ޔުނައިޓެޑާއި ލިވަޕޫލް އަދި ޗެލްސީ ބަލި، ސިޓީ އަށް މޮޅެއް

Sep 27, 2025, 5:01 PM
ޕެލަސްގެ އެންކެޓިއޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕެލަސްގެ އެންކެޓިއޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޗެލްސީން ކުޅުނު މެޗުތަކުން ބަލިވިއިރު، މެންޗެސްޓާ ސިޓީން 5-1 އިން ބާންލީ އަތުން މޮޅުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ސަައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް އައީ ރަށުންބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުންނެވެ. ޗެލްސީން އެއް ކުޅުންތެރިއަކު މަދުކޮށް އަނެއްކާ ވެސް މެޗު ނިންމާލަން ޖެހުނުއިރު، އަމިއްލަ ދަނޑުގައި ބަލިވީ 3-1 އިން ބްރައިޓަން އަތުންނެވެ. ބްރެންޓްފޯޑުން މި ފަހަރު ވެސް އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިކުރިއިރު، މި ފަހަރު މޮޅުވީ 3-1 އިންނެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލް ބަލިކުރި ޕެލަސް އިން ލީގުގައި މިރޭ އެ ޓީމާ ކުޅުނު މެޗު ވެސް ފެށީ ވަރުގަދަ ކޮށެވެ. ޕެލަސް އިން މި މެޗުގެ ފުރަތަމަ ހާފުގައި ފަސް ވަރަކަށް ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކުރި އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި އިސްމާއިލާ ސާ، ޕެލަސް އަށް ލީޑުނަގައިދިންއިރު، އެ ޓީމަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، ޖިއާން ފިލީޕޭ މަޓޭޓާ، ޑެނިއަލް މުނޯޒް އަދި ޔެރެމީ ޕިނޯ ޖެހި ބޯޅަތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ހުއްޓުވި އެވެ. އަދި، މަޓެޓާ ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

ލިވަޕޫލުން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރިއިރު، ފްލޯރިއަން ވާޓްޒް އާއި އަލެކްސަންޑަ އިސާކަށް ލިބުނު ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ. އެކަަމަކު، ބަދަލަކަށް ކުޅެން އަރައި، 87 ވަނަ މިނިޓްގައި، ފެޑެރީކޯ ކިއޭސާ ވަނީ ގޯލު ޖަހައި ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. މި ގޯލު ބަލައިގަތީ، ލިވަޕޫލްގެ މުހައްމަދު ސަލާހު އަތުގައި ބޯޅަ ޖެހުނުތޯ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓް ހަމަވެ، ހަތް ވަނަ މިނިޓްގައި ޕެލަސް މޮޅުކޮށްދިން ގޯލު ޖެހީ އެޑީ އެންކެޓިއާ އެވެ. މި ގޯލު ބަލައިގަންނަން ނިންމީ އޮފްސައިޑްތޯ ވީއޭއާރް އިން ޔަގީންކުރުމަށް ފަހު އެވެ. މި ފަހަރު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ޕެލަސް އެވެ.

ބްރެންޓްފޯޑުގެ ތިއާގޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބްރެންޓްފޯޑުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކައިރިން 20 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ދެ ލަނޑު ވެސް ޖެހީ ބްރެޒިލްގެ ފޯވާޑް، އީގޯ ތިއާގޯ އެވެ. ޔުނައިޓެޑުން ވަނީ ބެންޖަމިން ސެސްކޯ އެ ޓީމަށް ޖަހައިިދިން ފުރަތަމަ ގޯލުން އުންމީދެއް ހޯދައިފަ އެވެ.

އަދި، ޔުނައިޓެޑަަށް އެއްވަރުކޮށްދޭން ލިބުނު ޕެނަލްޓީ އަކުން ދެ ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅަ ބްރެންޓްފޯޑްގެ ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހުކޮޅުގައި، ބްރެންޓްފޯޑުގެ ފަހު ލަނޑު ޖެހީ، ކައުންޓަ އެޓޭކުގައި، މަޓިއަސް ޖެންސަން އެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ފުރަތަމަ ހާފުގައި، އެންޒޯ ފެނާންޑޭސްގެ ގޯލުން ލީޑުނެގި ނަމަވެސް، ދެ ވަަނަ ހާފު ފެށިގެން ހަ ވަނަ މިނިޓްގައި އެ ޓީމުގެ ޓްރެވާ ޗަލޯބާ އަށް ރަތް ކާޑެއް ދެއްކުމުން ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނެވެ.

ޗެލްސީން ދެ ވަނަ ހާފުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ނަތީޖާ އަކަށްވީ އޭގެ ފައިދާނަަގައި، ބްރައިޓަން އިން ތިން ގޯލު ޖަހައި މެޗުން މޮޅުވުމެވެ. ބްރައިޓަންގެ ލަނޑުތައް ޖެހީ، ޑެނީ ވެލްބެކް ދެ ގޯލާއި މެކްސިމް ޑި ކުއިޕާ ގޯލެކެވެ.

ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސިޓީގެ ހާލަންޑް ބޯޅަ ކޮންޓްރޯލް ކުރަނީ.

ސިޓީން މެޗުގައި ލީޑުނެގީ، ބާންލީގެ މެކްސިމް އެސްޓީވް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޖޭޑަން އެންތަނީ ވަނީ ލަނޑެއް ޖަހައި ބާންލީ އަށް އެއްވަރުކޮށްދީފަ އެވެ. ސިޓީން އަލުން ލީޑުނެގީ، 61 ވަނަ މިނިޓްގައި މަޓެއުސް ނޫނޭސް ޖެހި ގޯލުންނެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން، އެސްޓީވް އަތުން ބައިކޮޅަށް ވަން ދެ ވަނަ ގޯލުން ސިޓީން ލީޑުފުޅާކުރި އެވެ.

މެޗުގައި ސިޓީން ދެން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި އާލިން ހާލަންޑް އެވެ.

ލިވަޕޫލް، ލީގުގެ އެއް ވަނައިގައި އޮތި ހަ މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕެލަސް އަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މިރޭ 2-2 އިން ލީޑްސް ޔުނައިޓެޑާ އެއްވަރުވި، ބޯންމައުތު އޮތީ ހަ މެޗުން 11 ޕޮއިންޓާ އެކު، ތިން ވަނައިގަ އެވެ. ހަތަރެއްގައި އޮތް ސިޓީ އާއި ފަސް ވަނައިގައި އޮތް އާސެނަލް އަދި ހަ ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ސިޓީން ހަ މެޗު ކުޅުނުއިރު، އާސެނަލާއި ޓޮޓެންހަމް އިން ކުޅުނީ ފަސް މެެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox