ފުވައްމުލައް ފެނަށް ޖެހުމަކީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ އެކަން ހައްލުކޮށްދޭން ފައިސަލް ގޮވާލައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ފައިސަލް ވިދާޅުވީ ފުވައްމުލައް ފެނަށް ޖެހުމަކީ ބޮޑު އިހުމާލެއް ކަމަށް --- ފޮޓޯ: އަދަދު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ފައިސަލް ވިދާޅުވީ ފުވައްމުލައް ފެނަށް ޖެހުމަކީ ބޮޑު އިހުމާލެއް ކަމަށް --- ފޮޓޯ: އަދަދު

ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމާއި، ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއްވެ އެ ސިޓީ ފެނަށް ޖެހުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ، ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކުރަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ރަށުގައި ދިރިއުޅޭ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރާފައިވާ ފުވައްމުލަކުން ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމާއި ފެނުގެ ނިޒާމުގައި ބޮޑު ލީކެއް އުޅޭތީ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން އެންމެ އަސާސީ އެއް ހިދުމަތްކަމުގައިވާ ރައްކާތެރި ސާފު ބޯފެން ލިބުމުން މަހުރޫމްވެފައި ތިބެން ޖެހުން މިފަދަ ޒަމާނެއްގައި އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

"ވީ އެންމެ އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކަމާއި ބެހޭފަރާތްތަކާއި ސަރުކާރަށް ގޮވާލަން،" ފައިސަލް ލިޔުއްވާފައިވެ އެވެ.

ފެނުގެ ނިޒާމަށް މައްސަލަ ޖެހެމުން، ފެން ކަނޑަމުން ގޮސް މުޅިން ފެނުގެ ހިދުމަތް މެދުކެނޑޭ ހާލަތަށް ދިޔުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"މިސިޓީ އިން ފެނުގެ ހިދުމަތް މެދުކެނޑި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ، ފެނަކަ އާއެކު ކައުންސިލުން މިރޭ [ރޭ] ގެ ވަގުތެއްގައި ބޭއްވުނު ބައްދުލުވުމުގައި އެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތައް ބަލާއިރު ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން ދެ ދުވަސް ވާނެކަމަށް ލަފާކުރެވޭ،" ފުވައްމަލަކު ކައުންސިލުގެ ބަޔާނުގައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައި ވަނީ އެ ރަށުގެ ފެނުގެ ހިދުމަތަށް ދިމާވަމުންދާ މައްސަލަތައް "ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެވުނު" ކަމަށެވެ. އެގޮތުން އެންމެ ފަހުން، މި ހިނގާ ނޮވެމްބަރު 4، ގައި ރައީސް މުހައްމަދު މުއިއްޒު ފުވައްމަލަކަށް ކުރެއްވި ދަތުރުގައި ވެސް ރަށުގެ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން އެދުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ ކުރިން، ފުވައްމުލަކު ފެނަކަ ބްރާންޗުން ފާހަގަކުރި މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ވެސް ގެނެސް، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާކަން އެނގުނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ފެނުގެ ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox