ދިވެހިރާއްޖޭގެ މިނިވަން މީޑިއާ ނައްތައިލުމަށް މަޖިލީހުން ފާސްކުރި ކޮންޓްރޯލް ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމާއެކު މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް މީޑިއާ ކައުންސިލް އުވިގެން ދިޔުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އުފައްދާ އާ ކައުންސިލުގެ އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޖޭއޭއިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ސެލްފް ރެގިއުލޭޓަރީ ކައުންސިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދަނީ ނޫސްވެރިންގެ ތެރެއިން ހޮވައިލެވުނު ފްރީ ޕްރެސް ކައުންސިލް ކޮމިޓީންނެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައި ޕްރެސް ކައުންސިލުގެ އޮނިގަނޑެއް އިއްޔެ ފާސްކުރި އެވެ. އެ އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ) އެވެ. އެ ކޮމިޓީގެ ކޯ ޗެއާއަކަށް ހަމައްސާފައި ވަނީ އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު ޖުނައިދު ސަލީމް އެވެ. އެ ކޮމިޓީން ފާސްކުރި އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 30، ގެ ހަވީރު 4:00 އެވެ. އޮނިގަނޑަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްޖޭއޭގެ އީމެއިލް info@mja.mv އަށް މެއިލް ކުރުމަށް އެމްޖޭއޭއިން އެދިފައިވެ އެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ފާސްކުރީ އެމްޖޭއޭއިން އުފައްދާ ޕްރެސް ކައުންސިލުގައި ޖުމުލަ ނުވަ މެންބަރުން ތިބޭ ގޮތަށެވެ. އެއީ އޮންލައިން އަދި ޕްރިންޓް މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންނާއި ބްރޯޑްކާސްޓިން މީޑިއާތަކުން އިންތިހާބު ކުރާ ދެ މެންބަރުންގެ އިތުރުން އާންމުގެ ތެރެއިން އިންތިހާބު ކުރާ ދެ މެންބަރަކާއި މަދަނީ ޖަމިއްޔާތަކުން އިންތިހާބު ކުރާ އެއް މެންބަރެވެ.
އޭގެ އިތުރުން އެ ކައުންސިލުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލެވޭނެ ގޮތާއި ކައުންސިލުގެ މެންޑޭޓުގެ އިތުރުން މަގުސަދާއި ޝަކުވާ ބެލޭނެ ނިޒާމު ވެސް އިއްޔެ ފާސްކުރި އޮނިގަނޑުގައި ހިމަނާފައިވެ އެވެ.

އެ ކައުންސިލުން ބަލާ މައްސަލަތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތަކާއި އެ ކައުންސިލަށް ނުކުރެވޭނެ ކަންކަމުގެ އިތުރުން އެ ކައުންސިލުގެ މާލީ ކަންކަން ހަމަޖައްސާނެ ގޮތްތައް ވެސް އިއްޔެ ފާސްކުރި އޮނިގަނޑުގައި ހިމަނާފައިވެ އެވެ.
އެމްޖޭއޭއިން އިސްނަގައިގެން މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރާ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ފެށީ މިނިވަން މީޑިއާ ނައްތައިލުމަށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރުމާ ގުޅިގެންނެވެ. އެމްޖޭއޭ އާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ނިންމާފައި ވަނީ އެ ގާނޫނަށް އަމަލު ނުކުރުމަށެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ގާނޫނަކަށް ގޮންޖެހުމުގެ ފުރުސަތު އެއްވެސް ބަޔަކަސް ނުދޭނެ ކަމަށެވެ.













