ނިއު ދިއްލީ، އިންޑިއާ (އޮގަސްޓް 12) - ތަކުރާރުކޮށް އަނިޔާގެ މައްސަލަތައް ކުރިމަތިވަމުން އަންނަ އިންޑިއާގެ ކްރިކެޓް ތަރި، ޖަސްޕްރީތު ބުމްރާ، ކުރިއަށް އޮތް އޭޝިއާ ކަޕްގައި ކުޅޭނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާ އިން ދާދި ފަހުން، އިންގްލެންޑާ ދެކޮޅަށް އެ ގައުމުގައި ކުޅެ ނިންމާލި، ޓެސްޓް ސީރީސްގެ ފަސް މެޗުގެ ތެރެއިން، ބާރު އުކުންތެރިޔާ، ބުމްރާ، 31، އަށް ކުޅެވުނީ ދެ މެޗުގަ އެވެ. އެންމެ ފަހު ޓެސްޓް މެޗުގައި، ބުމްރާ އަށް ނުކުޅެވުނީ، ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އަންނަ ހަފްތާގެ ތެރޭގައި، އޭޝިއާ ކަޕްގައި ކުޅޭ އިންޑިއާގެ ސްކޮޑު އިއުލާނުކުރަން ތައްޔާރުވާއިރު، ރިޕޯޓްތައް ބުނާގޮތުން، ބުމްރާގެ ނަން ވަނީ ހިމަނައިފަ އެވެ. އިންޑިއާ ކްރިކެޓް ޓީމުގެ ސިލެކްޝަން ކޮމިޓީން ނިންމާފައިވަނީ، ޔޫއޭއީގައި އަންނަ މަހު ނުވަ ވަނަ ދުވަހު ފަށާ މުބާރާތާ ދެމެދު އެކަށީގެންވާ މުއްދަތެއް އޮތުމުން، ބުމްރާ އަށް ރިކަވާވެގެން އެ މުބާރާތުގައި ކުޅެވޭނެ ކަމަށެވެ.
އެހެން ނަމަވެސް، އޭޝިއާ ކަޕްގައި ބުމްރާ ކުޅޭނަމަ، އޮކްޓޫބަރު މަހު އޮތް ވެސްޓް އިންޑީސް ޓުއާ އަށް އޭނާ ނުނަގަން ވެސް ސިލެކްޝަން ކޮމިޓީން ވަނީ މަޝްވަރާކޮށްފަ އެވެ.
އިންޑިއާ އިން އެންމެ ފަހުން ބޭއްވި ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި, ބުމްރާގެ ބުރަކަަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރެފައި، އެނބުރި އައީ މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި މުމްބައި އިންޑިއަންސް އަށް ކުޅުމަށެެވެ.
އޭޝިއާގެ ގަދަ އަށް ގައުމުގެ މެދުގައި، ޓީ20 ފޯމެޓަށް ކުޅޭ އޭޝިއާ ކަޕްގައި އިންޑިއާ ހިމެނެނީ، އޮމާނާއި ޕާކިސްތާންގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޔޫއޭއީއާ އެއް ގްރޫޕެއްގަ އެވެ. އަނެއް ގްރޫޕްގައި ހިމެނެނީ، އަފްގާނިސްތާން، ބަންގްލަދޭޝް، ހޮންް ކޮންގް އަދި ސްރީ ލަންކާ އެވެ.
އެންމެ ފަހުން، 2023 ވަނަ އަހަރުގެ އޭޝިއާ ކަޕް އިންޑިއާ އިން ކާމިޔާބުކުރީ، ފައިނަލުގައި، 10 ވިކެޓުން ސްރީ ލަންކާ ބަލިކޮށްފަ އެވެ. މިއީ، އިންޑިއާ އިން އޭޝިއާ ކަޕް ތަށި އުފުލާލި އަށް ވަނަ ފަހަރެވެ.












