ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސެޕްޓެމްބަރު 25) - ޔޫއޭއީގައި މިހާރު ކުރިއަށްދާ އޭޝިއާ ކަޕްގެ ސުޕަ 4 ބުރުގައި ރޭ ކުޅުނު މެޗުން ބަންގްލަދޭޝް އަތުން 41 ލަނޑުން މޮޅުވެ، އިންޑިއާ އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
އޭޝިއާ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އިން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އޭގެ ތެރޭގައި، ހިމެނެނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ އިތުރުން، ސުޕަ 4 ގައި ކުޅުނު ދެ މެޗެވެ. އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަހަރުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސުޕަ 4 ބުރުގައި ލަންކާއާ ދެކޮޅަށް ކުޅޭ މެޗު ބާކީ އޮއްވަ އެވެ.
ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ބަންގްލަދޭޝާ ދެކޮޅަށް އިންޑިއާ އިން ކުޅުނު މެޗުގައި، ޓޮސް ދިމާވީ ބަންގްލަދޭޝްއާ އެވެ. އެ ޓީމުން ނިންމީ ހޮވާށެވެ. އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހެދި އެވެ. އިންޑިއާ ޓީމަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ، 37 ބޯޅައިން 75 ލަނޑު ހެދި އަބިޝޭކް ޝަރުމާ އެވެ. މި ފަހަރުގެ އޭޝިއާ ކަޕްގައި އެންމެ ގިނަ ލަނޑު ހެދީ ވެސް އަބިޝޭކް އެވެ. އޭނާ ވަނީ މިހާތަަނަށް 248 ލަނޑު ހަދައިފަ އެވެ.
މި އިނިންގްސްގައި ބަންގްލަދޭޝްގެ ރިޝާދު ހޮސެއިން ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ބަންގްލަދޭޝަށް 19.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ، 51 ބޯޅައިން 69 ލަނޑު ހެދި ސައިފް ހަސަން އެވެ. މި އިނިންގްސްގައި އިންޑިއާގެ ކުލްދީޕް ޔާދަވް ތިން ވިކެޓް ނެގިއިރު، ޖަސްޕްރީތު ބުމްރާ އާއި ވަރުން ޗަކްރަވަރުތީ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
މި މަހު 28 ވަނަ ދުވަހު ކުޅޭ ފައިނަލުގައި އިންޑިއާއާ ކުޅޭނީ، ޕާކިސްތާން އާއި ބަންގްލަދޭޝް ކުޅެގެން މޮޅުވާ ޓީމެކެވެ. ލަންކާ ވަނީ ދެ މެޗުން ބަލިވެ، ކަޓައިފަ އެވެ.












