އޫރިޑޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި އެލީޓް ޝޯޑައުން 2025 - އީއޭއެފްސީ ސީރީޒްގެ ޗެމްޕިއަންކަން މުހައްމަދު އައިމަން ހޯދައިފި އެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި ސިންގަލް އެލިމިނޭޝަން ފޯމެޓެއްގައި ކުރިއަށްދިޔަ އެ މުބާރާތުގައި ޖުމްލަ 24 ކުޅުންތެރިން ވާދަކުރި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން އައިމަން ހޯދިއިރު، ދެވަނަ ހޯދީ އަބްދުﷲ މާހިލް އެވެ. ތިންވަނައަށް ހޯދީ މުހައްމަދު ޒަމީލު އެވެ. އޭގެ ތެރެއިން އައިމަންއަށް ފައިސާގެ އިނާމަށް 5،000ރ. ލިބުނުއިރު، މާހިލްއަށް 3،000ރ. އަދި ޒަމީލަށް 2،000ރ. ލިބުނެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ އިސްވެރިން އަދި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިވެންޓް ނިންމާލުމުގެ ގޮތުން، މުބާރާތުގެ އެއްވަނައަށް ދިޔަ އައިމަން އަދި ތިންވަނައަށް ދިޔަ ޒަމީލާ ވަނީ އެފްސީ 26 ގައި ޑެމޯ މެޗެއް ކުޅެ، ވާދަވެރި ފުޓްބޯޅަ ގޭމިންގެ ދެން ކުޅޭ ގޭމް، އީއޭއެފްސީ 26ގެ ފުރަތަމަ ތަޖުރިބާ ދައްކާލާފަ އެވެ.
މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާއަށް ކުރިއެރުން ލިބުނު ކަމަށް އުންމީދުކުރާ ކަމަށް އުރީދޫއިން ބުންޏެވެ. އެ ކުންފުނިން ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށް އެކި މުބާރާތްތައް އަބަދުވެސް ކުރިއަށް ގެންދެ އެވެ.










