ގަލަމާ ކުރާ ހަނގުރާމަ ނާކާމިޔާބު ކުރައްވާނެ!

ގަލަމާ ކުރާ ހަނގުރާމަ ނާކާމިޔާބު ކުރައްވާނެ!

ގަލަމާއި ލިޔުންތެރިކަމުގެ މިނިވަންކަމަކީ އެއްވެސް ގޮތަކުން ދައުލަތަށާއި މުޖުތަމައުތަކަށް އޮތް ބިރެއް ނޫނެވެ. އެކަމަކު އެއީ ކޮރަޕްޓް ވެރިކަންތަކާއި ކަންނެތް ވެރިކަންތަކާއި ގަމާރު ވެރިކަންތަކަށް އޮތް ވަރަށް ވެސް ބޮޑު ބިރުވެރިކަމެކެވެ. ކޮރަޕްޓް ވެރިކަންތަކަށް މިނިވަން ލިޔުންތެރިކަން ބިރަކަށްވަނީ އެބައިމީހުންގެ ފަސާދައާއި ވައްކަން ފަޅާއަރުވާތީއެވެ. ކަންނެތް ވެރިކަންތަކަށް އެކަން ނުރައްކަލަކަށްވަނީ، އެބައިމީހުންނާ ހެދި ރައްޔިތުންނަށް ގެއްލިގެންދާ ފުރުސަތުތަކާއި ރައްޔިތުންގެ ބައިތުލްމާލުން ވަމުންދާ އިސްރާފުތައް ރައްޔިތުންނަށް އެނގެމުންދާތީއެވެ. ގަމާރުވެރިކަންތަކަށް މިނިވަން ލިޔުންތެރިކަން ބިރަކަށްވަނީ އެބައިމީހުންގެ ވެރިކަމުގައި ހުންނަ ދެއުޅިއެއް ނުވާކަން ހާމަވަމުންދާތީއެވެ.

މިއާ ހިލާފަށް އިސްލާމްދީން ތަރުހީބުދޭ ވަރުގަދަ ނަޒާހަތްތެރި ދައުލަތްތަކާއި ވެރިކަންތަކުން އަބަދުވެސް ގަލަމާއި މިނިވަން ލިޔުންތެރިކަމަށް މަރުހަބާ ކިޔައެވެ. އެހެނީ އެބައިމީހުންގެ ވެރިކަމުގެ ފުރިހަމަކަމުގެ ސިއްރަކީ ގަލަންކަމުގައި އެފަދަ ވެރިކަންތަކުން ގަބޫލުކުރާތީއެވެ. އެފަދަ ވެރިކަންތަކުގައި ހުންނަ ލޯވަޅުތައް ބައްދައި ދެރަތަން ވަރުގަދަކޮށް ބާވާތަނުން އާބާތުރަ ފިލުވުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތަކީ ގަލަމުގެ ތުނޑާއި އޭގެ ދެލިކަން އެބައިމީހުންނަށް އެނގޭތީއެވެ. ނަމަވެސް ވައްކަންކުރަން އުޅޭ ބަޔަކަށް ގަލަމާއި ފޮތަށްވުރެ ބިރުވެރި އެހެން އެއްޗެއް ހަމަ ނޯންނާނެއެވެ.

ޑިކްޓޭޓަރުންގެ ވައްތަރުތަކާއި ގޮތްތަކާ ބެހޭގޮތުން ފުރިހަމަ ފޮތެއް ލިޔުއްވި އިސްލާމީ ފިލޯސަފަރު ޢަބްދުއްރަޙްމާނުލް ކަވާކިބީ އޭނާގެ ފޮތުގައި ލިޔުއްވާފައިވެއެވެ. 'ޔަތީމު ކުއްޖާގެ މުދަލާ ހަވާލުވެ ހުންނަ މީހާއަށް އެ ޔަތީމު ކުއްޖާ ތަސައްރަފު ފުދޭ އުމުރަށް އެޅުމުގެ މަސްލަހަތެއް ނެތް ފަދައިން، އެއްވެސް ރައްޔިތަކު އިލްމުގެ އަލިކަމުގެ ތެރެއަށް ނުކުތުމަކީ އެއްވެސް ޑިކްޓޭޓަރަކު ބޭނުންވާ ގޮތަކަށް ނުވެއެވެ. ރައްޔިތުން ގަބަހައްދުވައި ޖާހިލުކަމުގެ ކަނުއަނދިރީގައި ބޭއްތިއްބޭހާ ހިނދަކު މެނުވީ އެމީހުން އަޅުވެތިކޮށްގެން ނުގެންގުޅެވޭނެކަމީ ހަމަ އެއްވެސް ޑިކްޓޭޓަރަކަށް ވަންހަނާވެފައި އޮންނަ ކަމެއް ނޫނެވެ. އެއީ ކިތަންމެ ގަމާރު ޑިކްޓޭޓަރެއް ވިޔަސްމެއެވެ.'

މިހަގީގަތް މިހެން އޮންނަކަމަށްޓަކައި ކޮންމެ ޚުދުމުޚްތާރު ވެރިޔަކު ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމެއްގެ ގޮތުގައި ހަދަނީ ގަލަމާ ހަނގުރާމަކުރުމެވެ. ފޮތާ ހަނގުރާމަކުރުމެވެ. ރައްޔިތުންނަށް ސާފު މައުލޫމާތާއި ހަގީގަތް ލިބޭނޭ މަގުތައް ބަންދުކުރުމަށް ގަދައަޅާ މަސައްކަތްކުރުމެވެ.

އިސްލާމީ ތާރީހުގައި އިސްލާމްދީނުގެ ނަމުގައި ނުހަނު ދީންވެރި ވެރިކަމެއްގެ ނަމުގައި ވެރިން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ތަން ފެނިފައިވަނީ މަދެއް ކޮށެއް ނޫނެވެ. އެއިން ކޮންމެ އަނިޔާވެރި ވެރިއެއް އެންމެ ބޮޑަށް ހަނގުރާމަކުރި އެކައްޗަކީ ހަމަ ގަލަމާއި ފޮތެވެ. ފިތުނަ ފަސާދަ ނައްތާލުމުގެ ނަމުގައެވެ. ބައިބައިވުން އުފެދުން ކުޑަކުރުމުގެ ބަހަނާގައެވެ. އަބުރު ހިމާޔަތްކުރުމާއި މިނޫންވެސް މިބާވަތުގެ ރީތި ނަންނަމުގައެވެ.

އިމާމް އިބްނު ޙަޒްމުގެ އެތައް ފޮތެއްގައި ހުޅުޖަހާ ރޯކޮށްލެވުނެވެ. އިމާމް އަބޫ ޙާމިދުލްޣަޒާލީގެ އެތައް ފޮތެއް އަންދާ އަޅިޔަށް ހަދާލެވުނެވެ. އިމާމް އިބްނު ރުޝްދު ގެ އިލްމީ މަސައްކަތުން ބޮޑު ބަޔެއް ވެސް އަނިޔާވެރި ވެރިންގެ އަލިފާނާ ކުރިމަތިލާންޖެހުނެވެ. މިހެން ގޮސް ލިސްޓް ދިގުކުރާނަމަ ވަރަށް ދިގެވެ. ޚުދުމުޚްތާރު ވެރިކަންތަކުގެ އަލިފާން އެތައް އިލްމުވެރި ގަލަންކޮޅަކާއި ފަތްފުއްތަކާ ހަމަޔަށް ނުހަނު ގިނައިން ފޯރިއެވެ.

މިދެންނެވުނު ބޭބޭކަލުންނަކީ އިސްލާމީ އިލްމުގެ ހުރިހާ ދާއިރާއެއްގައި ޝާމިލް ފޮތްތައް ލިޔުއްވި އަމިއްލަ މުސްތަޤިއްލު ފިކުރާއި ވިސްނުމުގެ ބޭކަލުންނެވެ. އަޅުކަމުގެ އާދައިގެ ޙުކުމްތަކުން ފެށިގެން ގޮސް އުޞޫލުލްފިޤުހާއި ހަދީސް އިލްމުން ގޮސް އަމިއްލަ ތަފްސީރާއި އަމިއްލަ ބޮޑެތި ފިޤުހު ފޮތްތައް ލިޔުއްވި ބޭކަލުންނެވެ. ފިލޯސަފީގެ އެތައް ފޮތެއް ލިޔުއްވި ފިލޯސަފަރުންނެވެ. ފަލަކީ އިލްމާއި ބޭސްވެރިކަމުގައި ވެސް ފޮތް ލިޔުއްވި ސައިންސްވެރިންވެސްމެއެވެ. ބަހާއި އަދަބަށް ހިދުމަތްކުރައްވައި އެދާއިރާގައި ވެސް ފޮތް ލިޔުއްވި ޅެންވެރިން ވެސްމެއެވެ. އާދޭހެވެ! އިސްލާމީ ތާރީހުގައި ރަން އަކުރުން ނަންފެވިފައިވާ "އެންސައިކްލޮޕީޑިއާ" ފަދަ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެތައް ބޭކަލުންގެ ފޮތް އަލަމާރިތަކާއި އަނިޔާވެރި ވެރިންގެ އަލިފާނާ ކުރިމަތިލާންޖެހުނެވެ.

ހަމަ އެންމެ ސަބަބެކެވެ. ވެރިކަމާއި ބާރުވެރިކަމުގައި ތިބޭ ބައެއްގެ ފިކުރާއި ހިޔާލާ ތަފާތު އެހެން ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ. ހައްގާއި ހަގީގަތް ފާޅުކުރުމަށް މަސައްކަތްކުރުމެވެ. ހަގީގީ މައުލޫމާތު ފެތުރުމެވެ. އެކަމާ އެފަދަ އަނިޔާވެރި ވެރިން ގަންނަ ބިރެވެ. ގަލަމާއި ފޮތާ ފެނިފައި އެވެރިން ލަވާ ހޮޑާއި އަޅާ ރޫރޫއެވެ.

ނަމަވެސް ދަންނަވަންތޯއެވެ! މިދެންނެވުނު އެއްވެސް ބޭކަލެއްގެ ގަލަންކޮޅުގެ ދޯރި ނުނެއްޓޭނެ ގޮތެއް ހަމަ ނުހެދުނެވެ. އަދި އެބޭބޭކަލުންގެ ފޮތްތަކުގެ ބޮޑު ބައި އެތައް ގަރުނަކާ ހަމައަށް އެހެރީ ދެމިގެން ގޮސްފައެވެ. މި ދެންނެވުނު އިލްމުވެރި ބޭބޭކަލުންގެ ނަންފުޅުތައް އެވަނީ ދުނިޔޭގެ ހުރިހާ ބައްރެއް އަދި ބަހުރެއްގައި އަދިއަދަށް ދާންދެން ރަންއަކުރުން ފަވާ ނެގިފައެވެ. އެކަމަކު އެބޭބޭކަލުންގެ ގަލަންކޮޅުތަކާއި ފޮތް އަލަމާރިތަކާ ހަނގުރާމަކުރި އަނިޔާވެރި ޚުދުމުޚްތާރު ވެރިންގެ ނަންތައް އެ ވެރިންގެ ޝަރަފެއް ކަރާމަތެއް ދެމި އޮތްތޯއެވެ؟ ނެތެއްނުންތޯއެވެ!

އެކަން ވާނީ އެހެންނެވެ. އެކަން އެހެންވާނެކަން އެނގެނީ އަލްޢަލަޤް ސޫރަތުންނެވެ. އެންމެ ފުރަތަމައަށް މާތް ނަބިއްޔާއަށް މާތް ﷲ ވަޙީ ބަސްފުޅު އިއްވެވި ފަސް އާޔަތުގެ ތެރެއިން ދެއާޔަތެއްގައި އެހެރަގެން އަންގަވަނީއެވެ. "އެކަލާނގެއީ، ގަލަމުން ލިޔަން އުނގަންނައިދެއްވި ކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ."

ގެރިބަކަރި ޖަނަވާރާއި އިންސާނާ ތަފާތުކުރެއްވި ފަދައިން އެ އިންސާނާއަށް އެންމެހާ ތަކެއްޗެއް ދެނެގަތުމުގެ ވަސީލަތެއްގެ ގޮތުގައި ގަލަން ލެއްވީ މާތް ﷲ އެވެ. ވީއިރު ގަލަމާ ކުރާ ހަނގުރާމަ އެކަލާނގެ ނާކާމިޔާބުކުރައްވާނެއެވެ. މީގެ ކުރިންވެސް އެހެނިހެން އަނިޔާވެރި ވެރިން އެމީހުންގެ ރައްޔިތުންގެ ގަލަންތަކާ ކުރި ހަނގުރާމަތައް ނާކާމިޔާބުކުރައްވައި، އެބައިމީހުންގެ ބާރުވެރިކަން އަނބުރާ އަތުލެއްވި ފަދައިންނެވެ. އަލްއަޙްޒާބު ސޫރަތުގެ 62 ވަނަ އާޔަތެވެ. "(އެއީ) އިސްވެދިޔަ މީހުންނާމެދު ﷲ ކަންހިންގެވިގޮތެވެ. އަދި ﷲ ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ."

ވިސްނާވަޑައިގަންނަވާށެވެ! އަލްޤަލަމް ސޫރަތް މާތް ﷲ ފައްޓަވާފައިވަނީ ގަލަން ގަންދެއްވައި ބަސްފުޅު ވަޙީކުރައްވަމުންނެވެ. މާތް ﷲ ގަލަން ގަންދެއްވައި ބަސްފުޅު ވަޙީކުރެއްވި ކަމުން އަންގައިދޭ ކަމަކީ ގަލަމުގެ މާތްކަމާއި މަތިވެރިކަމެވެ.

ނިކަން ވިސްނަވާށެވެ! ބަދުރު ހަނގުރާމައިގައި އަސީރުވި ބައެއް އަސީރުން މިނިވަންކޮށް ދޫކޮށްލުމަށް މާތް ނަބިއްޔާ ނިންމެވީ އެބައިމީހުންގެ ތެރެއިން ލިޔަން ކިޔަން ދަންނަ މީހުން މުސްލިމުންގެ ތެރެއިން ބަޔަކަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ބަދަލެއްގެ ގޮތުންނެވެ. މިއީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި މުޝްރިކުންނަށް ގަލަމުގެ ހުރުމަތަށްޓަކައި ލިބިގެންދިޔަ ލުޔެއް ނޫންތޯއެވެ! ގަލަމުގެ ބޭނުމާއި އަހަންމިއްޔަތުކަން މާތް ނަބިއްޔާ އުންމަތަށް ދައްކަވާފައިވަނީ މިފަދައިންނެވެ.

ގަލަމާއި ގަލަމުގެ އަހުލުވެރިންނަށް އިއްޒަތާއި ކަރާމާތް ދިނީ އިސްލާމްދީނެވެ. އަދި އިސްލާމްދީން އެކަންޏެއް ވެސް ނޫނެވެ. ދުނިޔެ ދުށް ކޮންމެ ވަރުގަދަ ހަޟާރަތަކާއި ތަހުޒީބެއް ބިނާވެ ކުރިއަރައި ތަރައްގީވެފައިވަނީ ގަލަމާއި އޭގެ އަހުލުވެރިންނަށް ހޯދައިދިން މިނިވަންކަމާއި ކަރާމާތްތެރިކަމެއްގެ މިންވަރުންނެވެ.

ގަލަމާއި އެގަލުމުގެ އަހުލުވެރިންނާ ހަނގުރާމަކުރި ހަމަ ކޮންމެ ދުލެއް ވަނީ ގޮށްޖެހިފައެވެ. ގަލަމާއި ދިމާއަށް ދިއްކުރި ހަމަ ކޮންމެ އަތެއް ވަނީ ވާވެފައެވެ. ގަލަމާއި އޭގެ ދެއްޔަކީ ބާރުވެރިކަމުގެ މައިދާނުގެ ބަޑި ބޭހެވެ. އެގަލަމަށް ހުރުމަތެއް ނެތި އެޔާ ކުޅެން އުޅެފި މީހަކު އަނދާ ހުލިވެދާނީ ނޭނގި ހުއްޓައެވެ.

އެހެނީ ގަލަމަކީ އިންސާނީ އިލްމުވެރިކަމުގެ ވަސީލަތުގެ ގޮތުގައި މާތް ﷲ ކަނޑައެޅުއްވި ނިޔާފުޅެވެ. ބަދަލުވުމެއް ނެތް އެކަލާނގެ ގުދުރަތުގެ ގާނޫނު އެހެން ކޮންމެ ގާނޫނަކަށްވުރެ މަތީން، އެހެން ކޮންމެ ގަވާއިދަކަށްވުރެ މަތީން މި ކާއިނާތުން ތަންފީޒުކުރާނެ ކަމާމެދު ޝައްކެތް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox