ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭ ބިލާއި ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް

މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސްކަން ކޮށްފައިވާ ބޭފުޅުންގެ އޮފީސް ހިންގުމަށް ދައުލަތުން ދޭ ހަރަދު ކަނޑާލުމަށްފަހު ކުރީގެ ނައިބުރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ދިނުމަށާއި ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަން މަޖިލީހަށް ހުށަހެޅުއްވި ދެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު މަޖިލީހަށް ބަލައިގަތީ 55 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓުދެއްވި އެވެ.

ނައިބުރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ދޭ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ފިސްކަލް ޒިންމާގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރާއި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން ލާޒިމުކޮށްފައި އޮތް މުއްދަތު އިތުރުކުރުމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ތަސްދީގުކޮށް ޖޫން މަހު އަމަލުކުރަން ފެށި ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، އެއާ ގުޅޭ ގަވާއިދުތައް ގެޒެޓުކުރަން ޖެހެ އެވެ. އެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި ބިލުގައި މި މުއްދަތު 24 މަހަށް ބަދަލުކުރަން ވަނީ ހިމަނައިފަ އެވެ. މި ބަދަލު ގެނައުމުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ގެޒެޓުކުރަން ޖެހޭނީ ޑިސެމްބަރު 3، 2026، ގެ ކުރިންނެވެ.

މީގެ އިތުރުން، ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން އޮންނަ މުއްދަތު ވެސް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އޮންނަ ހަ މަސް ދުވަހުން 24 މަސް ދުވަހަށް އިތުރުކުރަން އަލަށް ހުށަހެޅި ބިލުގައި ހިމަނާފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށް، ޑިސެމްބަރު މަހު ތަސްދީގުކުރި ފިސްކަލް ޒިންމާގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މައިގަނޑު ހަތަރު ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ:

  • ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކުރުން
  • ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓާޖެނެރޭޝަނަލް އިކުއިޓީ ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން.
  • ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން
  • ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގުފަހި ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމާއި ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމާ ބެހޭ އުސޫލުތައް ބަޔާން ކުރުން

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން އޮފީސް ހިންގުމަށް ދެމުން އަންނަ ހަރަދު އުނިކޮށް، ނައިބު ރައީސްކަން އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއް ދޭންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ.

އޭނާ ހުށަހެޅުއްވި ބިލުގައި ހިމަނާފައި ވަނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000 ރުފިޔާ އުނި ކުރުމަށެވެ. އެކަމަކު، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތެއްގެ ގޮތުން މަހަކު 25،000 ރުފިޔާ ދިނުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ އިސްލާހުގައި ވާގޮތުން ނައިބުރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިނާޔަތް ލިބޭނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ބޭފުޅުންނަށް އެކަންޏެވެ.

އޭގެ އިތުރުން، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އެވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދެ ދައުރު ނުވަތަ އެއަށްވުރެ ގިނަ ދައުރު ފުރިހަމަކޮށްފައިވާ ނަމަ 75،000 ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބޭނެ އެވެ. ދެ ދައުރު އަދާ ކުރައްވާފައިވާ ބޭފުޅަކަށް މިވަގުތު ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި، ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށް ބަޔާން ކުރާ އިސްލާހެއް ހިމެނެ އެވެ. އަދި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މާލީ އިނާޔަތް ދޭންނުޖެހޭ އިސްލާހެއް ވެސް ބިލުގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox