ބިޔަ ޖައްވީ ދުރުމިތަކުގައި ލޯ ޖަހައިގެން ކައުނުގެ ތެރެއަށް ފީނަމުން އަންނަ ސައެންސްވެރިންނަށް، ކޮންމެ ދުވަހަކު ވެސް، ކައުނީ އެތައް އަޖާއިބެއް ފެނެއެވެ. އެ ގޮތުން މިފަހުން ސައެންސްވެރިންނާއި ފަލަކީ އިލްމުވެރިންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުއްޓިގެން ދިޔައީ، މި ބިމާ 600 މިލިއަން އަލި-އަހަރު ދުރުގައި ބުރުޖަހަމުން އަންނަ ބިޔަ ޕްލެނެޓަކަށެވެ.
އެސްޓްރޯފިޒިކަލް ޖާނަލް ލެޓާސްގައި މި މަހުގެ 10 ވަނަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އަލަށް ހޯދުނު މި ޕްލެނެޓަކީ އެއްވެސް ތަރިއެއްގެ ވަށައިގެން ދައުރުކުރާ ޕްލެނެޓެއް ނޫނެވެ. އެހެން ނަމަވެސް، އެ ޕްލެނެޓް އާދަޔާ ހިލާފު ހަލުވިމިނެއްގައި ހެދި ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ދިރާސާކުރި ޓީމުން ބުނި ގޮތުގައި މި ޕަލެނެޓް އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ، މީގެ ވިއްސަކަށް އަހަރު ކުރިން، ދުނިޔޭގެ ދެކުނު ތަނޑީގައިވާ ކެމީލިއަން ބުރުޖުގެ ތެރެއިންނެވެ. މި ޕްލެނެޓް ބޮޑުވަމުން އަންނަނީ، ސިކުންތަކު ހަ ބިލިއަން މެޓްރިކް ޓަނުގެ ނިސްބަތުން އެ ޕްލެނެޓަށް ދަމަމުން ދާ، ޖައްވީ ހިރަފުހާއި ތަފާތު ގޭސްތައް އެ ޕްލެނެޓްގެ ބާރު ފަށަލައިގައި ހަރުލަމުންދާތީއެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ހެދި ބޮޑުވަމުން އަންނަކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ޕްލެނެޓްތަކުގެ ތެރެއިން ވެސް، މި ޕްލެނެޓް (Cha 1170-7626) ހެދިބޮޑުވާ އަވަސްމިނުގައި ހެދި ބޮޑުވާ އެހެން ޕްލެނެޓެއް ނެތެވެ. އެހެންކަމުން، މި ޕްލެނެޓް ހެދި ބޮޑުވަމުން އަންނަ ގޮތް ދިރާސާކުރުމުން، އޭގެ ނާރެހުގައި ތަރިއެއް ނެތި، އަމިއްލަ ހާލައިގެން ދައުރުކުރާ ޕްލެނެޓްތައް އުފެދެނީ ކިހިނެއްކަން ދެނެގަތުން ފަސޭހަވެގެންދާނެ ކަމަށް ސައެންސްވެރިން ދެކެއެވެ.
މި ދިރާސާގައި ބައިވެރިވި، އިޓަލީ ވިލާތުގެ ޕަލޭރްމޯ އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީގެ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ވިކްޓާ އަލްމެންޑްރޯސް-އަބަޑް ވިދާޅުވި ގޮތުގައި ޕްލެނެޓް (Cha 1170-7626) އަކީ ޖުޕިޓާއަށް ވުރެ 5-10 ގުނަ ބިޔަ ޕްލެނެޓެއް ކަމަށް އަންދާޒާ ކުރެވެއެވެ. އަދި މި ޕްލެނެޓްގެ ވަށައިގެން ޑިސްކެއްގެ ސިފައިގައި ޖައްވުގެ ތެރޭގައި އުފެދިފައިވާ ގޭހާއި ޖައްވީ ހިރަފުހުގެ ބިޔަ ފަށަލައިން، މި ޕްލެނެޓަށް ދަމާ ގޭހާއި ޖައްވީ ހިރަފުހުގެ ސަބަބުން، ދުވަހުން ދުވަހަށް މި ޕްލެނެޓް ދަނީ ސައިޒުން ބޮޑުވަމުން ބަރުދަން އިތުރުވަމުންނެވެ.

ޕްރޮފެސާ ވިކްޓާ އަލްމެންޑްރޯސް-އަބަޑް ވިދާޅުވި ގޮތުގައި އޭނާ އާއި އޭނާގެ ޓީމުގެ މަސައްކަތް މިހާރު އަމާޒުކޮށްފައި ހުރީ، މި ބިޔަ ޕްލެނެޓް އުފެދި އެއަށް ފަހު ތަފާތު މަރުހަލާތަކުގައި ބަދަލުވަމުން އައި ގޮތް އިތުރަށް ތަހުގީގު ކުރުމަށެވެ. އޭނާގެ ޓީމުން ދެކޭ ގޮތުގައި މި ޕްލެނެޓްގެ ނާރެހުގައި މިހާރު އެއްވެސް ތަރިއެއް ނެތަސް، މި ޕްލެނެޓް ވެސް އުފެދުނީ ކޮންމެވެސް ތަރިއެއްގެ ވަށައިގެންވާ ފަލަކެއްގައި ބުރުޖަހާ ޕްލެނެޓެއްގެ ގޮތުގައެވެ. އެއަށް ފަހުގައި، އެ ތަރީގެ ނާރެހުން ވަކިވެގެން މާ ދުރަށް ގޮސް ޖައްވުގެ ތެރޭގައި ބުރުޖަހަނީއެވެ.
ނުވަތަ ތަރިތައް އުފެދޭ ބީދައިން، ޖައްވުގެ ތެރޭގައި ވިއްސިވިހާލިވެފައިވާ ގޭސް ވިލާތަކެއް ޖަމާވެ އެއްތަންވުމުގެ ސަބަބުން، މި ޕްލެނެޓް އުފެދުނީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެ ދެ ގޮތުން ކުރެ ގޮތެއް ކަށަވަރު ކުރެވޭނީ އިތުރަށް ދިރާސާތަކެއް ކޮށްގެން ކަމަށްވާތީ، އެ ނަތީޖާއާ ހަމައަށް ވާސިލުވުމަށް އަހަރުތަކެއް ނަގާނެއެވެ.
މި ޓީމުގައި ހިމެނޭ ސައެންސްވެރިންނާއި ފަލަކީ އިލްމުވެރިން ވަނީ، މިއަހަރުގެ ކުރީކޮޅު ޕްލެނެޓް (Cha 1170-7626) އިން ނުކުތް އަލްޓްރާވައިލެޓް ދޯދިތަކާއި އިންފްރާރެޑްގެ ދޯދިތައް، ޖައްވީ ދުރުމީގެ އެހީގައި ބަލައިފައެވެ. އެޕްރީލް މަހާއި މެއި މަހު ހޯދި ހޯދުންތައް އަޅައި ކިޔުމުން އެނގުނީ، މި ޕްލެނެޓް ކޮންމެވެސް ވަރަކަށް ބޮޑުވަމުން އަންނަ ކަމެވެ.
ނަމަވެސް، ޖޫން މަހުގެ ފަހުކޮޅު ފެނުނު ދޯދިތައް ތަހުލީލު ކުރުމުން ކަށަވަރުވީ، މި ޕްލެނެޓްގެ ބޭރު ފަށަލައިގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެވެ. އެ ގޮތުން ޕްލެނެޓްގެ ދަމާބާރު ފޯރާ ހިސާބުގައި ހުރި އެއްޗެހިތައް ވަރަށް ހަލުވި ގޮތެއްގައި ޕްލެނެޓަށް ދަމައިގަންނަމުންދާ ކަން ފާހަގަކުރެވުނެވެ. މިއިން އެނގުނީ، އޭގެ ކުރިން ލަފާކުރި ވަރަށް ވުރެ ހަލުވިމިނެއްގައި މި ޕްލެނެޓް ބިޔަވަމުން އަންނަ ކަމެވެ.
މިދިޔަ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައި، ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕާއި ޗިލީގައި ހުންނަ ވެރީ ލާޖް ޓެލެސްކޯޕް (ވީއެލްޓީ) އިން ހޯދި އިތުރު މައުލޫމަތުން އެނގުނީ، މި ޕްލެނެޓްގެ ވަށައިގެންވާ ޖައްވީ ތަފާތު މާއްދާތައް ޕްލެނެޓްގެ ކައިރިއަށް ޖަމާވަމުން ދަނީ، އޭގެ ކުރިން އަންދާޒާކުރި ވަރަށް ވުރެ އަށް ގުނަ ހަލުވި މިނެއްގައި ކަމެވެ. އަދި ޕްލެނެޓްގެ ސަތަހައިގަޔާއި ވަށައިގެންވާ ސަރަހައްދުގައި ހުރި ގޭސްތަކާއި ހިރަފުސްތައް ވެސް ވަރަށް ބޮޑަށް ހޫނުވެ އެއެއްޗެހި ދިއްލިފައި ހުންނަ މިންވަރު އިތުރުކަން ވެސް ފާހަގަ ކުރެވުނެވެ.
މީގެ އިތުރުން، މި ޕްލެނެޓްގެ ވަށައިގެން ޑިސްކެއްގެ ބައްޓަމަށް ޖަމާވެފައިވާ ގޭސްތަކާއި ދުންތަކުގެ ތެރެއިން ފެނުގެ އާވީގެ އަސަރު ވެސް ސައެންސްވެރިންނަށް ފާހަގަ ކުރެވުނެވެ. މިއީ އޭގެ ކުރީގެ ހޯދުންތަކުން ފާހަގަ ނުކުރެވި އޮތް ކަމެކެވެ.








