މި މަސް ފެށިގެން މިދިޔަ ހަފުތާ ނިމުމާ ހަމައަށް ދައުލަތުގެ ލޯނުތައް ދެއްކުމަށް ބަޖެޓުން 369 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ދެ ހަފުތާގެ މެދުކެނޑުމަކަށްފަހު ދައުލަތުގެ މާލީ ހިސާބުތައް ފިނޭންސުން އާންމުކުރި ރެކޯޑުތަކުގައި ވަނީ ސެޕްޓެމްބަރު 18، ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި ލިބުނު އާމްދަނީގެ ތަފުސީލެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ލޯނުތައް ދެއްކުމަށް ބަޖެޓުން ހަރަދުކޮށްފައިވަނީ ޖުމްލަ 4.3 ބިލިއަން ރުފިޔާ އެވެ. މިއީ ލޯނު ދެއްކުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނި އަދަދަށް ވުރެ 446 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފިނޭންސުން މީގެ ކުރިން ހާމަކޮށްފައިވާ ހިސާބުތަަށް ބެލުމުން ބަޖެޓަށް ވުރެ އިތުރަށް ލޯނަށް ދެއްކި ބޮޑުބައި ހަރަދުކުރީ މި މަހުގެ ތެރޭގައިކަން އެނގެ އެވެ.
އެ ހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓު 28، ގެ ނިޔަލަށް ލޯނު ދެއްކުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، އެ ދުވަހުން ފެށިގެން މި މަހުގެ ތެރޭ 369 މިލިއަން ރުފިޔާ، ލޯނު ދެއްކުމަށް ހަރަދުކޮށްފައިވާކަން އެނގެ އެވެ.

ލޯނު ދައްކާ ބަޖެޓު ހުސްވީ އަހަރުގެ ބާކީ 20 ހަފުތާ އޮއްވަ އެވެ. މި ފައިސާ ހުސްވިއިރު މި އަހަރުގެ ފަހު ކުއާޓަރުގައި ވެސް ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ އެވެ. މިއީ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ އަދަދުތައް އެނގިގެން ބަޖެޓު ކުރާ އަދަދެއް ކަމުން ލޯނުތައް ދައްކަން އިތުރަށް ހަރަދުކުރަން ޖެހުނީ ކީއްވެގެން ކަމަށް ނޭނގެ އެވެ.
މި އަހަރު ލޯނުތަކާއި ލޯނުތަކުގެ އިންޓްރެސްޓު ދައްކަން ބަޖެޓުކުރީ، 9.4 ބިލިއަން ރުފިޔާ އެވެ. ލޯނު ދައްކަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ފައިސާ ހަރަދު ކުރި ނަމަވެސް ފައިނޭންސިން އަދި އިންޓްރެސްޓިންއަށް ބަޖެޓު ކުރި ފައިސާގެ ބޮޑު ބައެއް ހަރަދު ނުކުރާތީ، މި ބަޖެޓުން ބާކީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.
ވާލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ ތެރޭގައި ލޯނާއި އިންޓްރެސްޓު ދައްކަން 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ (އެއް ބިލިއަން ޑޮލަރު) ހަރަދު ވާނެ ކަމަށެވެ. މިއީ އިންޑިއާއިން ނަގާފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދައްކަން ޖެހޭތި އަންނަ އިތުރުވުމެކެވެ. މި ފައިސާ ދައްކަން ޖެހޭނީ އަންނަ މަހުގަ އެވެ.













