މަރަޑޯނާގެ މަރުގެ މައްސަލައިގެ ދައުވާ މެޑިކަލް ޓީމާ ދެކޮޅަށް ކޯޓުގައި ތާވަލުކޮށްފި

Nov 6, 2025, 1:06 PM
މަރަޑޯނާގެ މަރުގެ މައްސަލައިގެ ދައުވާ މެޑިކަލް ޓީމާ ދެކޮޅަށް ކޯޓުގައި ތާވަލުކޮށްފި

ބީނޯސް އޭރީސް (ނޮވެމްބަރު 6) – ހާޓް އެޓޭކެއް ޖެހިގެން މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަަރަޑޯނާގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާ ކަމަށާއި ގަސްދުގައި އޭނާ މަރުވާނެ ހާލަތަށް ދޫކޮށްލި މައްސަލަައިގައި މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ކޯޓުގައި ތާވަލުކޮށްފި އެވެ.

އާޖެންޓީނާގެ ކޯޓަކުން 2022 ވަނަ އަހަރު ޖޫން މަހު ނިންމާފައިވަނީ 25، ނޮވެމްބަރު 2020 ވަނަ ދުވަހު މަރުވި މަރަޑޯނާގެ ސިއްހީ ކަންކަމަށް އިހުމާލުވި ކަމުގެ ދައުވާ އުފުލާފައިވާ އަށް މެމްބަރުންގެ މެޑިކަލް ޓީމުގެ ދައުވާގެ މައްސަލަ ކޯޓުގައި ކުރިއަށްދާނެ ކަމަށެވެ.

އެކަމަކު، އަޑުއެހުންތައް ފަށާނެ ދުވަހެއް ކޯޓުން އޭރު ނިންމާފައިނުވެ އެވެ. މެޑިކަލް ޓީމާ ދެކޮޅަށް އުފުލަނީ ގަސްދުގައި މީހަކު މަރުވާން ދޫކޮށްލިކަމުގެ ދައުވާ އެވެ.

އެ ދައުވާ މި އަހަރުގެ ކުރީކޮޅުގައި ކޯޓުން ބޭރުކޮށްލި ނަމަވެސް، އަނެއްކާ ވެސް އަންނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި، އަޑުއެހުމެއް މި މަހު 12 ވަނަ ދުވަހު ބާއްވަން ކޯޓުން އަންނަނީ މަސައްކަތްކުރަމުންނެވެ. ތިން މެމްބަރުންގެ ޖަޖުންގެ ޕެނަލެއް މި މައްސަލައިގައި މަސައްކަތް ކުރާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. މި މައްސަލަ ފުރަތަމަ ބަލަން ފެށިއިރު، ޖަޖުންތަކެއް ޑޮކިއުމެންޓްރީ އަކަށް އިންޓަވިއު ދިން މައްސަލައިގައި ވަނީ އެ ޕެނަލް އުވާލައިފަ އެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު، އޭގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި އޭނާ އަށް ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ދިޔައީ ކުޅުމުގެ ކެރިއަރުގައި ވެސް ދިމާވެފައިހުރި މަސްތުވާތަކެތީގެ ކަންކަމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ދެމުންނެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން މަރަޑޯނާގެ މަރަށް ފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އަށް އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަމަށް މީޑިއާގައި އަޑުފެތުރެން ފެށި އެވެ. އަދި އޮޕަރޭޝަނެއް ކޮށްފައި ހޮސްޕިޓަލްގައި ނުބާއްވައި އަވަހަށް ދޫކޮށްލުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެކެވެ.

މަަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުން ތަކެއް އަމިއްލަ އަށް އިސްނަގައިގެން ބަލަން ފެށީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، މަރަޑޯނާގެ ދެ އަންހެން ދަރިންގެ ބޮޑެތި ޝަކުވާތަކެއް ހުރުމުންނެވެ.

މަރަޑޯނާގެ މަރާބެހޭ ހަގީގަތް ދެނެގަންނަން ޕްރޮސެކިއުޓަރުން ވަނީ 20 ސިއްހީ ތަޖުރިބާކާރުން ހިމެނޭ ޓީމަކާ އެކަން ދިރާސާކުރަން ހަވާލުކޮށްފަ އެވެ. އެ ޓީމުން އެކުލަވާލި 70 ސޮފުހާގެ ރިޕޯޓްގައިވާ ގޮތުން މަަރަޑޯނާގެ ބޭސްފަރުވާގެ ކަން ކަމަށް އޭނާގެ މެޑިކަލް ޓީމުން އޮތީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވީ އެތައް އިރެއް ވަންދެން އޮތްއިރު ވެސް ފަރުވާއެއް ނުލިބި ހިތް ހުއްޓުމުންނެވެ.

ސިއްހީ ތަޖުރިބާކާރުން ތައްޔާރުކުރި ތަފްސީލް ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާ ވަރަށް ބޮޑަށް ބަލިވި އެވެ. އޭގެ ފަހުން އޭނާ ރަނގަޅަށް މޮނިޓާކުރެވިފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ގޭގެ ބަދަލުގައި ނޮވެމްބަރު 12 ވަނަ ދުވަހު ކުރި އޮޕަރޭޝަނަށް ފަހު މަހެއްހާ ދުވަސް ވަންދެން ހޮސްޕިޓަލެއްގައި މަރަޑޯނާ އަށް ފަރުވާދިންނަަމަ އޭނާ ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މަރަޑޯނާގެ އޮޕަރޭޝަން ކުރި ނިއުރޯސާޖަން ޑރ ލިއޮޕޮލްޑޯ ލޫކޭ އާއި ސައިކެޓްރިސްޓް އޮގަސްޓީނާ ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިނުވާނެ ކަމަށާއި އެކަން ސާބިތުކޮށްދެވޭނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަކު މަރަޑޯނާ އާއި މެޑިކަލް ޓީމުގެ މެދުގައި ދެކެވިފައި ހުރި ބައެއް ވާހަކަތައް އާޖެންޓީނާގެ މީޑިއާގައި މިހާރު ލީކުވެފައިވާއިރު، މެޑިކަލް ޓީމުން ބައެއް ކަންކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ހާމަވެ އެެވެ.

މަރަޑޯނާގެ އާއިލާ އިން ކުރާ ބައެއް ކަހަލަ ތުހުމަތުތަކަށް އިޝާރާތްކޮށް ޑރ. ލޫކޭ ބުނީ އެ މީހުން ބޭނުންވީ މަރަޑޯނާ ހޮސްޕިޓަލުގައި ބޭއްވުމަށް ކަމަށެވެ. އެކަމަކު އޮޕަރޭޝަން ކުރިތާ އަށް ދުވަސް ފަހުން މަރަޑޯނާ ގެޔަށް ޑިސްޗާޖް ކުރަން ނިންމީ މަރަޑޯނާ އާއި އޭނާގެ ދަރިން އެ ގޮތަށް ބޭނުންވާތީ އާއި ގޭގައި ވެސް ޝިފްޓް ޑިއުޓީ ބަހައިގެން ނަރުހުން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސޭނެތީ ކަމަށް ޑރ ލޫކޭ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox