުރަންޖެހުމެވެ. އެއީ އެއްގޮތަކަށް ވެސް އިސްލާމްދީނުގައި އެކަން އޮންނަ ގޮތެއް ނޫނެވެ.

ސަރުކާރުގެ އެއްވެސް އިދާރާއަކީ މުހިންމުކަން ކުޑަ މަސައްކަތެއް ކުރަން ހުރި ތަނެއް ނޫނެވެ. ކޮންމެ އިދާރާއެއް ކޮންމެ ތަނެއް ހަދައިގެން ދައުލަތުގެ ބަޖެޓުން މީހުންނަށް މުސާރަދީގެން އެތަންތަން މިހިންގަނީ، އެއީ ރައްޔިތުންނަށް އެކަންކަން ނުކޮށް ވާން ނެތް ކަންކަމަށްވާތީއެވެ. އެހެންނޫންނަމަ ފައިސާ ނެތް ވަރުން ގައުމުތަކުން ދަރަނި ނަގައިގެން އެ ދަރަނި ހުރިހާ ރައްޔިތުންގެ ބޮލުގައި އަޅައިގެން ބަޔަކަށް މުސާރަދީދީ ތިބުމެއް ނެތެއްނޫންތޯއެވެ.

ރޯދަ މަހާ ގުޅިގެން، ދެވޭ ޗުއްޓީތައް ނުލިބޭ މުވައްޒަފުންތަކެއް ސަރުކާރުގެ ހުރިހާ އިދާރާއެއްގައި އަބަދުވެސް އުޅެމުންދެއެވެ. އެއީ ހިދުމަތް އެއްގޮތަކަށް މެދުކެނޑުނަ ނުދިނުމަށް ގެންގުޅޭ ބަޔެކެވެ. އެކަމަކު އެއީވެސް މުސްލިމުންނެވެ. އެހެން ހުރިހާ މުވައްޒަފުންނަށް ދޭން ނުޖެހޭ ލުއިތައް ދިނުމުން، ސަތޭކަ މީހުންގެ މަސައްކަތް ރޯދަމަހުގެ ފަހު ދިހައަކާ ގުޅުވައިން އެކަނި ކުރަމުންދާ އެ މުވައްޒަފުންނާ މެދު ބުނާނީ ކީކޭހެއްޔެވެ؟ އަނެއްކާ އެތަން ފޫބައްދަން އޭނާއަށް އިތުރު ލާރީގެ އިނާޔަތެއް ވެސް ދެނީއެވެ.

ރޯދަ މަހަކީ އަޅުކަމުގެ މައްސަރުކަމުގައި ބުނެ، އަޅުކަމަކީ ހަމައެކަނި ނަމާދާއި ގުރުއާން ކިޔެވުންކަމަށް ސިފަކޮށް، އެހެން ހުރިހާ ދީނީ އަދި ދުނިޔަވީ ޒިންމާތަކުން ރެކިގަތުމަށް އޮތް ބަހަނާއަކަށް ރޯދަ މަސް ހެދުމަކީ ކަނޑައެޅިގެން އިސްލާމްދީނާ ބީރަށްޓެހި ވިސްނުމެކެވެ. އެކަން މި ލިޔުމުގައި ބަޔާންކުރި އިސްލާމީ ތާރީޚްގެ މިސާލުތަކުން އެހެރީ ފެންނާށެވެ.

ޖިހާދުކުރީ އެކަންޏެއް ނޫނެވެ. މުސްލިމުން ފަތަހަކުރި ތަންތަން އަލުން އާރާސްތުކޮށް، ބިނާކޮށް މިއެންމެހާ މަސައްކަތްތަކަކާއި ވަޒީފާތަކެއް ކުރުން މަތީ ރޯދަ މަހުގައިވެސް މުސްލިމުންގެ ކާބަފައިން ދެމިތިއްބެވެ. ރޯދަ މަހުގެ ބަހަނާގައި، ހިދުމަތްތައް މެދުކަނޑާލުމަކީ މުސްލިމުން ކޮށް އުޅުނު ކަމެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox