އޮކްޓޯބަރުން ފެށިގެން ޖީއެސްޓީ ކުޑަކުރަން މޯދީގެ ސަރުކާރުން ނިންމައިފި

Aug 17, 2025, 9:38 AM
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ.

ނިއު ދެއްލީ، އިންޑިއާ (އޮގަސްޓް 16) - އަންނަ އޮކްޓޯބަރު މަހުން ފެށިގެން މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކްސް ކުޑަކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިއުލާން ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. މިއީ މިހާރު އެ ގައުމުގެ އިގުތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅެކެވެ.

އެގޮތުން، 12 ޕަސެންޓާއި 28 ޕަސެންޓާ ދެމެދު ބައެއް މުދަލުން ނަގަމުން އައި ޓެކްސް ފަސް ޕަސެންޓާއި 18 ޕަސެންޓަށް ކުޑަކުރާނެ އެވެ. އޮކްޓޯބަރުގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލުގެ ކުރިން މި ބަދަލުތައް ގެންނާނެ އެވެ.

އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން ނަގާ ޓެރިފް ރޭޓު ބޮޑުކުރުމަށް ނިންމުމާއެކު އިންޑިއާގެ އިގުތިސޯދަށް ކުރިމަތިވާނެ ކަމަށް ބެލެވޭ ގޮންޖެހުންތަކުން އަރައިގަތުމަށް މޯދީގެ ސަރުކާރުން ހާއްްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ.

އަމިއްލަ ގައުމުގައި އުފައްދާ ތަކެތި ޕްރޮމޯޓް ކުރުމަަށް މޯދީ ވަނީ ގޮވާލައްވާފަ އެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ސަބަބުން 500 ބިލިއަންގެ އާމްދަނީއެއް ގެއްލޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެއީ އިންޑިއާގެ އުފެއްދުންތެރިކަމުގެ 0.15 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޔޫކްރޭނުގެ ޑްރޯންތަކަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން: މަސްކް

ޔޫކްރޭނުގެ ޑްރޯންތަކަށް ބޭނުންވާ ސްޓާލިންކް އިންޓަނެޓްގެ ދުވެއްޔަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން ކަމަށް އެލޮން މަސްކް ބުނެފިއެވެ. މި ބަދަލުގެ ސަބަބުން ޔޫކްރޭނުގެ އަސްކަރީ މިޝަންތަކަށް ބުރޫއަރަމުންދާއިރު، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ގަސްތުގައި ކުރާ ކަމެއް ކަމަށް މަސްކް ތުހުމަތުކުރެއެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ބާލީގައި ތެލުގެ ދަތިކަން ދިމާވެ ސްޓޭޝަންތަކުގައި ދިގު ކިއޫތައް

އިންޑޮނޭޝިއާގެ ބާލީއަށް ތެލުގެ ދަތިކަން ކުރިމަތިވެ، ތެޔޮ ލިބުން ލަސްވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތައް ކައިރީގައި ދިގު ކިއޫތަކެއް ވަނީ ހަދާފައެވެ. މި މައްސަލަ ދިމާވީ ތެޔޮ އުފުލާ ޓޭންކަރަކަށް ދިމާވި ފަންނީ މައްސަލައަކާއި މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ބޭލުން ލަސްވުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox