ސިޓީބިޓީ: ދިރިއުޅޭ ތަނަށް އަހަރެމެން ލައްވައިދީ!

ސިޓީބިޓީ: ދިރިއުޅޭ ތަނަށް އަހަރެމެން ލައްވައިދީ!

އަހަރެމެންނަކީ ދިވެހިންނެވެ. ކޮންމެ ދިވެއްސަކީ ދާއިމީ އެޑްރެހެއްގެ ހާދިމެކެވެ. ދާއިމީ އެޑްރެހަކީ، ރަށަކާއި ގޯއްޗަކާއި އިމާރާތެކެވެ. ސަރުކާރަށް އަހަރެމެން ފެންނަނީ އެ އެޑްރެހުންނެވެ. ކަރުދާހުގައި ނަގާފައިވާ ބިންވަޅުންނެވެ. ގައުމީ ގިނަ ސިޔާސަތާއި އަސާސީ އެތައް ހައްގެއްގެ ފަރުމާ ބައްޓަންކުރަނީ އެ އެޑްރެސް މަތީގައެވެ.

ކިތަންމެ ދާއިމީ އެޑްރެހަކީ އިންދިރާސްވެފައިވާ ފަޅުގޯއްޗެވެ. ދާއިމީ އެޑްރެސް ލޮލުން ނުމެދެކި އޭގެ އަޅުދާހުގައި އުޅެނީ ވެސް އެތައް ބައެކެވެ. އަހަރެމެން ދިރިއުޅެނީ ކޮންމެހެން އެ އެޑްރެހަކު ނޫނެވެ. އަދި ކިތަންމެ ބަޔަކު ދިރިއުޅެނީ މުޅިން އެހެން ރަށަކުއެވެ. ގިނަ ރާއްޖެތެރޭ ބަޔަކު މާލޭގައެވެ. ހިޖުރަކުރީއެވެ. ވަޒީފާއަށެވެ. ތައުލީމަށެވެ. ދިރިއުޅޭށެވެ. އެހެނަސް ދައުލަތަށް އެ ކަމެއް ނޭނގެއެވެ. އަހަރެމެން ބަދަލުވި ކަމެއް ނޭނގެއެވެ.

މި ދައުލަތުގެ ބޮޑު އާބާދީއެއްގެ، ދާއިމީ އެޑްރެހާއި ދިރިއުޅޭ ތަން، ދެ ތަންވިކަމުގެ ސަބަބުން ކުރިމަތިވާ އިޖުތިމާއީ އާފާތުގެ ވާހަކަ މިއަދަކު ސިއްރެއް ނޫނެވެ. އެ ހިމޭންކަން ފިލައިފިއެވެ.

ކުދިން ފޫޅުކެނޑުމާއެކު ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ޖައްސަން ޖެހެއެވެ. އެހައިތަނުން އެ ކުއްޖަކީ އެ ގޭ ކުއްޖެކެވެ. އެ ރަށު ކުއްޖެކެވެ. އެއީ މުޅި އުމުރަށް ކޮނޑުއެޅޭ، ނެއްޓެން ނުކުޅަދާނަ ކެނޑުމެކެވެ. އެ ގޮތް އެ ޒަމާނަށް ފެތެއެވެ. އުފަންވި ރަށުގައި ދިރިއުޅުން ވޭތިކުރި ޒަމާނަށް އެ ގޮތް އެކަށޭނައެވެ. އެ ޒަމާނުގެ ސަގާފަތާއި އާދަކާދައަށް އެ ނިޒާމު ހެޔޮވަރެވެ.

ނަމަވެސް އެ ދުވަސް ފަސްދިންތާ ކިތަންމެ ޒަމާނެކެވެ. އެކަން ދައުލަތަށް ރޭކާ ނުލަނީއެވެ. ރަށުވަންތަކަމުގެ ވިސްނުން ރަށްރަށުގެ ވިލުދޮޅި ފަހަނައަޅައި، ގުޅުންތައް މުޅިރާއްޖެއަށް ފެތުރި މަސްހުނިވެ، އެކި ހާޖަތަށްޓަކައި ދިވެހިން އެތަންމިތަނަށް ބައިވެ ކުރި ހިޖުރަކުރުންތަކާއެކު، އެތައް ހާސްބަޔަކު ދާއިމީ އެޑްރެހާ ދުރުގައި ދިރިއުޅޭކަން އެއީ އަދުގެ ހަގީގަތެވެ. އެކަން ނުދަތީ ދައުލަތެވެ.

އަހަރެމެން ދިރިއުޅެނީ ކޮންތަނަކުކަން އެއީ ދައުލަތުން ބަލަހައްޓާ ކަމެއް ނޫނެވެ. އެނގެން ބޭނުން ވެސް ނުވަނީއެވެ. މި ރާއްޖޭގެ އެއްވެސް މީހަކީ ކޮން ރަށަކު ކޮން ތަނަކު ކިއެއްވެފައި ކީއްކުރަން ހުރި މީހެއްކަން އެއީ ދައުލަތަށް އެނގެން ޖެހޭ ކަމަކަށް ނުވަނީއެވެ. ދާއިމީ އެޑްރެސް އޮތް ރަށް ނޫން ރަށަކު މުޅި އުމުރު ހޭދަކޮށް ދަރިފަސްކޮޅެއް އާބާދުކޮށް އަބަހައްދަވާން ޖެހެނީ ބީރައްޓެއްސެއްގެ ގޮތުގައެވެ. އެއީ ދައުލަތުގެ ސިޔާސަތެވެ.

ކުޑަކުޑަ މިސާލެކެވެ. ނަމަކީ އައިމިނައެކެވެ. މާލެ ފޭބީ އުމުރުން 6 އަހަރުގައި ކިޔަވާށެވެ. ފުރާވަރުގައި ދިމާވި ހަސަނަކާ އިން ގޮތަށް އަދިވެސް ދިރިއުޅެނީ މާލޭގައެވެ. މިހާރު އުމުރުން 62 އަހަރެވެ. 7 ދަރިން ބޮޑެތިވީ މާލޭގައެވެ. އެ ކުދިންނަށް ކުދިން ލިބި މުނިވެސް ކިޔައިފިއެވެ. އެ އެންމެން ދިރިއުޅެނީ މާލޭގައެވެ.

ދައުލަތުން ދޭ ފްލެޓަށް ކުރިމަތިލާންވެގެން، މާލޭގައި އުޅޭކަން ސާބިތުކުރަން މި އައިމިނައަށް ޖެހުނީ ހެކި ހުށަހަޅާށެވެ. އައިމިނަ މާލޭގައި އުޅޭކަން ދައުލަތަށް ނޭނގޭތީއެވެ. އައިމިނަ މާލޭގައި އުޅޭތާ އަދި ވީ އެންމެ ބައި ގަރުނުކަމުން، އެއީ މާލޭގައި އުޅޭކަމަށް ބެލެވޭވަރު މުއްދަތަކަށް ނުވަނީތާއެވެ.

ލޯކަލް ކައުންސިލާއި މަޖިލިސް އިންތިހާބުގެ ދުވަސްވަރަކީ އައިމިނަ ހޯދަން ރަށު މީހުން މާލެ އަރާ މޫސުމެވެ. ހަސަނު ހޯދަން އެ ރަށު މީހުން ވެސް އާދެއެވެ. އެ މީހުން އެހެން އަންނާތީ އެ ދެމަފިރިން އުފާކުރެއެވެ. ކިޔާވަރުން ނުކުޅަދާނަވެގެން މެނުވީ ވޯޓުލާން އެ ދެމަފިރިން ގޮހެއް ނޫޅެއެވެ. އަހަރެމެނާ ބެހޭ ވޯޓެއް ނޫނޭ ހަސަނު ބުނާވަރުންނެވެ.

އައިމިނަ ކުއްޔަށް އުޅޭ ފަންގިފިލާގައި އައިމިނަގެ އާއިލާ ބޭނުންކުރާ ކަރަންޓާއި ވަރާ ފެނަށް ބިލު ލިބެނީ ގޭ ވެރިފަރާތުގެ ނަމުގައެވެ. އެއީ، އައިމިނަ މާލޭގައި އުޅޭކަން ބަލައިގަތުން ކުށަކަށް ވެދާނެތީ ތޯއްޗެކެވެ. ގޭ ވެރިފަރާތުގެ ބިލަށް އައިމިނަ ފައިސާ ދައްކައިދެނީއެވެ.

އައިމިނަގެ ހަޔާތް ވޭތިކުރީ ހެންވޭރުގައެވެ. ހެންވޭރަށް މަޖިލިސް މެމްބަރު ނުވަތަ ކައުންސިލަރު ހޮވަން އައިމިނައަށް ބަސްބުނުން މަނައެވެ. އަމުދުން މާލޭ މޭޔަރު ހޮވަން ވަކިން ކުފޫހަމަވާނެ ހެއްޔެވެ؟ އަނެއްކޮޅުން، މާލެއިން ދޫކުރި ގޯއްޗަށް އެދި ފޯމުގަނޑު ފުރާލަން ވެސް އައިމިނަ ކުޅަނދު ހަމައެއް ނޫނެވެ. ދޮށީސޮރު ކޮންމެވެސް ދަފުތަރެއްތޯ އެއްޗެއްގައި ޖެހިގެން ވެސް ގޯއްޗަށް ޝަރުތު ހަމައެއް ނުވިއެވެ. ލިބުނީ ކޮޅެކެއްސެވެ. އެކަމަކާ ހަސަނު ހުނުނީ ވަރަކަށެވެ.

އެއީ ހިންޏެއް ނޫނެވެ. މާޔޫސީ ކަމުގެ ވޭނީ ކެކުޅުން ހަސަނު ފައުޅުކުރި ގޮތެވެ.

އައިމިނަ ފަދަ ކިތަންމެ ދިވެއްސަކާމެދު ދައުލަތުން ހަގީގަތުގައި އެ ކުރަނީ ނަސްލީ ތަފާތުކުރުމެވެ. އެއީ ރައްޔިތުން ގިންތިކުރުމެވެ. ވަޒަންވެރިވުމާއި، ހިޖުރަކުރުމުގެ ހައްގު މުލުން ލުހުމެވެ. ސިޔާސީ އަސާސީ އެތައް ހައްގެއް ނިގުޅުމެވެ.

މި ރާއްޖޭގެ ބޮޑު އާބާދީއެއް ދައުލަތުން ހާކާލިބުރުވާލިކޮށްފިއެވެ. މި ހާލެއް ޖެއްސުމަކީ ދައުލަތުން ކުރާ ޖެއްސުމެއް ނޫން ހެއްޔެވެ؟ ގައިމު މި ރާއްޖެ އަންނަ ބިދޭސީން ވެސް، އެއީ ކޮން ބައެއް ކަމާއި، އެ މީހުން އެބަ އުޅޭކަމާއި، ތިބީ ކޮން ތަނަކުކަން ދައުލަތުން ބެލެހެއްޓޭތޯ ބަލައެވެ. އެ ވަރަށް ވެސް މި ދައުލަތުން އަހަރެމެންނާ މެދަކު ނުހިތައެވެ. އަހަރެމެން ވަނީ މި ދައުލަތަށް ގެއްލިފައެވެ.

ތެދެއްމެއެވެ. އެއް ނަޒަރަކުން ބަލާއިރު ދާއިމީ އެޑްރެސް ދިވެހިންގެ ސަގާފީ އިހުސާސްތަކާ ގުޅިފައި ވަނީ ވަރަށް ފުނަށެވެ. ދާއިމީ އެޑްރެހުން އާއިލީ ވަނަވަރާއި، ދަރިފަސްކޮޅުގެ ގުޅުން ދައްކުވައިދެއެވެ. ކޮން ރަށެއްގެ މީހެއްކަމާއި އާއިލާ އޮތް ތަން އަންގައިދެއެވެ.

ނަމަވެސް ދާއިމީ އެޑްރެހާއެކުއެކީ، ދިވެހިން ދިރިއުޅެނީ ކޮން ތަނަކުކަން ވެސް ދައުލަތުން ބަލަހައްޓަން ފަށަން ޖެހެއެވެ. ދާއިމީ އެޑްރެހާ ދުރުގައި އެހެން ތަނެއްގައި ދިވެހިން ދިރިއުޅޭކަން ބަލައިގަންނަން ޖެހެއެވެ. އިދާރީ ދާއިރާތައް ކަނޑައެޅުމާއި، ވެރިންނާއި މަންދޫބުން ހޮވުމާއި، ބޯހިޔާވަހިކަމާއި، އެ ނޫން ވެސް އިގުތިސާދީ އިޖުތިމާއީ ހިދުމަތާއި ފުރުސަތުތަކަކީ ދާއިމީ އެޑްރެހުގެ ބަދަލުގައި، ދިވެހިން ދިރިއުޅޭ ތަނަށް ނިސްބަތްކޮށް ބިނާކުރާ ކަންކަމަށް ހަދަން ޖެހެއެވެ. ދައުލަތުގެ އެންމެހައި ސިޔާސަތަކީ އެ ތަނެއްގައި ދިރިއުޅޭ ހަގީގީ އާބާދީ ރަމްޒުކުރާ އެއްޗަކަށް ވާނީ އެއިރުންނެވެ.

ރައްޔިތުން ދިރިއުޅޭ ތަން ފާހަގަކުރުން ގުޅިފައި ވަނީ ރައްޔިތުންގެ ކަރާމާތާއެވެ. ދިވެހި ކޮންމެ ރައްޔިތެއް ދައުލަތުން ބަލައިގަންނަން ޖެހެނީ އެ ރައްޔިތަކު ދިރިއުޅޭ މުޖުތަމައުގެ ހައްގުވެރި ބައިވެރިއެއް ގޮތުގައެވެ. މެހެމާނެއް ގޮތަކު ނޫނެވެ. ނަތީޖާއަކަށް ވާނީ، ސިޔާސީ ތަމްސީލުވުން އެއްހަމަވެ ވެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާ ވުމެވެ. ދައުލަތުގެ ވަސީލަތްތައް ހަގީގީ އާބާދީގެ ނިސްބަތުން މިންކުރެވި ހަމަހަމަ ހެޔޮ ގޮތުގައި ބޭނުން ހިފެން ފެށުމެވެ. ޒަމާނީ ޑިމޮކްރަސީ އާއި ހެޔޮވެރިކަމުގެ ބަހާތައް ނެގެހެއްޓިގެން ދިއުމެވެ.

ތަނެއްގައި ހުރި މައްސަލަތައް ތަހައްމަލު ކުރަނީ އެ ތަނެއްގައި ދިރިއުޅޭ މީހުންނެވެ. ހައްލު ބޭނުން ވަނީ އެ މީހުންނަށެވެ. ހުރީ ކޮން މައްސަލައެއްކަން އަދި ބޭނުން ވަނީ ކޮން ހައްލެއްކަން އެނގޭނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކަށެވެ. އެ ހައްލު ގެންނާނެ ގޮތެއް ކަނޑައަޅަން ޖެހޭނީ އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ބަހުގެ މައްޗަށެވެ. އެ ބަހަކީ އެ ތަނެއްގެ ދާއިމީ އެޑްރެހުގެ އަހުލުންނަށް އެކަނި އިއްވޭނެ ނިންމޭނެ ބަހެއް ނޫނެވެ.

ދާއިމީ އެޑްރެހުން އަހަރެމެންގެ ނަންތަކާއި، ރަށްތަކާއި، އާއިލީ ނަން ދިރުވައެވެ. ހަމައެއާއެކު ޒަމާނީ ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދިވެހިން ދިރިއުޅޭ ތަނުގެ ނިސްބަތަށް ބުރަދަން ދިނުމީ ވެސް ކޮންމެހެން ޖެހިއްޖެ މުހުތާދެކެވެ. ދިރިއުޅޭ ތަން ފާހަގަކުރުމަކީ އާދަކާދަ ހަލާކުކުރުމެއް ނޫނެވެ. އެއީ އަދާލަތު ހަރުދަނާކުރުމެވެ. ކޮންމެ ރައްޔިތަކަށް ވެސް އަޑެއް ހައިސިއްޔަތެއް ދިނުމެވެ. މިއީ، ހަމަހަމަކަމާއި ދިވެހީންގެ ހަމަޖެހުމަށް އަޅަންވެއްޖެ މުހިއްމު ފިޔަވަޅެކެވެ.

އެވެނި ރަށުގެ މީހުންނަކީ އެ ރަށުގައި ދިރިއުޅޭ މީހުންނެވެ. މާލޭ މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންނެވެ. މި ހަގީގަތާ އެއްބަސްވާން ހިނގާށެވެ.

ދާއިމީ އެޑްރެހުގެ އަޅެއް

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox