ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ އަދިވެސް ކަންބޮޑުވާހާ ދަށުގައި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

ދުނިޔޭގެ އެކި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަންކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކު އެކުލަވާލާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖޭގެ ނަތީޖާ އަދިވެސް ކަންބޮޑުވާހާ ދަށުގައި އޮތްކަން މިދިޔަ އަހަރުގެ ނަތީޖާއިން ދައްކައިފި އެވެ.

މި އިންޑެކްސްގައި 39 ގެ ނަތީޖާއަކާއެކު، މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ކަންބޮޑުވާންޖެހޭ ދަށް މިންވަރެއްގައި ހުރީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ.

މި ނަތީޖާއާއެކު ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ދެނެގަތުމަށް، ދާދިފަހުން ހިންގުމުގެ ނިޒާމަށް، ގާނޫނުތަކަށް އަދި މުއައްސަސާތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

އެގޮތުން ޓްރާންސްޕޭރެންސީން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި "ސްޓޭޓް ކެޕްޗާ" ގެ ނުރައްކަލާއި، މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ، ތިމާވެށި އަދި އިގުތިސާދީ ކަންކަން ބަލަހައްޓާ ނިޒާމު އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ޒިންމާދާރުކޮށް، އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ހިމެނެ އެވެ.

ޓްރާންސްޕޭރެންސީގެ ހުށަހެޅުންތައް:

  • މުސްތަގިއްލު މުއައްސަސާތަކާއި، ޝަރުއީ ދާއިރާ އަދި ލޯކަލް ގަވަނަންސް އޮނިގަނޑުތައް ހިމެނޭހެން، ދައުލަތުގެ މުހިއްމު މުއައްސަސާތަކުގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭކަން ކަށަވަރުކުރުމާއެކު، މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، އެމީހެއްގެ ގާބިލުކަމަށް ބެލުން.
  • ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުސޫލުތައް ނެގެހެއްޓުން.
  • ރައްޔިތުންނަށް ހިންގުމުގެ ނިޒާމުގެ ތެރޭގައި މާނަވީ ގޮތެއްގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމަށާއި، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ ފުރުސަތު ދިނުމަށްޓަކައި، މަދަނީ މާހައުލާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދި އެހެނިހެން އަސާސީ މިނިވަންކަން ރައްކާތެރިކުރުން.
  • ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި ކުށްކޮށްފައި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުމަށް އަދި ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާމަކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުން.
  • ހަރުދަމނާ މޮނިޓަރިން ނިޒާމުތަކާއި، މާލީ ބަޔާން ހާމަކުރުމާއި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ނެގުމުގެ ގާނޫނީ އޮނިގަނޑުތައް ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމާއި، އަދި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރާ ފަރާތްތަކަށް (ވިސިލްބްލޯވަރުންނަށް) ރައްކާތެރިކަން ދިނުން ހިމެނޭހެން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ނިޒާމުތައް ހަރުދަނާކުރުން.
  • ގާނޫނުތައް ހެދުމާއި، ސިޔާސަތުތައް އެކުލަވާލުމާއި، އަދި ތަރައްގީގެ މަރުހަލާތަކުގައި ހުރިހާ ފަރާތްތަކެއް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ދައުލަތް ހިންގުމަކީ ރައްޔިތުންގެ ބަހަށް އިޖާބަދޭ، ބައިވެރިވުން އޮންނަ އަދި ލާމަރުކަޒީ އުސޫލުތަކާ އއެއްގޮތަށް ހިނގާ ކަމެއްކަން ކަށަވަރުކުރުން.
  • ކޮރަޕްޝަނަށް މަގުފަހިވާ ފުރުސަތުތައް މަދުކުރުމަށާއި ދައުލަތުގެ ވަސީލަތްތައް ހިމާޔަތްކުރުމަށްޓަކައި، ގައުމީ ހިންގުމުގެ އުސޫލުތައް ކޮރަޕްޝަނާ ދެކޮޅަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާ (ޔޫއެންސީއޭސީ) އަދި އޯޕަން ގަވަމަންޓް ޕާޓްނާޝިޕް (އޯޖީޕީ) ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށްކުރުން.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ދަށް ނަތީޖާއެއް ލިބިފައިވާއިރު، ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތާށިވެފައި ހުރިކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox