ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެންބަރަކު، މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް "ގައުމާއި ރައްޔިތުންގެ ހައްގުގައި" ޕާޓީ ދޫކޮށްލައި ރައްޔިތުންގެ ފަޅިއަށް އަރާނެކަން ޔަގީންވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވި އެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓަށް ޕީއެންސީގެ މެންބަރުން ގަދައަށް ރައްދު ދެއްވަން ފެއްޓެވީ އައްބާސް ވިދާޅުވި ވާހަކަ ނޫސްތަކުގެ ސުރުހީތަކަށް އައުމުންނެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށެވެ.
އަބަދު މަންމަނުވެގެން ނުތިބެވޭނެ ކަމާއި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސް ބުނާނެ ކަމަށް ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ފާހަގަ ކަމަށް އައްބާސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދެކި އަދި މަޝްވަރާ ކުރުމެއް ނެތި ކުއްލި ކުއްލި ކަންކަން ކުރައްވާ ތަން ބަލަން ނުތިބޭނެ ކަމާއި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ވެސް މަޝްވަރާ ކުރުމެއް ނެތި މަޖިލީހަށް ހުށައަޅާ ބިލްތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި ކަމަށް އައްބާސް ވިދާޅުވި އެވެ.

ބުދަ ދުވަހަކީ ކައުންސިލްތަކުގެ ބާރު ނެގުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުގެ ތަޅުމުން ފާސްކުރި ދުވަހެވެ. އެ ބިލް އަނބުރާ ގެންދިޔުމަށް ގިނަ ކައުންސިލްތަކަކުން ގޮވާލާފައި ވާއިރު، އެ ބިލް އަދި ތަސްދީގެއް ނުކުރައްވަ އެވެ.
ރަށްރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާތީވެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ދާއިރާތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި މޮޅެތި ބަސްތައް ވިދާޅުވުމާއި ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި،" އައްބާސް ލިޔުއްވާފައިވެ އެވެ.
އެ ބައްދަލުވުމުގައި އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ، އައްބާސް ވިދާޅުވި ގޮތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ހުސައިން އެވެ. އޭގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުގެ އުދާސްތައް ވެސް ބަންޑުންކޮށްލި ކަމަށް ބުނެ އެވެ.
އައްބާސްގެ އެ ވާހަކަ ހުސްނީ މުބާރަކު ދޮގު ކުރެއްވުމުން އައްބާސް ވިދާޅުވީ ބައްދަލުވުމުގެ ރެކޯޑިން އެބަ އޮތް ކަމަށެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 75 މެންބަރުންނަކީ ޕީއެންސީ އެވެ.
އައްބާސްގެ ޕޯސްޓަށް ޕީއެންސީގެ ގިނަ މެންބަރުންތަކެއް ރައްދު ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ އެ ބައްދަލުވުމުގައި އެމަނިކިފާނު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
"މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަދަދު ސްކްރީން
ނަމާދު ވަގުތު
- ފަތިސް 04:47
- އިރުއަރާ 06:02
- މެންދުރު 12:15
- އަޞްރު 15:32
- މަޣްރިބް 18:22
- ޢިޝާ 19:36












