މަޖިލިސް އިންތިހާބާ ދިމާކޮށް ޕީއެންސީގެ ކެމްޕޭނަށް ފެނަކަ ތެރެއިން ފައިސާ ނެރުނު!

ފެނަކަ އާއި ކެންގޯއާ ހިންގި މުއާމަލާތުގައި ޝާމިލުވާ ބައެއް މީހުންނާއި މުއިއްޒު: ކެންގޯއަށް ސީދާ ފައިސާ ފޮނުވައިގެންނާއި ނުސީދާކޮށް ފޮނުވައިގެން ވެސް ފައިސާ ބޭރުކުރި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ފެނަކަ އާއި ކެންގޯއާ ހިންގި މުއާމަލާތުގައި ޝާމިލުވާ ބައެއް މީހުންނާއި މުއިއްޒު: ކެންގޯއަށް ސީދާ ފައިސާ ފޮނުވައިގެންނާއި ނުސީދާކޮށް ފޮނުވައިގެން ވެސް ފައިސާ ބޭރުކުރި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ފައިސާ ނެރެފައިވާކަން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި ލީކުކޮށްލާފައިވާ މި ރިޕޯޓުގައި ވަނީ ފެނަކަ އާއި ކެންގޯ ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކާ ދެމެދު ކޮށްފައިވާ މާލީ މުއާމަލާތްތަކެވެ. އަދަދު އިން ވަނީ މި ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ކަށަވަރުކޮށްފަ އެވެ.

މި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު (އެސްޓީއާރު) ގައި ވަނީ ޖެނުއަރީ 1، 2023 އިން ފެށިގެން ސެޕްޓެމްބަރު 30، 2024 ގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކެވެ. މި މުއްދަތުގެ ތެރޭގައި ފެނަކައިން 47 ޓްރާންސެކްޝަނެއްގެ ދަށުން ކެންގޯއަށް 37 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ފެނަކައިން ހެދި ޓްރާންސެކްޝަނުގެ ތެރެއިން ތެރެއިން 17 ޓްރާންސެކްޝަނެއް އެފްއައިޔޫގެ ސަމާލުކަމަށް އައިސްފައި ވެ އެވެ. މިއީ 2022 އަދި 2023 ވަނަ އަހަރު ފެނަކަ އާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އެ ކުންފުންޏަށް ދޫކުރި ފައިސާތަކެކެވެ.

އޭގެ ތެރެއިން މަޖިލިސް އިންތިހާބަށް ތިން ދުވަސް ވެފައި ވަނިކޮށް އެޕްރީލް 17، 2024 ވަނަ ދުވަހު ކެންގޯއަށް 2،466،955ރ. ފެނަކައިން ފޮނުވާފައިވެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ފައިސާ ފޮނުވާފައިވަނީ އެ ރޭ ދަންވަރު 02:00 ހާއިރު އެވެ. ކެންގޯގެ އެކައުންޓަށް އެ ފައިސާ ލިބުމާއެކު ވަގުތުން އެ ފައިސާ އެހެން އެކައުންޓުތަކަށް ފޮނުވާފައިވާކަން އެސްޓީއާރުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ޑީ އެންޑް ވީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެޕްރީލް 16، 2024 ގައި ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް 9،804،240ރ. ފޮނުވައި، އެ ފައިސާގެ ތެރެއިން ބައެއް ކެންގޯއަށް ފޮނުވާފައިވެ އެވެ.

ޑީ އެންޑް ވީ އިންވެސްޓްމަންޓަކީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި އޭނާގެ އަންހެނުން އިހުސާނާ ޝަރީފްގެ ނަމުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. ކެންގޯއަށް 150،000ރ. ގެ މަގުން ފަސް ޓްރާންސެކްޝަނެއް ހަދައި ޖުމުލަ 750،000ރ. ދީދީގެ ކުންފުނިން ފޮނުވާފައިވެ އެވެ. މި ފައިސާ ފޮނުވާފައިވަނީ އެޕްރީލް 16 އަދި 17 ވަނަ ދުވަހު އެވެ.

އެ ފައިސާ ކެންގޯއަށް ލިބުމާއެކު އެކި އަދަދުތަކުން ތަފާތު އެކައުންޓުތަކަށް ވަނީ ފޮނުވާފަ އެވެ. އޭގެ ތެރޭގައި މިހާރުގެ މަޖިލިސް މެންބަރުންގެ ގާތްތިމާގެ އާއިލީ މީހުން ވެސް ހިމެނެ އެވެ. ދީދީގެ ކުންފުންޏަކީ ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ އުސޫލުތަކާ ހިލާފު އެއްބަސްވުންތަކެއް ހަދާފައި އޮތް ކުންފުންޏެކެވެ.

ކެންގޯ ޕްރައިވެޓް ލިމިޓެޑް

ކެންގޯ ޕްރައިވެޓް ލިމިޓެޑަކީ އައިމިނިތު ސަނިއްޔާ ޝަރީފްގެ 50 ޕަސެންޓް ހިއްސާ އާއި ސަލާހު ޝަރީފްގެ 25 ޕަސެންޓު ހިއްސާ އަދި އަހްމަދު ހާޝިމްގެ 25 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ސަލާހު އަކީ މިފްކޯގެ ބޯޑު މެންބަރެއް ކަމަށްވާއިރު މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ ފެބްރުއަރީ މަހު އެ ކުންފުނިން ވަކިކުރުމަށްފަހު ޖެހިގެން އައި މަހު އަލުން މަގާމު ދިން ތިން ޖެނެރަލް މެނޭޖަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި އެއްވެސް ވިޔަފާރީގެ ހަރަކާތެއް ހިންގާ ކަމަށް ކެންގޯއިން ރެޖިސްޓްރީ ކޮށްފައި ނުވެ އެވެ. ވިޔަފާރީގެ ދާއިރާއެއްގެ ގޮތުގައި އޮތީ ޖެނެރޭޓަރު ރީޓެއިލް ކުރުމާއި ހޯލްސޭލް ކުރުމެވެ. އެ ކުންފުނީގައި ތިބީ ތިން މުވައްޒަފުން ކަމަށް މައުލޫމާތުތަކުން އެނގޭއިރު އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި 16 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބޭންކަށް ޑިކްލެއާ ކޮށްފައިވެ އެވެ.

ކެންގޯ ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ސެމްޕްރާ އިލެކްޓްރިކް ޕްރައިވެޓް ލިމިޓެޑްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުންޏަށް ކެންގޯއިން 618،722 އެމެރިކާ ޑޮލަރު ފޮނުވާފައިވެ އެވެ. ނަމަވެސް، އިމްޕޯޓް ރެކޯޑުތަކުން ދައްކާ ގޮތުގައި ކެންގޯ އާއި ސެމްޕްރާ ދެ ކުންފުނިން ރާއްޖެއަށް އެ މުއްދަތުގައި އެތެރެކުރި މުދަލުގެ އަގު 300،000ރ. އަށް ވެސް ނާރަ އެވެ.

އެފްއައިޔޫގެ އެސްޓީއާރުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ގެންނަ މުދަލާއި އާމްދަނީއާ ނުބައްދަލުކަމުން އެ ކުންފުނީގެ މާލީ މުއަމަލާތްތަކާ މެދު ސުވާލު އުފެދެ އެވެ. އެ ފައިސާ ދައުރުކޮށްފައިވާ ގޮތް ފަށަލަ ކުރުމަށް މަސައްކަތް ކޮށްފައިވާކަން ވެސް އެސްޓީއާރުން އެނގެ އެވެ.

ފެނަކައިން ކެންގޯއަށް ފޮނުވި ފައިސާގެ ތެރެއިން ބައެއް މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ބޭނުންކުރި ކަމަށް އެފްއައިޔޫއިން ތުހުމަތު ކުރެ އެވެ. ކެންގޯއަށް ދޫކުރި އެއްވެސް ފައިސާއަކުން އިގުތިސޯދީ ހަރަކާތެއް ހިންގާފައި ނުވާ ކަމަށާއި ފައިސާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރާ ގާތް ގުޅުން އޮތް މީހުން ހިމެނޭ ކަމަށް އެފްއައިޔޫގެ ރިޕޯޓުން އެނގެ އެވެ.

މިފަހުން އާންމުކުރި ފެނަކައިގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި ބިޑު ކުރުމުގެ އާންމު އުސޫލުތަކާ ހިލާފަށް ކެންގޯއާއެކު 2021 އިން 2023 އިން 19,456,100ރ. ގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. މި ފައިސާ ފެނަކައިން އެ ކުންފުންޏަށް ދޫކޮށްފައިވާނީ އޮޑިޓު ރިޕޯޓު ތައްޔާރު ކުރަމުންދިޔަ ދަނޑިވަޅުގަ އެވެ.

ކެންގޯގެ އެއް ހިއްސާދާރު ކަމަށްވާ ސަލާހު އަކީ މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ހަރަދު ކުރި އާންމުންގެ ތެރެއިން އެކަކެވެ. އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މުއިއްޒުގެ ކެމްޕޭނުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ސަލާހު ވަނީ ޕީއެންސީގެ ރިޔާސީ ކެމްޕޭނަށް 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިކަމާއި ގުޅިގެން އަދަދު އިން ސަލާހު އާއި ސުވާލު ކުރުމުން އޭނާ ވަނީ އޮޑިޓު ރިޕޯޓުގައި ހުރި މައުލޫމާތުތައް ދޮގުކުރައްވައިފަ އެވެ. އޭނާގެ ކުންފުނިން އާންމު ބީލަމުގެ އުސޫލުން ބޭރުން ފެނަކައާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް ސަލާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox