ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ބޭރުގެ އިންވެސްޓުމަންޓުތައް ވަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ސަބަބަކީ ރާއްޖޭގެ ވަރުގަދަ ޓޫރިޒަމް އިންޑަސްޓްރީ އާއި އެ ސިނާއަތާ ގުޅިފައި ހުރި އިންވެސްޓުކުރަން ފެންބޮވައިގެންފައި ތިބި ބޭރުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންގެ އިންވެސްޓުމަންޓުތައް ހުއްޓުމެއް ނެތި އިގުތިސޯދަށް ވަންނަމުން ދިޔުމެވެ.
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުގެ ގޮތުގައި ވަންނަ އަދަދުތަކަކީ އިގުތިސޯދީ ހާލަތު ވަޒަންކުރާ މުހިންމު މިންގަނޑެކެވެ. މިހެން ވަންނަ ފައިސާއަކީ ރާއްޖެ ކަހަލަ އެތެރޭގެ މާލީ ވަސީލަތްތައް މަދު ގައުމެއްގައި، ތަރައްގީއަށް ކޮންމެހެން ބޭނުންވާ ފައިސާ އެވެ. މި ރާއްޖެއަށް އައި ހުރިހާ ކުރިއެރުމެއްގައި މުލުގައި އޮތީ ބޭރުގެ އިންވެސްޓަރުންގެ ފައިސާއާއެކީ ފުޅާވެގެން ދިޔަ ދިވެހި އިގުތިސޯދެވެ.
އޭގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓުމަންޓުގެ ގޮތުގައި ވަންނަ އަދަދަކީ، ސަރުކާރުތަކުން އެ ސަރުކާރުތަކުން އިންވެސްޓުމަންޓުތައް ގެނައުމުގައި ހޯދި ކާމިޔާބީތައް ރައްޔިތުންނަށް ކިޔައިދޭން ވެސް ބޭނުންކުރާ ނަމްބަރެކެވެ. މިފަހުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ފޮރިން އިންވެސްޓުމަންޓުތައް ގެނައުމުގައި މި ސަރުކާރު މާ ކުޅަދާނަ ކަަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.
ސައީދު މިހެން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުތަކުގެ ތެރެއިން، އިންވެސްޓުމަންޓު ފޯރަމްތަކުން ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ. މިހާތަނަށް ހަ ގައުމެއްގައި-- އެއީ ޗައިނާ އާއި ޔޫއޭއީ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރާއި އިނގިރޭސިވިލާތުގައި-- ވަނީ މި ފޯރަމްތައް ބާއްވައިފި އެވެ. ސައީދު ވިދާޅުވީ މި ފޯރަމްތަކުގެ ސީދާ ފައިދާ ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުން ބޭއްވި އިންވެސްޓްމަންޓު ފޯރަމްތަކުގެ ކާމިޔާބީއަށް ބުރަދަން ދޭން ސައީދު ބޭނުންކުރެއްވީ ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓުތައް ރަޖިސްޓްރީ ކުރި އަދަދެވެ. 2007 އިން ފެށިގެން ތިން ސަރުކާރެއްގައި ރަޖިސްޓްރީކުރި ފޮރިން އިންވެސްޓުމަންޓުތަކާއި މި ސަރުކާރުގެ ދައުރުގެ ތެރޭގައި ރަޖިސްޓްރީކުރި ފޮރިން އިންވެސްޓުމަންޓުތަކުގެ އަދަދުތައް އޭނާ ހިއްސާކުރެއްވި އެވެ.
ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާ އަދަދު
- ނޮވެމްބަރު 2007 އިން ނޮވެމްބަރު 2013 އަށް - 206 އިންވެސްޓްމަންޓު
- ޑިސެމްބަރު 2013 އިން ނޮވެމްބަރު 2018 އަށް - 403 އިންވެސްޓްމަންޓު
- ޑިސެމްބަރު 2018 އިން ނޮވެމްބަރު 2023 އަށް - 398 އިންވެސްޓްމަންޓު
- ޑިސެމްބަރު 2023 އިން މިހާތަނަށް - 108 އިންވެސްޓުމަންޓު
ސައީދު ހިއްސާކުރެއްވި ހުރިހާ މައުލޫމާތަކީ އާންމުކޮށް ލިބެން ހުރި މަސްދަރުތަކުން ކަށަވަރުކުރެވެން ހުރި މައުލޫމާތެއް ނޫނެވެ. ސަބަބަކީ އިކޮނޮމިކް މިނިސްޓްރީން ޝާއިއުކުރާ ފޮރިން ޑައިރެކްޓް އިންވެސްޓުމަންޓުގެ ރަޖިސްޓްރީގައި ސައީދު ހިއްސާކުރެއްވި ހުރިހާ އަހަރެއްގެ މައުލޫމާތު ނެތުމާއި، ރަޖިސްޓްރީ ކުރި އަހަރު އޮތަސް ތާރީހު ނެތުމުންނެވެ.
މި ރަސްމީ ރަޖިސްޓްރީގައި ހިމަނާފައި ވަނީ ކޮންޓްރެކްޓަރުން ފިޔަވައި, 2015 އިން ފެށިގެން މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ރަޖިސްޓްރީ ކުރާ ހުރިހާ ފޮރިން އިންވެސްޓުމަންޓުތަކުގެ މައުލޫމާތު ހިމެނޭ ރަސްމީ ރަޖިސްޓްރީ އެވެ. މި ރަޖިސްޓްރީގައިވާ ގޮތުން 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ރަޖިސްޓްރީ ކުރީ 251 ވިޔަފާރި އެވެ. 2019 އިން ފެށިގެން 2023 ގެ ނިޔަލަށް ރަޖިސްޓްރީ ކުރީ 275 ވިޔަފާރި އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ރަޖިސްޓްރީ ކުރީ 12 ވިޔަފާރި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރީގައި ހުރި އަދަދުތަކަކީ އިންވެސްޓުމަންޓު ހޯދުމުގައި ސަރުކާރެއްގެ ކާމިޔާބީ ވަޒަންކުރަން އެއް ގޮތަކަށް ވެސް ގެންގުޅެވޭނެ އަދި ގެންގުޅޭ މިންގަނޑެއް ވެސް ނޫނެވެ. އިންވެސްޓުމަންޓުތައް ގެނައުމުގައި ކާމިޔާބީ ވަޒަންކުރަނީ އިންވެސްޓުމަންޓު ވަންނަ އަދަދަށް ބަލައިގެންނެވެ.
މި ރަޖިސްޓްރީގައި ނަމްބަރުތައް ގިނަ ވެފައި، އޭގައި އިންވެސްޓުކުރާނެ ކަމަށް ބޮޑު އަދަދެއް އޮތަސް ވާ ފައިދާއެެއް ނެތެވެ. އިގުތިސޯދަށް ފައިދާއެއް ކުރަނީ މި ވިޔަފާރިތަކުން ރާއްޖެއަށް ފައިސާ ވައްދައި، އެ ފައިސާ ރާއްޖޭގައި އިންވެސްޓުކުރީމަ އެވެ.

1999 އިން 2024 އަށް ފޮރިން ޑައިރެކްޓު އިންވެސްޓުމަންޓުތައް: އެންމެ ގިނަ އަދަދަކަށް އިންވެސްޓުމަންޓު ވަނީ 2019 ގައި
މި ގޮތުން ވޭތުވި 25 އަހަރުގެ ތެރޭގައި ރާއްޖެއަށް ވަން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތަކުގެ އަދަދު ބަލައި، އެކި ދައުރުތަކުގައި ވެއްދި އިންވެސްޓުމަންޓުތަކުގެ އަގު އަދަދު އިން ހިސާބުކުރީމެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ވަން ފޮރިން ޑައިރެކްޓް އިންވެސްޓުމަންޓުތަކުގެ ޖުމްލައަކީ 806 މިލިއަން ޑޮލަރެވެ. މިއީ ރެކޯޑުތައް ބެލި މުއްދަތުގައި ކޮންމެ އަހަރެއްގައި ވަން އެވަރެޖަށް ވުރެ މާ ބޮޑަށް ވެސް އިތުރު އަދަދެކެވެ.
މިހެން ނަމަވެސް މިއީ މިހާތަނަށް އެންމެ ގިނަ އަދަކަށް ބޭރުން އިންވެސްޓުމަންޓުތައް ވަން އަހަރެއް ނޫނެވެ. މި ރެކޯޑު މުގުރާލި އަހަރަކީ 2019 އެވެ. އެ އަހަރު 961 މިލިއަން މިލިއަން ޑޮލަރު ފޮރިން އިންވެސްޓުމަންޓުގެ ގޮތުގައި ވަނެވެ. މިދިޔަ އަހަރަކީ ދެ ވަނަ އަށް އެންމެ ގިނަ އިންވެސްޓުމަންޓުތައް ވަން އަހަރެވެ.
ވަކިވަކި އަހަރުތަކުގައި ވަން އަދަދުތަކުގެ އިތުރުން، އެކި ސަރުކާރުތަކުގެ ރިޔާސީ ދައުރުތަކުގައި ވަން އިންވެސްޓުމަންޓުތަކާއި އަހަރުންއަހަރަށް އިންވެސްޓުމަންޓުތައް އިތުރުވީ ނިސްބަތާއި 25 އަހަރުގެ މުއްދަތުގެ ތެރޭގައި އިންވެސްޓުމަންޓުތައް ހުރި އެވަރެޖު ވެސް ހިސާބުކުރީމެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި:
- އެންމެ ގިނަ އިންވެސްޓުމަންޓުތައް ވަނީ - 2019 އިން 2023 އަށް (3.5 ބިލިއަން ޑޮލަރު)
- އެވަރެޖުކޮށް އަހަރެއްގައި ވަންނަ ފޮރިން ޑައިރެކްޓް އިންވެސްޓުމަންޓަކީ - 338 މިލިއަން ޑޮލަރު
- އަހަރުންއަހަރަށް އިންވެސްޓުމަންޓުތައް އެންމެ އިތުރުވީ - 2007 ގައި
- އަހަރުންއަހަރަށް އިންވެސްޓުމަންޓުތައް އެންމެ ދަށްވީ -
- އެވަރެޖަށް ވުރެ މަތިން އިންވެސްޓުމަންޓުތައް ވަނީ - 11 އަހަރު
- 25 އަހަރުގެ ތެރޭގައި ވަން ޖުމްލަ އަދަދު - 8.4 ބިލިއަން ޑޮލަރު
ރާއްޖެއަށް މައިގަނޑު ގޮތެއްގައި އިންވެސްޓުމަންޓުތައް ވަންނަނީ ޓޫރިޒަމަށެވެ. އެހެން ސިނާއަތްތަކަށް ބަލާއިރު ދެން ހުރި ބޮޑެތި އިންވެސްޓުމަންޓުތަކަކީ ވެސް ޓޫރިޒަމާ ގުޅުން ހުރި ސިނާއަތްތަކަށް ކޮށްފައި ހުރި އިންވެސްޓުމަންޓުތަކާއި ބިޔަ ކޮންސްޓްރަކްޝަން ކުންފުނިތަކެވެ. އެހެން ދާއިރާތަކުން އިންވެސްޓުކުރަން ކުންފުނިތައް ރަޖިސްޓްރީކޮށްފައި ހުއްޓަސް، ބޮޑެތި އިންވެސްޓުމަންޓުތަކެއް ނޫނީ ހިނގަހިނގާ ހުރި ބޮޑު ޕްރޮޖެކްޓެއް ނޫނީ ވިޔަފާރިއެއް އެހެން ސިނާއަތަކުން ފެންނާކަށް ނެތެވެ.

ފަސް ސަރުކާރެއްގައި ވަން ފޮރިން އިންވެސްޓުމަންޓުތައް: ދައުރުންދައުރަށް އިންވެސްޓުކުރާ ޖުމުލަ އަދަދު އިތުރުވޭ --- އަދަދު ޗާޓު
މިކަން ބަދަލުކުރަން އެކި ސަރުކާރުތަކުން މަސައްކަތްކޮށް، ބޭރުގެ އިންވެސްޓަރުން ވެސް އައިސްފައި ވެ އެވެ. އެކަމަކު ފައިސާ ވައްދައިގެން ރަނގަޅު މަސައްކަތެއް ކުރެވުނު އިންވެސްޓަރުންނެއް އޭގެ ތެރޭގައި ނެތެވެ. މި ސަރުކާރުން ވެސް އަންނަނީ އިގުތިސޯދު ސިންދަފާތުކޮށް، އެހެން ސިނާއަތްތަކަށް އިންވެސްޓުމަންޓުތައް ގެންނަން ބާރުއަޅަމުންނެވެ.
މި ސަރުކާރުން އިންވެސްޓުމަންޓު ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ދާއިރާގެ މާލި ދާއިރާ، ވަކިން ހާއްސަކޮށް ފިންޓެކް އިންވެސްޓުމަންޓުތައް ވައްދަން މަސައްކަތް ކުރަމުންނެވެ. ހުޅުމާލޭ އާބަން އައިލްގައި ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާ ގަތަރުގެ އެމްބީއެސް ގްލޯބަލްއިން އިންވެސްޓު ކުރާނެ ކަމަށް ބުނާ ބިލިއަން ޑޮލަރަކީ ވެސް މީގެ އިންވެސްޓުމަންޓެކެވެ. ނަމަވެސް ދައްކާލި ކުރެހުންތައް ފިޔަވައި އަދި މި މަޝްރޫއުގައި ކުރެވުނު މަސައްކަތެއް ފެންނާކަށް ނެތެވެ.
ފޮރިން އިންވެސްޓުމަންޓުތަކަށް ފަހިކުރުމުގެ ސަރުކާރުން ވަނީ ފޮރިން އިންވެސްޓުމަންޓު ގާނޫނު ބަދަލުކޮށް، ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގާނޫނު ތަންފީޒުކުރަން ފަށާފަ އެވެ. އެސްއީޒެޑު ގާނޫނުގެ ދަށުން ކެނެޑާގެ އަބްރަކްޒަސްއިން ވަނީ ފްލޯޓިން ސޯލާ ނިޒާމަކުން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ ބިޔަ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފަ އެވެ.












