މިދިޔަ ޑިސެމްބަރު މަހު ތަސްދީގުކޮށް ޖޫން މަހު އަމަލުކުރަން ފެށި ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރާއި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން ލާޒިމުކޮށްފައި އޮތް މުއްދަތު އިތުރުކުރަން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ގާނޫނުގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، އެއާ ގުޅޭ ގަވާއިދުތައް ގެޒެޓުކުރަން ޖެހެ އެވެ. އެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި ބިލުގައި މި މުއްދަތު 24 މަހަށް ބަދަލުކުރަން ވަނީ ހިމަނައިފަ އެވެ. މި ބަދަލު ގެނައުމުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ގެޒެޓުކުރަން ޖެހޭނީ ޑިސެމްބަރު 3، 2026، ގެ ކުރިންނެވެ.
މީގެ އިތުރުން، ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން އޮންނަ މުއްދަތު ވެސް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އޮންނަ ހަ މަސް ދުވަހުން 24 މަސް ދުވަހަށް އިތުރުކުރަން އަލަށް ހުށަހެޅި ބިލުގައި ހިމަނާފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށް، ޑިސެމްބަރު މަހު ތަސްދީގުކުރި ފިސްކަލް ޒިންމާގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މައިގަނޑު ހަތަރު ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ؛

- ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކުރުން.
- ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓާޖެނެރޭޝަނަލް އިކުއިޓީ ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން.
- ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން.
- ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގުފަހި ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމާއި ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމާ ބެހޭ އުސޫލުތައް ބަޔާން ކުރުން.













