ބޮޑެތި ޓީޓީތަކަށް 50 ޕަސެންޓު ޑޮލަރު ނުލިބޭ ކަމުގެ ޝަކުވާ

Sep 14, 2025, 7:31 AM
މާލޭ ކޮމާޝަލް ބަނދަރު: ޑޮލަރު ތާށިކަމުގެ އަސަރު ސަޕްލައިއަށް ކުރޭ -- ފޮޓޯ: މިރާން ނާޝިމް/އަދަދު

މާލޭ ކޮމާޝަލް ބަނދަރު: ޑޮލަރު ތާށިކަމުގެ އަސަރު ސަޕްލައިއަށް ކުރޭ -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ފަސޭހައެއް ހޯދައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރާ ޓީޓީތަކަށް 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭނެ ކަމަށް ބުނި ނަމަވެސް ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވާއިރު، އެ ނިސްބަތަށް ޑޮލަރު ނުލިބޭ ކަމަށް ވިޔަފާރިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.

ބީއެމްއެލްއިން މި އަހަރު ފެށުނު އިރު ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެނީ ކުރާ މުއާމަލާތުގެ 10 ޕަސެންޓާ ހަމައަށެވެ. ނަމަވެސް ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ، ބީއެމްއެލްއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޭ މިންވަރު 30 ޕަސެންޓަށް މަތިކޮށްފަ އެވެ. އަދި މިހާރު 30 ޕަސެންޓާއި 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެމުން އަންނަ ކަމަށް ބީއެމްއެލްއިން ބުނެފައި ވެ އެވެ.

މިހެން ނަމަވެސް، އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ 2500 ޑޮލަރުން މަތީގެ އަދަދެއް ޓީޓީ ކުރާއިރު، 50 ޕަސެންޓު ނުލިބޭ ކަމަށެވެ. އަދި މިއީ މުދާ އެތެރެކުރާ ބަޔަކު އާންމުކޮށް ޓީޓީ ހަދާ އަދަދެއް ނޫން ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ.

Advertisement

"ޗައިނާއިން މި ހިސާބަށް 20 ފޫޓުގެ ކޮންޓެއިނަރެއް ގެންނަން އެކަނި 2800 ޑޮލަރު. ދެން މުދަލާ އެކީ ބަލަމާ މިސާލަކަށް 8000 ޑޮލަރު އަރާނެ. އޭގެ 50 ޕަސެންޓަކީ 4000 [ޑޮލަރު]، އެކަަމަކު ލިބެނީ 2400 ވަރަކަށް ޑޮލަރު ބޭންކުން،" ޗައިނާއިން ގިނަ ވައްތަރުތަކުގެ މުދާ އެތެރެކުރާ ވިޔަފާރިވެރިއަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

މީގެ ސަބަބުން ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ވިޔަފާރިކުރުމުގެ ހަރަދު ބޮޑުވުމާއި ގަވާއިދުން މުދާ ނުގެނެވުމުގެ ސަބަބުން ވިޔަފާރިއަށް ބުރޫއެރުމެވެ. އަދި މުދަލުގެ އަގު ބޮޑުކުރަން މަޖުބޫރުވާ ހިސާބަށް ސަޕްލައި މައްސަލަ ބޮޑު ކަމަށް ތައްޔާރީ ކާބޯތަކެތި އެތެރެކުރާ މެދު ފަންތީގެ ވިޔަފާރިއެއްގެ އިސް މީހަކު ވެސް ބުންޏެވެ.

titledesc

ބޭންކުން ޑޮލަރު ސަޕޯޓު ދޭ ނިސްބަތް ކަނޑައެޅުން އޮންނަނީ އެ އިރެއްގައި ޑޮލަރު ލިބެން ހުރި މިންވަރަކަށް ބަލާފަ އެވެ.

ނިމުނު ހަފުތާގެ ތެރޭގައި ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް އެ ބޭންކުން ވަނީ ޑޮލަރު ސަޕޯޓުގެ ގޮތުގައި 73 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފަ އެވެ. މިއީ ހުސްވި އަހަރު، މުޅި އަހަރުގެ ތެރޭގައި ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޫކުރި 69 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ.

ބީއެމްއެލްއިން ވިޔަފާރިތަކަށް ޓީޓީ ހަދަން ދޫކުރާ ފައިސާ އިތުރުކުރީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިމްޕޯޓުގެ ބޭނުންތަކަށް ބޭންކުތަކަށް ދޫކުރާ ފައިސާ އިތުރުކުރުމާ ގުޅިގެންނެވެ. އެމްއެމްއޭއިން ބުނީ ބޭރު ފައިސާގެ ގާނޫނުގެ ދަށުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކާ ފައިސާގެ ތެރެއިން ވެސް ބޮޑު ބަޔެއް ވިއްކަނީ އަނބުރާ ބޭންކުތަކަށް ކަމަށެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް ޑޮލަރު ގަންނަން ލިބެން ހުރި އާންމު ރޭޓު އުޅެނީ ޑޮލަރެއް 19.90ރ. އާއި 20.10ރ. އާ ދެމެދުގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ 4.68ރ. އާއި 4.48ރ. ބޮޑު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox