ހައިކޯޓުގެ ފަނޑިޔާރު ފައިސަލް އިސްތިއުފާދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ފައިސަލް -- ފޮޓޯ: ހައިކޯޓު

ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ފައިސަލް -- ފޮޓޯ: ހައިކޯޓު

ހައިކޯޓުގެ ފަނޑިޔާރުކަމުން، ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާދެއްވިކަން އިއުލާނު ކުރީ ހައިކޯޓުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުންނެވެ. އެ އެކައުންޓުން ދާދި ދެންމެއަކު ކުރި ޕޯސްޓެއްގައި ވަނީ ފައިސަލް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.

"ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޒު، މުހައްމަދު ފައިސަލް މިއަދު އިސްތިއުފާ ދެއްވާފައި ވާތީ، ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ފައިސަލް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި ޝުކުރު ދަންނަވަން،" ހައިކޯޓުން ކުރި ޕޯސްޓުގައި ބުންޏެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާދެއްވާފައި މި ވަނީ އޭނާ ހިމެނޭހެން އެ ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށާފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓު އެކުލަވާލެވިފައިވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒު ފަހުމީގެ މައްސަލަތަކެކެވެ.

މި މައްސަލަތައް ބަލަމުންދާކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ވަނީ ހާޒިރުވުމުގެ ނޯޓިސް ފޮނުވައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ ރިޓަޔާ ކުރައްވަން ނިންމަވައިފަ އެވެ. ނިޔާޒަކީ ޖޭއެސްސީގެ މެންބަރެކެވެ.

ބައެއް ފަނޑިޔާރުންނަށް ރިޓަޔާ ކުރުމަށް ޕްރެޝަރު ކުރިމަތި ކުރުވަމުން އަންނައިރު ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް މިއަދު އިސްތިއުފާދެއްވިއިރު، އެ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފައިސަލް އައްޔަނުކުރަން ޖޭއެސްސީން އޮތީ އޭޕްރީލް 17، 2025 ގައި ނިންމައިފަ އެވެ. އެ ނިންމުމަށްފަހު އެ ކޯޓު ވަގުތީ ގޮތުން ހިންގުމުގެ ޒިންމާ ވެސް އަދާކުރައްވަމުން ގެންދެވީ ފައިސަލް އެވެ.

ނަމަވެސް އެކަން ކުއްލިއަކަށް ބަދަލުވެ، ހައިކޯޓު ވަގުތީ ގޮތުން ހިންގުން ނޮވެންބަރު 19، 2025 ވަނީ އަބްދުالله ޖަމީލް މޫސާއާ ހަވާލުކޮށްފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމުން، ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި އިދިކޮޅު ސިޔާސީ މީހުންނާއި އާންމުން ހިމެނެ އެވެ.

ޖޭއެސްސީ މެދުވެރިކޮށް ކޯޓުތަކަށް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންނެވެ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް އަވަސްކޮށް ކުރިއަށްގެންދިޔުމުގައި އިސްކޮށް ހުންނެވި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވަނީ ޖޭއެސްސީގެ ރައީސްގެ މަގާމަށް ދާދިފަހުން އައްޔަނުކޮށްފަ އެވެ.

އޭނާގެ އިތުރުން އެ ކޮމިޝަނުގައި ހިމެނޭ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله، ބަންޑާރަ ނައިބު އަހްމަދު އުޝާމް، ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު އަދި އާންމުންގެ ތެރެއިން އައްޔަނުކޮށްފައިވާ އިދުރީސް ފައުޒީއަކީ މުއިއްޒުއަށް ވަފާތެރި މެންބަރުންނެވެ.

އޭގެ އިތުރުން، ފަނޑިޔާރު ޝަހީދުއަކީ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހައި ކޯޓުން ސުޕްރީމް ކޯޓަށް ޕްރޮމޯޓުވި ފަނޑިޔާރެކެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މުހައްމަދު މުޖުތާޒަކީ ވެސް މުއިއްޒު ބޭނުންވާ ބަޔަކަށް ކޮމިޝަންތަކުގެ ރައީސުންނަށް ތިބެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލުގެ ފަހުން ސިވިލް ސާވިސްއާ ހަވާލުވި މީހެކެވެ.

ޖޭއެސްސީން މީގެ ކުރިން ވަނީ ހަމަ ކުއްލިއަކަށް މައްސަލަތަކެއް ބަލައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވެސް މަގާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ މާއްދާއެއް ގާނޫނުއަސާސީއަށް އިތުރު ކުރި މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

މެއި 14، ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ އެ ދެ ބޭފުޅުންގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަންގާފައި އޮއްވަ އެވެ.

އެ ދެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީ އިން ބަލަން ފެށި އެވެ. އެކަމަކު، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވީ އެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ވެސް ރިޓަޔާ ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ހަތަރުު ފަނޑިޔާރުން އައްޔަނު ކުރެއްވީ މުއިއްޒު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox