މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް 10 މީހުން ކުރިމަތިލައިފި އެވެ.
މަޖިލީހުން ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެ މެންދުރަށެވެ. އެ ފުރުސަތުގައި ކުރިމަތިލި 10 މީހުންގެ ނަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފަ އެވެ.
ކޮންޓްރޯލް ކޮމިޝަނަށް ކުރިމަތިލި މީހުން
- ގދ. މަޑަވެލި، ސީނަރީ، ފާތިމަތު ފަހުމީ
- ހ. ޓޫ ހާޓަސް، މުހައްމަދު ފަރުސަތު
- ދ. މީދޫ، ބިއްލޫރިގެ، ސަފާ ޝަފީގު
- ގ. ގޮފި، އައިމިނަތު ސަރަހާތު އިއްޒަތު
- ގ. ވިންޑް، އިބްރާހިމް މުހައްމަދު
- މ. ހާވިލާ، މޫސާ ރިލްވާން
- ހ. ސޯސަން، މުހައްމަދު ތޯހާ
- ދަފްތަރު ނަންބަރު، ރ.ސ.8580، ސެހެނާޒު އަދުނާން
- އއ. ތޮއްޑޫ، ފިނިވާގެ، މުހައްމަދު ސާމިން
- ފ. ނިލަންދޫ، ބީޗް ސައިޑް، ޝަފީގާ ނައީމް
އޭގެތެރެއިން އިބްރާހިމް އަކީ އުވާލި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އެވެ. އަދި، ރިލްވާން، ސަރާހަތު އަދި ސަފާ އަކީ އުވާލި ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނެވެ.
މި ނަންތައް މިހާރު ވަނީ މިނިވަން މުއަައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. އެ ކޮމިޓީން މި މީހުންނާއި އިންޓަވިއުކޮށް މާކްސް ދޭނެ އެވެ. ކޮމިޝަނަށް އައްޔަންކުރާ މީހުން ތަޅުމުން ނިންމާނީ ކޮމިޓީ މަރުހަލާއަށްފަހު އެވެ.
މީޑިއާތަކުގެ ވޯޓުން ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި ފުރުސަތުގައި ބޭނުންވާ ވަރަށް ވުރެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމާއެކު ވޯޓަކާއި ނުލާ ހަތަރު މެންބަރަކު މިހާރު ވަނީ އިންތިހާބުވެފަ އެވެ.

އައު ގާނޫނުގެ ތެރެއިން އެކުލަވާލި ކޮމިޝަނުގައި ހިމެނެނީ ހަތް މެންބަރުންނެވެ. ވޯޓަކަށް ނުގޮސް ހޮވުނީ މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. އަނެއް ތިން މެންބަރުން އައްޔަންކުރާނީ މަޖިލީހުންނެވެ.
ވޯޓަކަށް ނުގޮސް އިންތިހާބުވި މެންބަރުން
އޮންލައިން ކެޓަގަރީ
- ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމް
- ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފް
ބްރޯޑްކާސްޓިން ކެޓަގަރީ
- ށ. ފޭދޫ، މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމް
- ގދ. ތިނަދޫ، މަލަ، ޒަމްއަތު އަހުމަދު ވަހީދު
މި މެންބަރުންގެ ތެރެއިން ސަގީފް އަކީ އައު ގާނޫނާއެކު އުވާލީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އެވެ. ޒަމްއަތު އޭރު ހުންނެވީ އުވާލި ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގަ އެވެ.
ސަގީފް، ޒަމްއަތު، އަދި ސިމާހާ އަކީ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ތިން މީހުންނެވެ.
މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަން ގިނަ މީޑިއާތަކުން ބަލައެއް ނުގަނެ އެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ވެސް މީޑިއާތަކުގެ ޝައުގުވެރިކަން ނެތެވެ.












