މާދަމާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގައިފި އެވެ.
މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުގެ ޖަލްސާއެއް/ޖަލްސާތަކެއް ބާއްވައިދުމުނަށް އެދި ހުށަހެޅުމެއް ލިބިފައިވާތީ މާދަމާ އެފަދަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި ޖަލްސާގެ އެޖެންޑާ މެންބަރުންނާއި ފަހުން ހިއްސާކުރާނެ ކަމަށް ވެސް މަޖިލީހުން ބުނެފައިވެ އެވެ. ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ ކޮން ސަބަބަކާހުރެ ކަމެއް ޔަގީނެއް ނޫނެވެ.
ނަމަވެސް، ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް މި ފަހުން ފެތުރިފައިވެ އެވެ.
މިދިޔަ އަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމާލާ މަޖިލީހުން ޗުއްޓީއަށް ދިޔައީ ޑިސެމްބަރު 3، ގަ އެވެ.

ޗުއްޓީ ނިންމައި މަޖިލީހުން ދެން ދައުރުގެ ތެރެއިން ޖަލްސާއެއް ބާއްވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އެވެ. ނަމަވެސް، އެ ދެމެދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު އޮންނާނެ އެވެ.













