އޮޑިޓު ރިޕޯޓަށް މަހެއް ވާއިރު ފެނަކައިގެ ހިޔާނާތުގައި ބައިވެރިވި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައި ނުވޭ!

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވަނީ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވަނީ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވިތާ މަހެއްވާން ކައިރިވެފައިވާއިރު، އެ ކޮރަޕްޝަނުގައި ބައިވެރިވި ފެނަކައިގެ މިހާރުގެ މުވައްޒަފުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އެނގިއްޖެ އެވެ.

މިދިޔަ މަހުގެ 25، ގެ ރޭ ދަންވަރު ނެރުނު އޮޑިޓު ރިޕޯޓާއި ގުޅިގެން ފެނަކައިގެ އިސްވެރިން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރި އެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކައިގެ ނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އޮޑިޓު ރިޕޯޓާއި ގުޅިގެން ފެނަކައިން ކުރަން ޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށާއި މި ވީ "މަދު" ދުވަސްކޮޅުގެ ތެރޭގައި އެންމެ ފުރިހަމައަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.

ސުވާލުތަކަށް ހުޅުވާލުމުން، ރިޕޯޓާއި ގުޅިގެން މުވައްޒަފުންނަށް ފިޔަވަޅު ނާޅާ ކަމަށާއި އެކަމުގައި ބައިވެރިވި މީހުން އަދިވެސް ކުންފުނީގެ ތެރޭގައި ތިބި ކަމަށް މައުލޫމާތު ލިބޭ ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ ވަނީ ވިދާޅުވެފަ އެވެ.

Advertisement

އެކަން ސާފުކޮށްދޭން އެދުމުން ނަޖާހު ވަނީ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނާޅާކަން ކަށަވަރުކޮށްދީފަ އެވެ. މިހާތަނަށް ކުރެވުނު ކަމަކީ އޮޑިޓު ރިޕޯޓުން ފާހަގަވި ބައެއް މުވައްޒަފުންގެ ޑިޕާޓްމަންޓު ބަދަލުކުރުން ކަމަށް ނަޖާހު ވިދާޅުވި އެވެ.

"މިހާރު ބަލަމުން މިދާ ކަމަކީ. މި ރިޕޯޓުގަ ފާހަގަކުރެވުނު ކަންތައްތައް ހިނގާދިޔައިރު ތިއްބެވި ބޭފުޅުންނަކީ ކޮބައިތޯ ބެލުން. ހާއްސަކޮށް ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ މިހާރު ހަމަ އެންމެ ޓޮޕް ލެވެލް، ހެޑް، ޗީފް އިން ފެށިގެން ސީނިއާ ލެވެލްގެ ހުރިހާ ބޭފުޅުން ހުންނާނީ މަގާމު ބަދަލުކޮށްފަ،" ނަޖާހު ވިދާޅުވި އެވެ.

ނަމަވެސް، ޕްރޮކިއުމެންޓުގައި އޭރު ވެސް ތިބި ޖޫނިއާ ލެވެލްގެ ސްޓާފުން އަދިވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުން ބަދަލު ނުކުރާ ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ ޕްރޮކިއުމަންޓަކީ "ޓެކްނިކަލް" މަސައްކަތަކަށް ވުމެވެ.

"އަޅުގަނޑުމެން މިހާރު މިކުރާ ދިރާސާކޮށް ނިމޭއިރު އައިޑެންޓިފައި ކުރެވޭނެ މި އޮޑިޓު ރިޕޯޓުގަ ފާހަގަ ކުރެވުނު ކަންކަން ހިނގިއިރު މަގާމުތަކުގަ ތިބި މީހުންނާމެދު އަޅާނެ ފިޔަވަޅުތައް. ހެއްކާއި އެކީގަ ކަންނޭގެ އަޅުގަނޑުމެންނަށް ފިޔަވަޅު އަސްލު އެޅެން މި އަންނަނީ،" ނަޖާހު ވިދާޅުވި އެވެ.

މި ޖަވާބާއެކު ގަފޫރު ވަނީ ނުރުހުންވެ، ފެނަކައިގެ ބޮޑު ހިޔާނާތް ހިނގަން ފުރުސަތު ލިބުނީީ މުވައްޒަފުން މަގާމުގެ ޒިންމާތައް އަދާނުކުރީމަ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެހެންވީމަ މިއަދު ފެނަކަ ތެރޭގަ މިއަށް ޒިންމާވާންޖެހޭ އެއްވެސް ބޭފުޅަކު މަގާމުގަ ހުރެގެން ނުވާނެ. ސަސްޕެންޑުކުރުމަށް މި ރިޕޯޓުން އެމްޑީއަށް އެބަ ލިބޭ ބާރު. އޭނަ ކުރިން ކުރި މަސައްކަތުން އެހެން މަސައްކަތަކަށް ގެންދިއުމަކުންނެއް އެ ކުރި ކަމަކުން ބަރީއެއް ނުވެވޭ އިނގޭތޯ އެމްޑީ،" ގަފޫރު ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. މި ހިޔާނާތުގައި ބައިވެރިވެ، މިވަގުތު ފެނަކައިގަ ތިބި މުވައްޒަފުންގެ ލިސްޓެއް ކޮމިޓީއަށް ފޯރުކޮށްދިނުމުން އަޅަންވި ފިޔަވަޅުތައް އަންގާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިދިޔަ މަހު ނެރުނު މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox