ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް: މުއިއްޒު

އެމެރިކާ ސަފީރު ހޫގޯ ޔޮން ރައީސް މުއިއްޒު އާއި ސަލާމްކުރައްވަނީ: މީޑިއާ ބިލާއި ގުޅިގެން ބައިނަލްއަގުވާމީ ޕްރެޝަރު ކުރިމަތިވެފައި އޮއްވާ އެއިން އެއްވެސް ކަމަކަށް ނުބައްލަވާނެ މުއިއްޒު ވަނީ ރޭ ވިދާޅުވެފަ ---- ފޮޓޯ: ރައީސް އޮފީސް

އެމެރިކާ ސަފީރު ހޫގޯ ޔޮން ރައީސް މުއިއްޒު އާއި ސަލާމްކުރައްވަނީ: މީޑިއާ ބިލާއި ގުޅިގެން ބައިނަލްއަގުވާމީ ޕްރެޝަރު ކުރިމަތިވެފައި އޮއްވާ އެއިން އެއްވެސް ކަމަކަށް ނުބައްލަވާނެ މުއިއްޒު ވަނީ ރޭ ވިދާޅުވެފަ ---- ފޮޓޯ: ރައީސް އޮފީސް

މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލާ ގުޅިގެން ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫ އަރާތީ ބޭރުގެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުބައްލަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ ގާނޫނު މުއިއްޒު ތަސްދީގުކުރެއްވީ ބުރާސްފަތި ދުވަހު އެވެ. އެކަމާ އެކު ބޭރުގެ މީޑިއާތަކާއި ޖަމާއަތްތައް އަދި ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން، ވ. ފެލިދޫގައި ހުންނަވާ ރޭ ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށްވުރެ ނުބައި ކަމެއް ކަމަށް ގުރުއާނުގައި އޮންނަ ކަމަށެވެ. ނޫސްވެރިން ދޮގު ހަބަރު ފަތުރާ ފިތުނަ ފަސާދަ އުފައްދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން ގުރުއާނަށް ގޮންޖަހާލާފަ ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެކަމެއް. މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މި ގާނޫނާއި ގުޅިގެން މިހާތަނަށް ފާޅުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީތަކުންނެވެ.

މަޖިލީހުން ބިލު ފާސްކުރުމާއެކު އެމެރިކާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގު ދިނުމަށް ރާއްޖެއަށް ގޮވާލާ ކަމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ބިލު ތަސްދީގުކުރުމާއެކު އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ މުހިންމު އަސާސެއް ކަމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

މިހެން ބުނެ އެ ގައުމުގެ ހައިކޮމިޝަނުން ރިއާޔަތްކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމަށެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ މި ގާނޫނާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ.

އެ ގާނޫނާއެކު މިހާރު އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން ދިވެހި ނޫސްވެރިން އަމިއްލަ ނިޒާމެއް ގާއިމު ކުރަން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނިންމައިފަ އެވެ.

އެކަމަށް ރައްދު ދެެއްވާ މުއިއްޒު ރޭ ވިދާޅުވީ ގާނޫނަށް ގޮންޖަހައި އެއަށް ތަބާނުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox