އާސެނަލް އެއް ވަނަ އަށް، ޗެލްސީން ލިވަޕޫލް ބަލިކޮށްފި

Oct 4, 2025, 8:10 PM
އާސެނަލް އެއް ވަނަ އަށް، ޗެލްސީން ލިވަޕޫލް ބަލިކޮށްފި

ލަންޑަން (އޮކްޓޫބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް އަތުން 2-1 އިން ޗެލްސީ މޮޅުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އިންޓަނޭޝަނަލް ބްރޭކަށްދާއިރު، އާސެނަލް އެއް ވަަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް މި ވަނީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެެވެ.

އާސެނަލުން ތިން އަހަރު ތެރޭ ލީގުގައި ފުރަތަމަ ފަހަރަށް ވެސްޓް ހޭމް އަތުން އަމިއްލަ ދަނޑުގައި މޮޅުވިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ ކުރިން ވެސްޓް ހޭމަށް ކުޅުނު ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. މިއީ، އާސެނަލްގެ އެބެރެޗީ އެޒޭ ޖެހި ބޯޅައެއް ވެސްޓް ހޭމްގެ ކީޕަރު، އަލްފަންސޯ އަރެއޯލާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން ރައިސް ޖެހި ގޯލެކެވެ.

Advertisement

މިކޭލް އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން ލީގުގައި 300 ވަނަ މެޗުގައި ކުޅުނުއިރު، މި މެޗުން އާސެނަލް މޮޅުކޮށްދިން ގޯލު ޕެނަލްޓީ އަކުން ޖެހީ ބުކާޔޯ ސަކާ އެވެ. މި މެޗުގައި އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް އަށް އަނިޔާވެ ވަނީ ބަދަލުުކުރަން ޖެހިފަ އެވެ. ލީގުގައި މި ފަހަރު އޮޑެގާޑް ފުރަތަމަ އެގާރައިގައި ކުޅުނު ތިން މެޗުގައި ވެސް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ.

ޗެލްސީގެ އެސްޓެވާއޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަ ކުރިމަތިވެފައިވާ، ޗެލްސީން ލިވަޕޫލާ ދެކޮޅަށް ނުކުމެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެ ޓީމަށް ލީޑުނަގައިދިން ގޯލު ޖެހީ، އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، މޮއިސަސް ކައެސޭޑޯ އެވެ. އެ ބޯޅަ ގޯލަށް ވަނީ، ލިވަޕޫލްގެ ގޯލު ބަލަހައްޓަން ހުރި ޖޯޖިއާގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ އަތުގައި ޖެހިފަ އެެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލަށް ކޯޑީ ގަކްޕޯ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެކަމަކު، އިތުރު ވަގުތަށް ދެއްކި ހަތް މިނިޓްގެ ތެރެއިން ހަ ވަނަ މިނިޓްގައި، ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ، 19 އަހަރުގެ ބްރެޒިލް ތަރި އެސްޓެވާއޯ އެވެ. ލީގުގައި ލިވަޕޫލް ޖެހިޖެހިގެން ދެ މެޗުގައި ބަލިވެފައި މި ވަނީ ފަހު ވަގުތު ކޮޅަށް ގޯލު ވަދެގެންނެވެ. ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ފަހު ވަގުތު ލަނޑު ޖަހައިގެން މޮޅުވި، ލިވަޕޫލް އަތުން މިދިޔަ ހަފްތާގައި ކްރިސްޓަލް ޕެލަސް މޮޅުވި ލަނޑު ވެސް ޖެހީ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ.

ޔުނައިޓެޑްގެ ކޯޗަކަށް ހުރި 50 ވަނަ މެޗުގައި އަމޮރިމް އަށް ކާމިޔާބު

ނަތީޖާ ނުނެރެވޭތީ ޕްރެޝަރުގައި ހުރި، ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 50 ވަނަ މެޗުން އެ ޓީމުން ވަނީ 2-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ.

ޔުނައިޓެޑަށް މި މެޗުގައި ލީޑުނަގައިދިނީ، މޭސަން މައުންޓް އޭރިއާތެރެއިން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ، ހާފުގައި ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ، ބެންޖަމިން ސެސްކޯ އެވެ. މިއީ، ދިގުއެއްލުމަކުން އޭރިއާތެރެއިން ލިބުނު ބޯޅައަކުން ސެސްކޯ ޖެހި ގޯލެކެވެ.

ސަންޑަލެންޑާ ކުޅުނު މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކޯޗު އަމޮރިމް.

މި މެޗުގައި، ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ބެލްޖިއަމްގެ ގޯލްކީޕަރު، ސެން ލަމެންސް ވަނީ، ސަންޑަލެންޑުން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

ޔުނައިޓެޑްގެ ފުލްޓައިމް ކޯޗުންނަށް ބަލާއިރު، އެ ޓީމާ ހަވާލުވެ ހުއްޓައި، 50 ވަނަ މެޗުން އެންމެ ފަހުން މޮޅުވީ، 1987 ވަނަ އަހަރު އަލެކްސް ފާގަަސަން އެވެ. އެ ފަހުން ޔުނައިޓެޑާ ހަވާލުވި ކޯޗުންގެ 50 ވަނަ މެޗުގެ ނަތީޖާތަކަށް ބަލާއިރު، ޑޭވިޑް މޮއިސް، ލުއި ވެން ހާލްގެ 50 ވަނަ މެޗުން ބަލިވިއިރު، ހޯސޭ މޮރީނިއޯ، އޮލެ ގުނަ ސޯލްޝެއާ އަދި އެރިކް ޓެން ހާގްގެ 50 ވަނަ މެޗު ވަނީ އެއްވަރުވެފަ އެވެ.

އަމޮރިމް އަކީ 38 އަހަރު ތެރޭ ޔުނައިޓެޑްގެ ކޯޗަކަށް ހުރެ 50 ވަނަ މެޗުން މޮޅުވި ފުރަތަމަ މެޗު ކަމުގައި ވިޔަސް، އޭނާއާ އެކު ޔުނައިޓެޑްގެ ރެކޯޑް ދަށެވެ. އެ އަދަދަށް މެޗުގައި ޔުނައިޓެޑަށް ކޯޗުކޮށްދިންއިރު، މެޗުތަކުން މޮޅުވުމުގެ ޕަސަންޓް އެންމެ ދަށީ އަމޮރިމްގެ އިރުޝާދުގެ ދަށުންނެވެ. އަމޮރިމްގެ 50 މެޗަށް ބަލާއިރު، 21 މެޗުން ބަލިވިއިރު، މޮޅުވީ 20 މެޗުންނެވެ. އަދި، ނުވަ މެޗުން އެއްވަރުވި އެވެ.

ސަންޑަލެންޑް އަތުން ލިބުނު މޮޅާ އެކު، ޔުނައިޓެޑުން ވަނީ ހަތް މެޗުން 10 ޕޮއިންޓް ހޯދައި، ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ، 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ހަތް މެޗުން ލިބުނު 14 ޕޮއިންޓާ އެކު، ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox