މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރިސާޗް ފަންޑުގެ ދަށުން ރިސާޗް ޕްރޮޕޯސަލްތަކަށް ހުޅުވާލައި، އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ކޮލަބޮރޭޓިވް ރިސާޗް ގްރާންޓް އަދި ފޮތް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދު ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން ބުނީ ޖުމްލަ އެއް މިލިއަން ރުފިޔާގެ ފަންޑަކުން ފެށި އެ ރިސާޗް ގްރާންޓުތަކުގެ މަގްސަދަކީ ރާއްޖެއަށް ދިމާވާ އިގްތިސާދީ، މާލީ އަދި ތަރައްގީގެ މައްސަލަތައް ތަހުލީލީ ނަޒަރަކުން ދެނެގަނެ އެ މައްސަލަތަކަށް އިޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކުރުމެވެ.
މި ގްރާންޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރީއާއިން research@mma.gov.mv އަށެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އޮކްޓޯބަރު 30، ގެ ނިޔަލަށެވެ.
"މި ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ބޭނުންވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑަމިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަދި ދިރާސާކުރާ ފަރާތްތައް އެކުއެކީގައި މާލީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން،" އެ އޮތޯރިޓީން ބުންޏެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ އަމިއްލަ ފަރުދުންނަށާއި، ތައުލީމީ ދާއިރާގެ ފަރާތްތަކަށާއި، ތިންކް ޓޭންކްތައް އަދި އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަޖުރިބާކާރު ދިރާސާވެރީންނަށެވެ.

އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް އެދި ހުށަހަޅާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން ހުށަހަޅާ ޓީމްތައް ލީޑް ކުރާ ފަރާތް ވާން ވާނީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮންނަ ފަރާތަކަށެވެ. ގްރާންޓަށް ކުރިމަތިލާ ދާރިސުންގެ ޕީއެޗްޑީ އޮތުމަށް އެމްއެމްއޭއިން ބާރުއަޅަ އެވެ.
ކޮލަބްރޭޓިވް ރިސާޗްގެ ކެޓެގަރީން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލް ވާންނާނީ އެމްއެމްއޭ މުވައްޒަފުންނާ ގުޅިގެން ހުށަހަޅާ ރިސާޗް ޕްރޮޕޯޒަލްއަކަށެވެ. އެ ޕްރޮޕޯޒަލްއަކީ އެމްއެމްއޭގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ހުށަހެޅުމަކަށް ވާން ޖެހެ އެވެ.
ދިރާސާ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެކްރޯ އިކޮނޮމިކް ސްޓެބިލިޓީއާއި، ފައިސާގެ ސިޔާސަތާއި، މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި، މޫސުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި، ޑިޖިޓަލް ފައިނޭންސް އަދި އިންކްލޫޝަންއާއި، އިސްލާމިކް ފައިނޭންސާއި، ތައުލީމީ ދާއިރާއާއި ވަޒީފާގެ ބާޒާރު ހިމެނެ އެވެ.
ރިސާޗް ގްރާންޓުގެ ދަށުން ހޮވޭ ޕްރޮޕޯޒަލް އަށް ދިރާސާއާ ގުޅުންހުރި ޚަރަދުތައް ކުރުމަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. އޭގެ ތެރޭގައި މައުލޫމާތު އެއްކުރުމާއި، ފީލްޑްވަރކާއި، ރިސާޗް އެސިސްޓެންސާއި، އަދި ދިރާސާ ޝާއިއުކުރުމުގެ ހަރަދުތައް ހިމެނެ އެވެ.
ރިސާޗް ގްރާންޓުގެ ދަށުން ހޮވޭ ފަރާތްތަކަށް ގްރާންޓްގެ ގޮތުގައި ފޯރުކޮށްދެވޭ މާލީ އެހީތެރިކަމުގެ އިތުރުން ތަފާތު އެކިއެކި ގޮތްގޮތުން ފަންނީ އެހީތެރިކަން އެމްއެމްއޭގެ ފަރާތުން ލިބިގެންދާނެ އެވެ.
ރިސާޗް ގްރާންޓުގެ މާލީ އެހީގެ ގޮތުގައި، މަޢުލޫމާތު އެއްކުރުމާއި، ފީލްޑްވަރކާއި، ރިސާޗް އެސިސްޓެންސާއި، އަދި ދިރާސާ ޕަބްލިޝްކުރުމުގެ ހަރަދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.
ރިސާޗް ގްރާންޓަށް ހޮވޭ ފަރާތްތަކަށް ފަންނީގޮތުން ލިބޭނެ އެހީތެރިކަމާ ކުރިއރުން ތަކުގެތެރޭގައި، ގްރާންޓްގެ ދަށުން ކުރާ ދިރާސާ މަސައްކަތްތަކުގެ ޕިއާ ރިވިއު ކުރެވުން، އެމްއެމްއޭގެ މުވައްޒަފުންނާއެކު އެކުގައި ދިރާސާ ޕަބްލިޝްކުރުމާއި، އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުސަތުތައް ހިމެނެ އެވެ.
ޕްރޮޕޯސަލްތައް ރިވިއުކުރާނީ އެމްއެމްއޭގެ އެކަޑަމިކް އެންޑް ޓެކްނިކަލް ރިވިއު ކޮމިޓީންނެވެ. އެ ކޮމިޓީއިން ބަލާނީ ތީމްތަކާއި ރާއްޖޭގެ އިގްތިސާދާ ގުޅުންހުރި މިންވަރާއި ބިނާކުރަނިވި ހިޔާލެއްކަމުގައިވުމާއި، ދިރާސާކުރުމަށް ބޭނުންންކުރާ އުސޫލުގެ ހަރުދަނާކަމާއި، ދިރާސާކުރާ ފަރާތުގެ ނުވަތަ ޓީމްގެ ޤާބިލުކަން އަދި އެ ދިރާސާއަކުން ސިޔާސަތުތަކަށް އަސަރުކުރާނެ މިންވަރަށެވެ.
އެޕްލިކޭޝަންތައް ހުށަހަޅާފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް ކަނޑައަޅާ ނޮވެމްބަރު 9، ގެ ކުރިން އެންގުމަށް ވަނީ ހަމަޖެހިފަ އެވެ.













