ކަންފަތްމަތީގައި ޖެހީ ކީއްވެތޯއެވެ!

ކަންފަތްމަތީގައި ޖެހީ ކީއްވެތޯއެވެ!

އެއް ސަހަރެއްގައި އުޅުއްވި ރަސްކަލަކު އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަށް ގަސްދުކޮށްގެން މި ރަސްގެފާނު ދެނެވަޑައިގަންނަވާ އެންމެ މޮޅު ހަކީމުގެ ގާތަށް ދަރިކަލުން ފޮނުއްވަން ނިންމެވިއެވެ. ރަސްގެފާނު ވެރިކަން ކުރައްވާ ރަށްގަނޑުން މާ ދުރަކަށް ދަތުރުކޮށްފައި ދެވޭ މާ ދުރު ސަހަރެއްގައި ހުންނަވާ މޮޅު އިލްމުވެރި ބުއްދިވެރި ބޭކަލެކެވެ. ރަސްގެފާނު މި ގޮތަށް ނިންމެވުމާއެކު ލަހެއް ފަހެއް ނެތެވެ. ގަނޑުވަރުގެ ބޭފުޅުން ކޮޅަކާއެކު ހަކީމު އުޅޭ ސަހަރަށް އަމީރު ގެންދެވި، ހަކީމުގެ ގާތުގައި އިލްމު އުނގެނުމަށް އަމީރު ބެހެއްޓިއްޖެއެވެ.

ދުވަސްތައް މަސްތަކަށް މަސްތައް އަހަރުތަކަށްވަމުން އިސާހިތަކު ދިހަބާރަ އަހަރު ހަކީމުގެ ގާތުގައި މީނާ ހުރެއްޖެއެވެ. ނިކަން ގިނަ އިލްމާއި ހިކުމަތް އަމީރު ދަސްކުރައްވައިފިއެވެ. ސިޔާސަތުގެ އިލްމާއި ވެރިކަންކުރުމުގެ އެންމެހާ އިލްމުތަކަކާއި ދުނިޔަވީ އިލްމުން އެޒަމާނަށް އެންމެ އެކަށީގެންވާނެ އިލްމުތައް އުގެނިވަޑައިގެން ކާމިޔާބު ރަސްކަލަކަށް ވެވަޑައިގަތުމުގެ އެންމެހާ ތައުލީމާއި ތަރުބިއްޔަތު ލިބިވަޑައިގެންފިއެވެ.

އަމީރު މިހެން ހުރެ ބޮޑުވަމުންދިޔައިރު، އަމީރުގެ އުމުރުފުޅުން ވިހި އަހަރު ވީ ދުވަހު ހަކީމު އާދަޔާ ހިލާފު ކަމެއް ކުރެއްވިއެވެ. އެއީ ހަމަ ކުއްލިއަކަށް ހުރެފައި އަތް ދަމާފައި އަމީރުގެ ކަންފަތް މަތީގައި އެތިފަހަރެއް ޖެހީއެވެ. އަމީރަށް ވީ ތަދުން ރޮވެންވެސް ރޮވުނެވެ. އަދި ސުވާލުކުރިއެވެ. އަހަރެންގެ ކަންފަތްމަތީގައި ތިޔަ ޖެއްސެވީ ކީއްވެހެއްޔެވެ؟ ހަކީމު ހަމަ އެއްވެސް ޖަވާބެއް ނުދީ ދެނެހުރިކަމަށް ވެސް ނުހަދާ އުޅެމުންދިޔައީއެވެ.

އަހަރުތަކެއް ފަހުން ރަސްގެފާނުން އާލާސްކަންފުޅާ ޖެހިވަޑައިގެން އަވަހާރަފުޅުވެއްޖެއެވެ. އެޔާއެކު ރަސްކަމަށް ފައްކާކުރެވުނު ދަރިކަލުން ރަސްކަމަށް އިސްކުރެވިއްޖެއެވެ. މިރަސްގެފާނުން އެންމެ ފުރަތަމައަށް ވެސް ކުރެއްވި ކަމަކީ، އޭނާގެ އެދުރު ހަކީމު ކަލޭގެ ބަލާފޮނުއްވައިގެން ދަރުބާރަށް ގެންނެވުމެވެ. ހަކީމު ދަރުބާރަށް ހާޒިރުވުމުން ރަސްގެފާނު ހަކީމުއާ ސުވާލުކުރެއްވިއެވެ.

އެއްކަލަ ދުވަހު އަހަރެންގެ ކަންފަތްމަތީގައި ޖެހީ ކީއްވެތޯ؟ އެއީ ކީއްވެ ކުރި ކަމެއްތޯ ސުވާލުކުރުމުން ޖަވާބެއް ވެސް ނުދެއްވަމު ނޫންތޯއެވެ؟ މިހާރު އަނެއްކާ ވެސް މިސުވާލުކުރަނީއެވެ. ކަމަކުން ކަމަކާ ނުލައި އަހަރެންގެ ކަންފަތްމަތީގައި ޖެހީ ކީއްވެތޯއެވެ؟

ހަކީމު ދެންނެވިއެވެ. ތިމަންގެ ގާތުގައި އެހާ ގިނަ އަހަރުތަކުގައި ހުރިއިރު ދިމާވި ކަންކަމުގެ ތެރެއިން ސުވާލެއް ކުރަން އޮތީ ހަމައެކަނި ތިޔަ ކަންތަކާމެދުގައިތޯއެވެ! ދަރިފުޅާއެވެ! ވިސްނާވަޑައިގަންނަވާށެވެ! އަހަރެން އެކަންކުރީ މިދުވަހަށްޓަކައެވެ. ކޮއިފުޅާއެވެ. އަނިޔާއަކީ އެފަދަ އެއްޗެކެވެ. އަނިޔާ ލިބޭ މީހާގެ ހިތުން ދުވަހަކުވެސް އޭގެ ވޭނެއް ފިލާ ނުދާނެއެވެ. މިއަދު ކޮއިފުޅު ރަސްކަމުގައި ހުންނަވާއިރު އަދިވެސް ތިޔަ އުޅުއްވަނީ އެ ދުވަހުގެ އެ ވޭނުން އަހުރެނާ މެދު އުފެދުނު ރުޅިވެރިކަން ނުފިލައިގެން ނޫންތޯއެވެ؟

ރަސްގެފާނެވެ! ދެނެވަޑައިގަންނަވާށެވެ! ރައްޔިތުންގެ މެދުގައި އަދުލަށް ކަންކަން ކުރައްވާށެވެ! ހަމަ އެއްވެސް ސިފައެއްގައި އެއްވެސް މީހަކަށް ބޭއިންސާފުވެވަޑައި ނުގަންނަވާށެވެ! އެކަމަކީ ބޭއިންސާފު ތަހަމައްލުކުރަމުންދާ މީހުން މާފުކުރާނެ ކަންކަމެއް ނޫނެވެ! އެކަން އެންމެ ރަނގަޅަށް މިހާރު މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. ރަސްގެފާނު ދެއްވަން ބޭނުންފުޅުވާ އަދަބެއް އެކަމަށްޓަކައި އަޅުގަނޑަށް ދެއްވިޔަސް އެންމެ ރަނގަޅެވެ. މިހިސާބަށް އެވާހަކަ ނިމުނީއެވެ.

މާތް ސަހާބީ މުއާޒުގެފާނު ޔަމަން ކަރައިގެ ވެރިޔަކުކަމުގައި އައްޔަންކުރައްވާފައި ފޮނުއްވަމުން މުއާޒުގެފާނަށް އަހަރެމެންގެ މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. "އަނިޔާލިބޭ މީހާގެ ދުއާމެދު ބިރުވެތިވާށެވެ. އެފަދަ ދުއާތަކާ ﷲ އާ ދެމެދުގައި އެއްވެސް ހުރަހެއް ނުވެއެވެ."

މިއީ ކަންކަމުގައި ރައްޔިތުންގެ މައްޗަށް އެކި ނަންނަމުގައި އިސްވެ ތިއްބަވާ ވެރިން ނިކަން ބޮޑަށް ސަމާލުކަން ދޭންޖެހޭ މައްސަލައެކެވެ. ބައެއް ރިވާޔަތުގައި އައިސްފައިވަނީ އަނިޔާލިބޭ މީހާއަކީ ކާފަރެއްކަމުގައި ވިޔަސް އޭނާގެ ދުއާއާއި ﷲ އާ މެދު ހުރަހެއް ނުވެއެވެ.

އަނިޔާއަކަށް ވަނީ ކަންފަތްމަތީގައި ޖެހީމައެއް ނޫނެވެ. ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ދޫކުރުމުގައި އެންމެ އެކަށީގެންވާ މީހުން ފިޔަވައި އެހެން މީހުންނަށް ދިނުމާއި ޝަރުތުހަމަވެގެން ލިބިފައިތިބޭ މީހުންގެ އަތުން ފްލެޓް އަތުލުމާއި ސަރުކާރުން ދޫކުރާ ގެވަޅާއި ބިންތަކުގައި ނުވަތަ ވިޔަފާރީގެ ބޭނުމަށް ހިންގޭ ކަންކަމުގައި އަދުލުވެރި އުސޫލުތައް ދޫކޮށްލައި ހެދުމަކީ ވެސް އަނިޔާއެވެ.

ވާދަވެރި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމުގެ ބަދަލުގައި ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތައް ހޭދަކުރެވޭ މަޝްރޫއުތައް ހިތުހުރި ގޮތަކަށް ހިތުހުރި ބަޔަކަށް ބަހާލުމަކީ ވެސް އަނިޔާއެވެ. އެކަންކަމުގެ ނަތީޖާއިން އިންސާފުވެރި ހަމަހަމަ ފުރުސަތުތައް ގެލިގެންދާ ކޮންމެ މީހަކީ އަނިޔާލިބޭ މީހެކެވެ. މާތް ﷲ ޤުދުސިއްޔަ ހަދީސްގައި އަންގަވާފައިވެއެވެ. "ތިމަން ކަލާނގެ އިއްޒަތް ގަންދެމެވެ. ހަމަ ކަށަވަރުން ކުޑަ ވަގުތުކޮޅަކަށް ފަހުގައި ނަމަވެސް އަނިޔާލިބެމުންދާ ފަރާތަށް ތިމަންކަލާނގެ ނަސްރުދެއްވާ ހުށީމެވެ." އެހެން ބަސްފުޅެއްގައިވެއެވެ. "އަނިޔާވެރިވުމާމެދު ބިރުވެތިވާށެވެ. އަނިޔާވެރިކަމަކީ ޤިޔާމަތް ދުވަހުގައި ހުރި އަނދިރިގަނޑުތަކެކެވެ."

އައްޝުޢަރާއު ސޫރަތުގެ 181 ވަނަ އާޔަތުން ކުރިޔަށް ތިން އާޔަތް ވިދާޅުވާށެވެ! "ތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! އަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ! އަދި ތިޔަބައިމީހުން މީސްތަކުންނަށް އެމީހުންގެ ތަކެތި އުނިނުކުރާށެވެ! އަދި ކޮރަޕްޓު މީހުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ! "

އަންނަޙްލު ސޫރަތު ގެ 90 ވަނަ އާޔަތުގައި އަންގަވައެވެ. "ހަމަކަށަވަރުން ﷲ އަމުރުކުރައްވަނީ އަދުލުވެރިވުމަށާއި އިހުސާންތެރިވުމަށެވެ." އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. "...އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އިންސާފުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އިންސާފުވެރިވާށެވެ!"

އިންސާފުވެރި އުސޫލުތައް ދޫކޮށްލައި، ހިތުހުރި ގޮތަކަށް ކަންކަން ކުރުމަކީ ގައުމުތަކާއި ދައުލަތްތައް ހަލާކުވެ އިންދިރާސްވެގެންދާ ސަބަބެވެ. ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. މާތް ﷲ މި ކާއިނާތުގައި ލެއްވި ބަދަލުވުމެއް ނެތް އުސޫލުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އަނިޔާވެރި ދައުލަތްތައް އެއީ އިސްލާމީ ދައުލަތެއްކަމަށް ވިޔަސް ނިކަމެތިވެގެންދިއުމެވެ. އަދި އަދުލުވެރިކަން ނަގަހައްޓާ ދައުލަތެއް ނަމަ އެއީ ކާފަރު ދައުލަތެއްކަމަށް ވިޔަސް ކާމިޔާބު ލިބިގެންދިއުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox