މަޖިލީހުގެ ފަހު ދައުރުގައި ނިންމުނީ އެންމެ 47 ޕަސެންޓު މަސައްކަތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި ނިންމުނީ އެންމެ 47 ޕަސެންޓު މަސައްކަތް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމާލައި ޗުއްޓީއަށް ދިޔައީ އިއްޔެ އެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެއީ ރައީސް މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އެވެ. ނަމަވެސް، އެ ދެމެދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު އޮންނާނެ އެވެ.

މަޖިލީހުގެ ފަހު ދައުރުގައި 18 ބިލެއް މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ކުރީ ދައުރުން ލިބުނު 17 ބިލާއެކު ޖުމުލަ 35 ބިލު މިދިޔަ ދައުރުގައި މަޖިލީހުގައި އޮތެވެ. ނަމަވެސް ދައުރު ނިމުނުއިރު، އޭގެތެރެއިން ފުރިހަމަ ކުރެވުނީ 17 ބިލުގެ މަސައްކަތެވެ.

މަޖިލީހުގައި ނުނިމި ހުރި ބިލުތަކުގެ ތެރޭގައި ހެއްކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ބޯހިޔާވަހިކަމުގެ ބިލުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ބިލު ހިމެނެ އެވެ.

ނިމިދިޔަ ދައުރުގައި ހުށަހެޅި ހަ ގަރާރާއި އޭގެ ކުރީ ދައުރުން ލިބުނު ހަ ގަރާރާއެކު ޖުމުލަ 12 ގަރާރުގެ މަސައްކަތް މިދިޔަ ދައުރުގައި އޮތެވެ. ނަމަވެސް އޭގެތެރެއިން ނިންމާފައި ވަނީ އެންމެ ހަތަރު ގަރާރުގެ މައްސަލަ އެވެ.

މިދިޔަ ދައުރުގައި ހަތަރު ކުއްލި މައްސަލައެއް ހުށަހެޅުނުއިރު، އެ ހުރިހާ ކުއްލި މައްސަލައެއްގެ މަސައްކަތް ވެސް ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ދަށްކޮށް ފެންނަނީ މަޖިލީހުގެ މެންބަރުން ކޮށްފައިވާ ސުވާލުތަކުގެ މަސައްކަތެވެ. ކުރީ ދައުރު ނިމުނުއިރު، ޖަވާބު ނުލިބި ހުރި 69 ސުވާލާއި މިދިޔަ ދައުރުގައި ހުށަހެޅި 29 ސުވާލާއެކު ޖުމުލަ 98 ސުވާލުގެ މަސައްކަތް މިދިޔަ ދައުރުގައި އޮތެވެ. ނަމަވެސް، ދައުރު ނިމުނުއިރު އޭގެތެރެއިން މަސައްކަތް ނިންމާލެވިފައި ވަނީ އެންމެ 33 ސުވާލުގެ އެވެ.

ނިމިދިޔަ ދައުރުގައި މަޖިލީހުން އެންމެ ފުރިހަމައަށް ކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހެޅި މައްސަލަތަކުގެ މަސައްކަތެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ކުރީ ދައުރުގައި ހުށަހަޅާފައި ހުރި ތިން މައްސަލައާއެކު މިދިޔަ ދައުރުގައި ޖުމުލަ 17 މައްސަލައެއްގެ މަސައްކަތް އޮތެވެ. މަޖިލީހުގެ ދައުރު ނިންމާލީ އޭގެތެރެއިން 16 މަސައްކަތެއް ނިންމުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox