ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރަށު ކައުންސިލުތަކާ ބައްދަލު ކުރެއްވުމުން ވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާވާ ކަމަށް ލޯކަލް ގަވަމަންޓް އެންޑް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލުތަކަށް ލިބޭ މާލީ ބާރުވެރިކަން ހިމެނޭ ގޮތަށް ގިނަ ބާރުތަކެއް ހަނި ކުރަން މިއަދު މަޖިލީހުން ބިލެއް ފާސް ކުރި ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަން ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ކައުންސިލުތަކާ ބައްދަލު ކުރުން ވެސް ހިމެނޭ ކަމަށެވެ.
"ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާ ގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫއުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ހަގީގީ މާނައިގާ ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް،" މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލުތަކަށް ލިބިދޭ މާލީ ބާރުވެރިކަން ހަނި ކުރަން މިއަދު ފާސް ކުރި ބިލުގެ ހަގީގަތް އޮޅުވާލެއްވުމަށް ވެސް ޝަރީފް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ބިލުގެ ނަން ވިދާޅުނުވެ އޭނާ ވިދާޅުވީ މިއަދު ފާސް ކުރި ބިލުގެ ސަބަބުން ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުވާނެ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން،" ޝަރީފް ވިދާޅުވި އެވެ. "ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން."

ޝަރީފް އެހެން ވިދާޅުވި އިރު، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން ނަގައިލަން ކަމަށް ބުނެ 50 އަށް ވުރެ ކައުންސިލުން ވަނީ މިއަދު ފާސް ކުރި އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
މިއަދު ފާސް ކުރި ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުއަސާސީ ހިލާފު ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "ހީލަތްތެރި" ގޮތެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ.
"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ފަރުމާކޮށްފައި އޮތީ ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމަށާއި ތަންތަން ކުއްޔަށް ދިނުމަށް ކައުންސިލަށް ލިބޭ ބާރު ހަނިވާނެ ގޮތަށެވެ.
މިއަދު ފާސްކުރި ބިލުގައިވާ ބައެއް ކަންކަން
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
- އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
- އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
- ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
- ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
- އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން.
މާލީ ކަންކަމަށް ނުފޫޒު ފޯރުވުން
- ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން
- ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން











