ކަލޭމެންނަށް މަސާޖާބެހޭ ގޮތުން އެނގެނީ ކޮން އެއްޗެއް؟

މަސާޖު ޕާލާއެއްގައި ބޭނުންކުރާ ބައެއް ސާމާނު. -- ފޮޓޯ: ކެންވާ

މަސާޖު ޕާލާއެއްގައި ބޭނުންކުރާ ބައެއް ސާމާނު. -- ފޮޓޯ: ކެންވާ

"ބާބު މާ ޖާއަ ފިލް މަސާޖި! ވަމާ އަދްރާކަމަލް މަސާޖް" މިއީ މިއަދުގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަދާލަތު ޕާޓީން ބޭއްވި ޖަލްސާއެއްގައި މީގެ ވިއްސަކަށް އަހަރު ކުރިން ވިދާޅުވި އިބާރާތްކޮޅެކެވެ. އޭރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގޮސް މަސާޖް ޕާލާތައް އާންމުވެފައިވާ މިންވަރު ބަޔާންކުރެއްވުމުގެ ގޮތުން، މަޖާޒީ ގޮތުން ބޭނުންކުރެއްވި އެ އިބާރާތް ކޮޅުގެ މާނައަކީ، "މަސާޖްއާ ބެހޭ ގޮތުން އައި ވާހަކަތައް ނަންގަނެވުނު ޗެޕްޓަރ؛ އަދި ކަލޭމެންނަށް މަސާޖާ ބެހޭ ގޮތުން އެގެނީ ކޮން އެއްޗެއްހެޔެވެ؟" މިއެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް މަސާޖް ޕާލާތައް އިންތިހާއަށް އާންމުވެފައިވާކަމަށް ބުނެ ވަރަށް ގިނަ މީހުން ޝަކުވާކުރަމުންދިޔައެވެ. އެކަމަށް ޔޫސޭމެން ފިލްމު ހަދައި، ޅެންވެރިން ޅެންހަދައި، ލަވަހަދާ މީހުން ލަވަ ހަދައިން ކީއިރު، ހެޔޮ ނުވާނޭ އެފަދަ ތަންތަން ހިންގަން ކިޔާފައި ގޮސް އެތަންތަނަށް ވަދެ ޒިނޭކުރި މީހުން ވެސް މަދެއް ނޫނެވެ. މީގެ އެއް މިސާލަކީ ޕްރޮފެޝަނަލް ނޫސްވެރިކަމުގެ ތެރެއިން އޭރު މާލޭގައި ހުރި ހަށިވިއްކާ ތަންތަނަށް ކަސްޓަމަރުންގެ ގޮތުގައި ނޫސްވެރިންތަކެއް ވަދެ ލާރިދީގެން އެތަނުގައި ތިބި ތައިލެންޑް އަންހެންވެރިންނާ ނޫސްވެރިކަމުގެ ނަމުގައި ޒިނޭކުރުމަށްފަހު ނޫސްވެރިކަމުގެ އެމޮޅު އޮޕަރޭޝަން މަޝްހޫރު މީޑިއާއެއްގައި ގެނެސްދީފައިވެއެވެ.

މިހާރު މިވެރިކަމަށްވީއިރުވެސް މަސާޖްކުރާ މީހުން މަސާޖްކުރަނީއެވެ. އެ ޚިދުމަތްދޭ ތަންތަނުން އެ ޚިދުމަތް ދެނީއެވެ. އެފަދަ ތަންތަނުގެ ނަމުގައި ހަށިވިއްކަނީކަމަށް ބުނެ ޝަކުވާ ކުރާ މީހުން ޝަކުވާކޮށް ނަގަނީއެވެ. އިހަކަށް ދުވަހު ރާއްޖޭގެ ރަދުން ހެންވޭރު ކުޑަބޭކަލުންނާ ދަރުބާރުކުރެއްވި ދުވަހު އެތަނުގައި ހުންނެވި ކިލެގި ބޭކަލަކުވެސް މަސާޖްޕާލާތަކާ ގުޅޭ ގޮތުން ވަރަށް ހަރު ބަސްފުޅުތަކެއް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހިން މުއްސަނދި ނުވެގެން އުޅެނީވެސް މަސާޖްޕާލާތަކާ ހެދިއެވެ. މީރާއަށް ވަންނަ ލާރިއަށްވުރެ މަސާޖް ޕާލާތަކަށް ވަންނަ ލާރިވެސް މާގިނަ ކަމުގައި މީނާ ބުނި ބުނުން ރަދުންވެސް ބައްލަވައިގެންނެވި ވަރަކީ ދައުލަތް މުއްސަނދިކޮށްލުމަށް ވިދިގެން އައި ހަފުތާ ތެރޭގައިވެސް ދިހަ ބާރަ މަސާޖް ޕާލާ ހަގުބޭކަލުން ފޮނުއްވައިން ބަންދުކުރެއްވީއެވެ.

Advertisement

އަޅުގަނޑުގެ ސުވާލަކީ މަސާޖާބެހޭ ގޮތުން ކަލޭމެންނަށް އެނގެނީ ކޮން އެއްޗެއްހެއްޔެވެ؟ އެންމެ މުސްކުޅި އެއް ސިވިލައިޒޭޝަން އޮތް ގަދީމީ މިސްރުގެ ތާރީޚު ބުނާ ގޮތުގައި، އެތަނުގައި ވެރިކަން ކުރި ފިރުއަނުންގެ ދުވަސްވީ ގަބުރުތަކުގައި ކަނޑާ ނަގާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައިވެސް ބޭސްވެރިކަމުގެ ތަފާތު ބޭނުންތަކަށް ހުވަނދުލީ ތެލުން ހަށިގަނޑު މަސާޖްކުރުމަކީ އޭރު އެޒަމާނުގައިވެސް ކުރަމުންދިޔަ ކަމެކެވެ. މި ދައްކަނީ މީލާދީ ތާރީޚުގެ އާދޭ ޢީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ވެސް ފަނަރަސަތޭކައިގެ ކުރީގެ ވާހަކައެވެ.

ސީނު ކަރައިގެ ހަކީމީ ބޭސްވެރިކަމުގައި ހަށިގަނޑު މަސާޖްކުރުން އެބައިމީހުންގެ ސަގާފަތެއްގެ ގޮތުގައި ބެލެވެމުންދާތާ އެތައް ހާސް އަހަރު ވެއްޖެއެވެ. މިކަމަށް އެބައިމީހުންގެ ތާރީޚީ މުސްކުޅި އެތައް ފަތްފުއްތަކެއް ހެކިދެއެވެ. ހިންދީންގެ ބޭސްވެރިކަމުގައިވެސް ތަފާތު އެކި ބާވަތުގެ ތެލާއި މީރުވަސް ދުވާ ބޭސް ތެލުން ހަށިގަނޑު މަސާޖްކޮށްގެން ދެވޭ ފަރުވާތައް ދެމުން ގެންދާތާ އެތައް ހާސް އަހަރެއް ވަނީ ވެފައެވެ.

ޔޫނާނީންނާއި ރޯމަނުންގެ އިހު އެވޭލާ ސިވިލައިޒޭޝަންތަކަށް ބެއްޔަސް މަސާޖަކީ އިހުތިރާމު ލިބިގެންވާ އަދި ޕްރޮފެޝަނެއްގެ ގޮތުގައި ހިނގަމުން އަންނަ އަދި އެފަރުވާގެ އެތައް ފައިދާއެއް އެކުލެވިގެންވާ ކަމެއް ކަމަށް ހަމަޖެހޭ މީހުންނާއި ކިޔަވައިގެންތިބި މީހުން ބަލައިގަނެފައިވާ މުހިންމު ފަންނެކެވެ. އަދި ޓްރޭޑިޝަންގެ ތެރޭގައި ހިމެނޭ ރީތި މަސައްކަތެކެވެ. ހިތްހަމަޖެހުމާއި އަރާމު ހޯދުމުގެ ތަހުޒީބީ ވަސީލަތެކެވެ. އެއްގޮތަކަށް ވެސް ހަޑިކަމެއް ނޫނެވެ. އަދި ލަދުގަންނަންޖެހޭ ކަމެއް ވެސް ނޫނެވެ.

ޒަމާނީ ދުނިޔެއަށް ކުއްލިއަކަށް ޖެހިލައި ބަލާލާއިރުވެސް ދިވެހި ރާއްޖެ ނޫނީ މަސާޖްކުރުމަކީ މާ ލަދުވެތި ނޫންނަމަ މާ ހުތުރު މާ އައިބު ކަމެއްކަމުގައި ދެކޭ ބަޔަކު އުޅޭ ކަމެއް މަށަކުވާ ނުދަނެހުރީމެވެ. ޔޫރަޕަށް ބެއްޔަސް އޭޝިޔާއަށް ބެއްޔަސް ނޫންނަމަ އަރަބި އިސްލާމީ ގައުމުތަކަށް ބެއްޔަސް މަސާޖަކީ ހުރިހާ ތަނެއްގައިވެސް ހުއްދަ މަސައްކަތެކެވެ. އަދި އިހުތިރާމުލިބިގެންވާ ޕްރޮފެޝަނެކެވެ. އެކަން ކުރަނީ ބޭސްވެރިކަމުގެ ގޮތުން ވިޔަސް ތެރަޕީއެއް ނުވަތަ ފަރުވާއެއް ނުވަތަ އަރާމު ހޯދުމުގެ ގޮތުންނަމަވިޔަސް މައްސަލައެއްކަމުގައި ބަލާ ކަންކަމެއް ނޫނެވެ.

ހަށިވިއްކަނީ މަސާޖްޕާލާތަކުގައި އެކަންޏެއް ނޫނެވެ. ލިޔުމުގައި ފާހަގަކޮށްފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ޢަމަލުތަކަށް ބަލާއިރު، "ހަށިވިއްކުން" މި ލަފުޒުގެ މާނަ މާ ފުޅަލެވެ. އެތައް މެންބަރަކު އެތިއްބަވަނީ މުޅި ހަށިގަނޑުގެ އިތުރުން ސިކުނޑިއާއި ބުއްދިވެސް މަހަކު ފަންސާސް ހާސް ރުފިޔާއަށް ވިއްކަވާލައްވައިގެންނެވެ. އެފަދަ މަހު މުސާރައަށްޓަކައި، ނުވަތަ ވަކި މަންފާއަކަށްޓަކައި އަމިއްލަ ބުއްދިއާއި، ޒަމީރާއި، ރައްޔިތުންގެ އަމާނާތް ވިއްކާލުމަކީ ޖިސްމާނީ ހަށިވިއްކުމަށްވުރެ މާ ބޮޑު ގައްދާރުވުމެކެވެ. އެކަމަކު އެ "ވިއްކުން" ބޮޑު އިއްޒަތެއްގެ ގޮތުގައި ބަލައިގަނެވޭއިރު، މަސާޖު ޕާލާއެއް ފެންނައިރަށް މުޅި ދައުލަތް ސިހެނީ ކީއްވެގެން ހެއްޔެވެ؟

މަސާޖް ޕާލާއެއްގައި ހަށިވިއްކާނަމަ، ހުރިހާ މަސާޖްޕާލާއަކަށް ނިސްބަތްކޮށް ހަށިވިއްކާ ތަންތަނުގެ ގޮތުގައި ސިފަކުރުމަކީ، ފުލުހަކު ކުށްވެރިއަކަށް އަނިޔާކުރުމުން ހުރިހާ ފުލުހުންނަކީ އަނިޔާވެރިންކަމުގައި ގޮވައި، ފުލުސް އޮފީސް ބަންދުކުރުމަށް ގޮވުން ފަދަ ކަމެކެވެ. ޓީޗަރަކު ކުޑަކުއްޖަކާ ބެހުންކަން ފަޅާ އެރުމުން ސުކޫލު މަދަރުސާތައް ބަންދުކުރަން ގޮވުން ފަދަ ކަމެކެވެ. މިބާވަތުގެ ދޯހަޅި ހަމައެއް ލަމައެއް ނެތް ކަންކަމުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާއާއި ހޯމް މިނިސްޓަރު ވަދެގެން ރަނބަތަޅާއުޅޭ ޖާހިލުންގެ ބަސްތަކަށް ދައުލަތުގެ މުއައްސާސަތަކުގެ ހުންގާނު ދޫކޮށްލާނަމަ، ދިވެހިރާއްޖެ ގޮސް އަރާނީ ނާތަހުޒީބާއި ޖާހިލިއްޔަތުގެ މައްޗަށް ހިކިފައި އޮތް ފަރެއްގެ މާޑަށެވެ.

ފަހަރެއްގައި ބުނާ މީހަކު ބުނެފާނެއެވެ. މިޔަކީ ދީނީ މައްސަލައެކެވެ. ހިލޭ ފިރިހެނެއްގެ ގައިގައި އަންހެނަކު އަތްލުން ހުއްދައެއް ނުވާނެއެވެ. ކަން އޮތީ މިހެން ކަމަށްވާނަމަ، އަންހެން ޑޮކްޓަރުން ފިރިހެނުންގެ މޭމަތީގައި ކަށިގަނޑު ޖައްސައިން މޫނުމައްޗަށް ގުދުވެ ދެނޭވާ ބައްދަލުވާ ހިސާބުގައި ހޮސްޕިޓާތަކުގައި އެބަލާބެލުންތައް ވެސް ހުއްޓުވާށެވެ. އަންހެން ޓީޗަރުން ފިރިހެން ކުދިންނަށް ކިޔަވައިދޭން އައުންވެސް ހުއްޓުވާށެވެ. އަންހެން ނަރުހުން ފިރިހެން ބަލިމީހުންނަށް ހިދުމަތްދިނުން އަދި މާ ހަރުކަށިކޮށް ހުއްޓުވާލާށެވެ. ރައީސުލްޖުމްހޫރިއްޔާ އަންހެން ކަނބަލުންނާއި އަތާއި އަތްޖޯޑުކުރެއްވުން ފަދަ ކަންކަމާއި ދެ ޖިންސު މަސްހުނިކޮށްގެން ޕީއެންސީ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުންވެސް ހުއްޓުވާލައްވާށެވެ!

މަސާޖަކީ ފަރުވާއެކެވެ. ޓްރޭޑިޝަނެކެވެ. ކަލްޗަރއެކެވެ. އޭގެ މާޒީ އެތައް ގަރުނަކާ ގުޅިފައި އޮތް އެތައް ސަގާފަތެއްގެ ރަމްޒެކެވެ. ހުނަރާއި ކްރިއޭޓިވިޓީން ފުރިފައިވާ ފަންނެކެވެ. ފަރުވާއަށާއި ތެރަޕީއަށާއި ހިތްހަމަޖެހުމަށާއި އަރާމު ހޯދުމަށް އޮތް ތަހުޒީބު ވަސީލަތެކެވެ.

މަސާޖްގެ ނަމުގައި ބަޔަކު ހަށިވިއްކުމަކީ މަސާޖްކުރުން އޭގެ ޒާތުގައި އެއީ ދުނިޔޭގައި ނެތްވަރު ބޮޑު ނުބައިކަމަކަށް ހަދައި ސަރުކާރުން ހުރިހާ މަސާ ޖްޕާލާތަކެއް ބަންދުކުރަން ފައިވިއްދަންޖެހޭ ސަބަބެއް ނޫނެވެ.

ޕްރޮފެޝަނަލް މިންގަނޑުތަކަށް އެ ހިދުމަތް ދޭ ތަންތަން އެބަ ހުއްޓެވެ. އެފަދަ ބައެއް ތަނުގެ ތެރޭގައި މި ސަރުކާރުގެ ވެރިންގެ ތަންތަން ވެސް އެބަ ހުއްޓެވެ. އެތަންތަން ހިންގަނީ ކިޔަވައިގެން ތިބި ހޭލުންތެރި މީހުންނެވެ. އަދި އެ ތަންތަނުން ހިދުމަތް ލިބިގަންނަނީވެސް ހޭލުންތެރި ދިވެހިންނެވެ. މަސާޖްގެ ހިދުމަތް އެއީ ފިރިހެނުން އެކަނި ހޯދާ ހިދުމަތެއް ވެސް ނޫނެވެ. މަސާޖްގެ ހިދުމަތް ލިބިގަންނަ އަންހެން ބޭފުޅުން މަދެއް ވެސް ނޫނެވެ. އެކަމަކު ޖާހިލު ކަމަކީ، ބަނބުކޭލަގުގެ ކަރުގަނޑުން ދުޅަ ބައްޔަށް ބޭސްކުރަންޖެހިދާނެ ފަދަ ކަމެކެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox