ފެނަކައިގެ ހިޔާނާތަށް ފައިސާ ހޯދައިދިނީ އަމީރު ކަމަށް ތުހުމަތުކޮށް މައްސަލަ ބަލަން މާލިއްޔަތު ކޮޮމިޓީން އިދާރާތަކަށް ހުށަހަޅަނީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މަޖިލީހުން ތުހުމަތުކުރަނީ އަމީރު ކޮރަޕްޝަން ހިންގި ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މަޖިލީހުން ތުހުމަތުކުރަނީ އަމީރު ކޮރަޕްޝަން ހިންގި ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދައިދިނީ އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަތައް ތަހުގީގީ އިދާރާތަކަށް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އޮޑިޓު އޮފީހުން ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓު ނެރުނީ ސެޕްޓެމްބަރު 26، ގަ އެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގުކޮށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ވެއްދީ އޮކްޓޯބަރު ތިނެއްގައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު އެވެ. އެ ގަރާރު ދިރާސާކުރުމަށް ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ. މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ވަނީ ގަރާރަށް ދޭނެ ޖަވާބު ފާސްކޮށްފަ އެވެ.

މަޖިލީހުން ގަރާރަށް ދޭ ޖަވާބުގައި ހިމެނޭ ނުކުތާތައް

  • ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެ ކަންކަމަށް މަގުފަހިވާ މައިގަނޑު ސަބަބުތައް ދެނެގަނެ އެ ފުރުސަތު ކުންފުނިތަކުގެ ވެރިންނަށް ނުލިބޭނެ ގޮތަށް ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގެ އޮނިގަނޑު އިސްލާހު ކުރުމަށް ދިރާސާކޮށް ގޮތްތަކެއް ނިންމުމަށް ޕީސީބީއަށް ދެންނެވުމަށް ނުވަތަ ކޮމިޓީން އެ ގޮތްތައް ހުށަހެޅުން.
  • އޭރުގެ ފިނޭންސް މިނިސްޓަރު ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފުވެފައިވޭތޯ ބަލައި އޭރުގެ ފިނޭންސް މިނިސްޓަރުގެ މައްސަލަ އިދާރާތަކަށް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުން.
  • އޮޑިޓުގައި ހުރި މައްސަލަތައް މާލިއްޔަތު ކޮމިޓީއިން ތަފްސީލުކޮށް ބެލުމަށާއި އެ މައްސަލަތަކުގައި ހޯދާ ހޯދުންތައް އޭސީސީ އާއި ފުލުހުންނަށް ހުށަހެޅުން.
  • އޮޑިޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކުން ފައިސާ ލިބުނު މީހުން ނުހައްގު މުއްސަނދިކަމުން އުފައްދާފައިވާ އެސެޓުތައް ދެނެގަނެ، އެ އެސެޓުތައް ދައުލަތަށް ނެގުމަށް އެސެޓް ރިކަވަރީ ގާނޫނު ފާސްކުރުން އަވަސް ކުރުން.

އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީ ކޮމިޓީއަށް ހާޒިރުކުރުމުން ފެނަކައިން ހިންގި ހިޔާނަތުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެއީ ސަރުކާރު ކުންފުނިތަކުގެ ހިއްސާދާރެއްގެ ގޮތުން އެ މިނިސްޓްރީން ވެފައިވާ އިހުމާލެއް ކަމަށް ނިޔާޒީ ވަނީ ވިދާޅުވެފަ އެވެ.

"މި ހިޔާނާތް ރާވައި ހިންގައި ތަންފީޒުކޮށްފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އެކަނި ނޫން ކަމަށާއި މި ހިޔާނާތަށް މަގުފަހިކޮށްދީ، މި ހިޔާނާތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި މިނިސްޓަރު އިބްރާހިމް އަމީރުގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން އޮތް ކަމަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށް،" ކޮމިޓީގައި ހިމެނޭ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ޖަވާބު އިއްވަމުން ވިދާޅުވި އެވެ.

ފެނަކައަށް އިސްލާމިކް ބޭންކް މެދުވެރިކޮށް 400 މިލިއަން ރުފިޔާގެ ލޯނު ނަގައިދިނުމާއި، ފިނޭންސުން 618 މިލިއަން ރުފިޔާ އަދި އިތުރު 231 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހޯދައިދިނީ އަމީރު ކަމަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

ކޮމިޓީގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ވަނީ ފިނޭންސުން ފެނަކައަށް ދޭން ޖެހޭ ފައިސާ ދީގެން އަމީރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ތަހުގީގު ކުރުމަކީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"މި ރިޕޯޓުގެ އެއްވެސް ތަނަކު ނެތޭ ވަޒީރުގެ ވާހަކައެއް، ވަޒީރު އިހުމާލުވި ވާހަކައެއް ލިޔެފައި،" ޝަމްހީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި މި ސަރުކާރުން ވެސް ބަޖެޓުން ބޭރުން ފެނަކައަށް 500 މިލިއަން ދީފައި އޮތްކަން މާލިއްޔަތު ކޮމިޓީއަށް އެނގިފައިވާ ކަމަށާއި އެ މައްސަލަ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ އޮޑިޓު ރިޕޯޓު ވެސް މާލިއްޔަތު ކޮމިޓީއިން އަންނަނީ ބަލަމުންނެވެ. އެ ރިޕޯޓު ދިރާސާކުރަން ސަބް ކޮމިޓީއެއް ވަނީ ނަގާފަ އެވެ. އެ ކޮމިޓީއަށް އަމީރު ހާޒިރުކޮށް ސުވާލުކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox