މަތިކިޅި ސޮސައިޓީން އައްޑޫ ސިޓީ، މީދޫގައި ހިންގާ މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ތިން ބައިކުޅަ އެއްބައި އަނދައި، ވޯކްވޭ ވެސް ބޭނުން ނުކުރެވޭ ހަލާކުވެއްޖެ އެވެ.
މަތިކިޅި ސޮސައިޓީގެ ރައީސް އަބްދުﷲ ޒުހުރީ އަދަދު އަށް ވިދާޅުވީ ހޮނިހިރު އަދި އާދީއްތަ ދުވަހު މަތިކިޅީގައި ހިނގި އަލިފާނުގެ ހާދިސާގައި އިކޯ ގާޑެން އޮންނަ ޕޮއިންޓްގެ އެއްގަމު ފަޅި އެއްކޮޅުން އަނެއްކޮޅަށް އަނދާފައިވާ ކަމަށެވެ.
"މަތިކިޅީގެ ވެޓްލޭންޑް އޭރިއާގެ ހުޅަނގު ފަޅީގެ އިކޯ ގާޑެން ވެސް މި އޮންނަ ޕޮއިންޓްގެ އެއްގަމު ފަޅި ހަމަ އެއްކޮޅުން އަނެއްކޮޅަށް އަނދާފައި. އެންމެ ބޮޑު ގެއްލުމެއްވީ ވޯކްވޭ ޑެމޭޖްވީމަ. ތިންބައިކުޅަ އެއްބައިވަރު ވަނީ ހަލާކުވެފައި،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ޒުހުރީ ވިދާޅުވީ މި އަހަރު ތެރޭގައި ފަސް ފަހަރެއްގެ މަތިން މަތިކިޅީގައި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު، ތުހުމަތު ކުރެވެނީ ބަޔަކު ގަސްތުގައި ރޯކޮށްލަނީ ކަމަށެވެ.

އެ މައްސަލަތައް ފުލުހުންނަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެކަން ކުރާ ބަޔަކު ނުހޯދޭ ކަމަށާއި އެކަކަށް ތުހުމަތު ކުރެވިގެން ސުވާލު ކުރިޔަސް ހެއްކެއް ނެތިގެން އެކަން ކުރިއަށް ނުދިޔަ ކަމަށެވެ.

"އެންމެ ފަހުން ބެލިއިރު ވެސް ފުލުހުންނަށް ޝައްކުވާ އެއްވެސް މީހަކު ނުފެންނަ ކަމަށް ބުނީ. މާޗު މީހަކަށް ތުހުމަތު ކުރެވިގެން ސުވާލު ކުރުމުން އޭނަ ބުނި ކަމަށްވޭ އޭނަ ނުކުރާ ކަމަށް. ހެއްކެއް ނެތިގެން ކުރިއަކަށް ނުދޭ،" އޭނާ ވިދާޅުވި އެވެ.

މަތިކިޅި އެންމެ ފަހުން މަރާމާތު ކުރުމަށްފަހު ހުޅުވިތާ އަހަރެއް ނުވާކަން ފާހަގަކުރައްވާ އަބްދުﷲ ޒުހުރީ ވޯކްވޭ އަލުން ހަދަން 160،000ރ. ބޭނުންވާނެ ކަމަށެވެ. އެހެންކަމުން މިވަގުތު އެތަން ވަނީ ވަގުތީ ގޮތުން ބޭނުން ކުރުން ހުއްޓިފަ އެވެ.
އޭނާ ވިދާޅުވީ އެނދި ސަރަހައްދު ކުރިން އޮތް ހާލަތަށް އަންނަން ތިން މަހާއި ހަތަރު މަހާއި ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.
މަތިކިޅި ސޮސައިޓީން 2018 ގައި ހުޅުވި 50 ހެކްޓަރުގެ މަތިކިޅި ބަލާލުމަށް ސްކޫލް ބަންދުގައި އެވްރެޖުކޮށް ދުވާލަކު 150 އެއްހާ މީހުން ޒިޔާރަތްކުރެ އެވެ. އޭގެއިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެތަނަށް ޒިޔާރަތް ކުރެ އެވެ.












