އަންނަ އަހަރުގެ ފިސްކަލް ސިޔާސަތުތަތައް އެކަށައެޅުމުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާ އެކީ ފިސްކަލް ސްޓެބިލިޓީ ގާއިމުކުރުމަށް ޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރާނެ ގޮތުގެ އޮޕަރޭޝަނަލް އަމާޒުތަކެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އޮޕަރޭޝަނަލް އަމާޒުތަކުގެ ގޮތުގައި 14 ކަމެއް ލިސްޓުކުރައްވާފަ އެވެ. އެއީ:
- މެދުރާސްތާގެ ބަޖެޓުގެ އިސް އަމާޒަކީ ސަރުކާރުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުން
- ސަރުކާރުން ދިވެހި ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބަޖެޓުން ޖާގަ ހޯދުން.
- ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަމަށް މި ގެނެވުނު ކުރިއެރުން ދެމެހެއްޓުން.
- ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓިނިވިކަން އިޔާދަވާނެ ގޮތުގެ މަތިން މެކްރޮ-ފިސްކަލް ސްޓެބިލިޓީ ކަށަވަރުކުރުން.
- މި ބަޖެޓްގެ ފިސްކަލް އަމާޒުތަކަކީ 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓްއަށް ދަށްކުރުން.
- ދައުލަތުގެ ސީދާ ދަރަނި 117 ޕަސެންޓްއަށް ކުޑަކުރުން.
- ޕީއެސްއައިޕީ ޚަރަދު 7 ޕަސެންޓަށް ވުރެ މަތިނުވާނެހެން ކަނޑައެޅުން.
- އެއާ އެކު، ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ޚަރަދު 12 ޕަސެންޓްއަށްވުރެ މަތިނުވާނެހެން ހިފެހެއްޓުން.
- 2028 ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީދީފައިވާ ދަރަނި 10 ޕަސެންޓްއަށް ކުޑަކުރުން.
- މި ބަޖެޓުގެ އޮޕަރޭޝަނަލް އަމާޒުތަކަކީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސެންޓްއަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުން.
- ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ހަމަޖައްސައި، ދައުލަތުގެ ސީދާ ދަރަނި މެދުރާސްތާގައި ދަށަށްދާނެ މިސްރާބަކަށް ގެނައުން.
- ޕީއެސްއައިޕީގެ ޚަރަދުގެ ޖުމުލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓްއަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓުން.
- ބޭރުގެ ފަރާތްތަކުން ނަގާ އިންޓްރެސްޓް ޚަރަދު، އާމްދަނީގެ ނިސްބަތުން 5 ޕަސެންޓްގައި ހިފެހެއްޓުން.
- ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުން ގެރެންޓީ ދިނުން.
ޒަމީރު ވިދާޅުވި ގޮތުގައި، މި އަހަރު ބަޖެޓު އެކުލަވާލުމުގައި ސަރުކާރުން އެންމެ އިސްކަން ދިނީ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި ދެއްކުމާއެކީ އިގުތިސޯދަށް ބުރާނާރާނެ ފަދަ ގޮތަކަށް ބަޖެޓު އަތުރާލުމަށެވެ. ބަޖެޓު ފޮތުގައިވާ ގޮތުގައި ދަރަނި ދައްކަން 11.8 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. މިއީ ކުރިން ލަފާކުރި އެއް ބިލިއަން ޑޮލަރަށް ވުރެ މަދު އަދަދެއްގެ ފައިސާ ކަން ފާހަގަަކުރެ އެވެ.
މި ދަތިތަކާ އެކީ ވެސް އިގުތިސޯދުގެ ހިންގުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި މިއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބޭ އެންމެ ބޮޑު އުފާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަންނަ އަހަރު އޭޕްރީލް މަހު އެކީ އެއްފަހަރާ އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރު ދައްކާ ހަލާސްކުރަންޖެހޭ ބިޔަ ޒިންމާޔަށް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން ގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ ހައްގުގައި ކުރިމަތިލާއިރު، އަޅުގަނޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާރޯކަމާއި ވިލުންވެރިކަމާއެކީ ކުރިއަރަމުން އަންނަ އިގުތިސާދެއް އޮތުން،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި ވަނީ 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މިއީ ތާރީހުގައި ވެސް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.












